އިސްތިއުނާފީ މަރުހަލާގައި ބަންދުން ދޫނުކޮށް ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް، ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމާ ގުޅިގެން، ރައީސް ޔާމީންގެ މައްޗަށް ކުރި ތުހުމަތުން ބަރީއަ ވުމަކީ، އެމަނިކުފާނު ބަންދުގައި ބެހެއްޓުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ދައުލަތުން އެމަނިކުފާނަށް ދޭން ޖެހޭ ކަމެއްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބުދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާއިން މަނީލޯޑާ ކުރުމުގެ ކުށުގައި، ފަސް އަހަރު ދުވަހަށް ޖަލަށްލުމާއެކު ފަސްމިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން އިއްޔެ ބާތިލު ކުރުމާ ގުޅިގެން ރައީސް ޔާމީން ވަނީ މިނިވަން ވެފައެވެ.

އެކަމާ ގުޅިގެން ޑރ. އަހުމަދު އަބުދުﷲ ދީދީ މިއަދު ކުރެއްވި ޓުވީޓެއްގައި މިއަދު ވިދާޅުވީ، ރައީސް ޔާމީން މައްސަލައިގެ އިސްތިއުނާފު ކުރިއަށް ދިއައިރު އެ މަރުހަލާގައި ޔާމީން ބަންދު ކޮށްފައި ބެހެއްޓުމަކީ ބެސްޓް ޕްރެކްޓިސްއާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

އެހެންކަމުން އެކަމުގެ ބަދަލު ސަރުކާރުން ދޭން ޖެހޭ ކަން ޔޫރަޕްގެ އިންސާނީ ގައްގުތަކާބެހޭ ކޯޓުގެ ނިންމުންތަކުން އެނގެން އޮންނަ ކަމަށްވެސް ވިދާޅުވިއެވެ.

އިއްޔެ ސުޕްރީމް ކޯޓުން ކުރި ހުކުމާ ބެހޭގޮތުން ޑރ. އަބުދުﷲ ދީދީ ވިދާޅުވީ، އެ ހުކުމުން ތިންކަމެއް އެނގި ކަށަވަރުވެގެން ހިނގައްޖެ ކަމަށެވެ.

ފުރަތަމަ ކަމަކީ، އުންސުރު ފުރިހަމަ ނުވާ ބާތިލު ދައުވާއެއް އުފުލައި ޖުޑިޝަލް ސިސްޓަމް ބޭނުން ކޮށްގެން އިދިކޮޅު ލީޑަރު ސިޔާސީ މައިދާނުން އެކަހެރިކުރުމަށް މިއަދުގެ ސަރުކާރުން މަސައްކަތް ކޮށްފައިވާކަން ކަމަށާއި، ދެވަނަ ކަމަކީ އިސްތިއުނާފު މުއްދަތުގައި ބަންދުގައި ބަހައްޓާފައިވާތީ ރައީސް ޔާމީނަށް ބަދަލު ދޭން ޖެހުމެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ މިނިވަންކަމާއި މުސްތަގިއްލުކަން ކަށަވަރުކުރުމަށް ބޭނުންވާ އިސްލާހުތައް ލަސް ނުކޮށް ގެންނަން ޖެހިފައިވާކަން ފާހަގަ ވެފައިވާ ކަމަށާއި، މިގޮތުން އެންމެ ފުރަތަމަ އިސްލާހުކުރަން ޖެހޭ ދެ މުއައްސަސާއަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޕްރޮސިކިއުޓާޖެނެެރަލް (ޕީޖީ) ކަމަށްވެސް ވިދާޅުވިއެވެ.