ދެ އަހަރަށް ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަން ނިންމައިފިއެވެ.

ޔާމީނު ލީޑުކުރައްވާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ފަރާތުން މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ އަންނަ ހުކުރު ދުވަހު ބާއްވާ ޖަލްސާއެއްގައި ޔާމީން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ. ޝުޖާއު ވިދާޅުވީ އެ ޖަލްސާގައި ޔާމީން އެމަނިކުފާނުގެ ސަޕޯޓަރުންނާ އަދި މުޅި ގައުމާ މުހާތަބު ކުރައްވާނެ ކަމަށެވެ.

މި ޖަލްސާ އޮންނާނީ އަލިމަސް ކާނިވަލުގައި "މަރުހަބާ ރައީސް ޔާމީން" ނަމުގައި ރޭގަނޑު 8:30 ގައެވެ.

އިއްޔެ ސުޕްރީމް ކޯޓުން ޔާމީނު މިނިވަން ކުރުމުން އެމަނިކުފާނު ވަނީ ޕީޕީއެމް އޮފީހަށް ވަޑައިގެން ކޯލިޝަންގެ އިސް ލީޑަރުންނާއި ކުރީގެ އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވާފައި ކަމަށް އެ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން ރަށްރަށަށް ދަތުރުފުޅު ކުރައްވައި ސިޔާސީ ހަރަކާތް ފުޅާކުރައްވަން ވިސްނަވާފައިވާ ކަމަށާއި އަދި އެމަނިކުފާނުގެ އެންމެ އިސްކަމެއް ދެއްވާނީ މިހާރު ކޯލިޝަނުން ކުރިއަށް ގެންދާ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ހަރަކާތަށް ކަމަށެވެ.

ހީނާ ވިދާޅުވީ ހުކުރު ދުވަހުގެ ރޭގެ ޖަލްސާގައި ޔާމީން ދައްކަވާނެ ވާހަކަފުޅު އަދި ސާފުވެފައި ނުވާ ކަމަށާއި އެ ޖަލްސާއަކީ ޔާމީން އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވަން ބޭނުންފުޅުވެގެން ބާއްވާ ޖަލްސާއެއް ކަމަށެވެ.