ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން، ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ ނުނިމި އޮތުމަކީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވައިކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލިސް ޖަލްސާ، ބޭއްވުމަށް އޮތް ހުރަހެއް ނޫން ކަމަށް ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބުދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުގެ 48 މެމްބަރުންގެ ސޮޔާއެކު ރައީސް ނަޝީދު މަޖިލިސް ރައީސްކަމުން ވަކި ކުރަން ހުށަހަޅާފައިވާއިރު، ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން 14 ދުވަހުގެ ނޯޓިސް މަޖިލީހުގެ ރައީސް އަށާއި މެންބަރުންނަށް ފޮނުވި މުއްދަތު މިއަދަށް ވަނީ ހަމަވެފައެވެ.

އެ ސާދަ ދުވަހުގެ ނޯޓިސްގެ މުއްދަތު ހަމަވެެގެން މަޖިލީހުގެ ރައީސް މަޖިލީހުގެ ވަކި ކުރުމުގެ މައްސަލަ އެޖެންޑާ ކުރުމަށްފަހު، އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެއްވެސްކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ، މަޖިލިސް ރައީސް މަގާމުން ވަކި ކުރުމުގެ މައްސަލައަށް ގޮތެއް ނިންމަށްފަހުގައި ކަމަށް މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) ގައި ވަނީ ކަނޑައަޅައިފައެވެ.

އެހެންކަމުން މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނުނިންމައި ރައީސް މުއިއްޒު ހުވާ ކުރެއްވުމުގެ ޖަލްސާ މަޖިލީހުން ބޭއްވުމަކީ އެ ޖަލްސާއާމެދު ގާނޫނީގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި އެހެންކަމުން އެ ހުވާ ގާނޫނުއަސާސީއާ ހިލާފުވާނެ ކަމަށާއި އެހެން އެކަން ހިނގައިފިނަމަ ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުން ނުދޭނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އިންތިހާބީ ރައީސް މަގާމުގެ ދުސްތޫރީ ހުވާ ކުރުމަށް އެމްޑީޕީން ހުރަސްއަޅަން އުޅޭ ކަމަށް ބުނެ މީޑިއާތަކުގައި ހާމަކުރަމުންދާ ކަންތައްތަކާ ގުޅޭ ގޮތުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ދީދީ ވިދާޅުވީ، ގާނޫނުއަސާސީގެ 114 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ އެ މަޖިލީހުގެ ހިންގުމުގެ ގާވާއިދާ އެއްގޮތަށް ސައްހަ އިޖުރާއާތުގެ ދަށުން ބާއްވާ ޖަލްސާއަކަށް ވާންވާނެ ކަމަށެވެ. އަދި އެ ޖަލްސާއަށާއި ޖަލްސާގެ އިޖުރާއާތަށް ހުރަސްއެޅުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ރ)، (ބ)، (ޅ)، (ކ) އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ކަމާބެހޭ މާއްދާތަކާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ފާސްކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިގެންވާ ދުސްތޫރީ ބާރެއް ކަމަށާއި އެކަމަށް ހުރަސްއެޅުމުގެ ގާނޫނީ ހައިސިއްޔަތު އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށްވެސް ޑރ. ދީދީ ވިދާޅުވެފައިވެއެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާ ގުޅޭ ގޮތުން ބާއްވާ މަޖިލީހުގެ ޖަލްސާ، މަޖިލީހުގެ ނާއިބު ރައީސްގެ ރިޔާސަތުގައި ނުވަތަ އެ ނޫންވެސް މެންބަރެއްގެ ރިޔާސަތުގައި ކުރިއަށް ގޮސްގެން ނޫނީ ގާނޫނާ އެއްގޮތަށް އޮމާންކަމާއެކު މަޖިލީހުގެ އިޖުރާއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.

"އެހެންކަމުން މަޖިލީހުގައި މިހާރު ތާވަލުކުރެވިފައިވާ، އެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ކޮންމެ ސަބަބަކާހުރެ ނަމަވެސް، ނުނިމި އޮތުމަކީ 17 ނޮވެމްބަރު 2023 ގައި އިންތިހާބީ ރައީސް މަގާމުގެ ހުވާ ކުރުމަށް ބާއްވާ ރައްޔިތުންގެ މަޖލީހުގެ ޖަލްސާ، ގާނޫނުއަސާސީއާއި ގާނޫނީ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބޭއްވުމަށް އޮތް ހުރަހެއް ނޫނެވެ.،" ޑރ. ދީދީގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.