އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާބެހޭ ގޮތުން ގޮތެއް ނިންމޭނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނިންމުމަށް ފަހުގައި ކަމަށް ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުގެ 48 މެމްބަރުންގެ ސޮޔާއެކު ރައީސް ނަޝީދު މަޖިލިސް ރައީސްކަމުން ވަކިކުރަން ހުށަހަޅާފައިވާ އިރު، ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން 14 ދުވަހުގެ ނޯޓިސް މަޖިލީހުގެ ރައީސަށާއި މެންބަރުންނަށް ފޮނުވި މުއްދަތު މިއަދަށް ވަނީ ހަމަވެފައެވެ. އެހެންކަމުން އެކަމަށްޓަކައި އަންނަ އާދިއްތަ ދުވަހު މަޖިލިސް ޖަލްސާއެއް ބާއްވަން ނިންމައި އެ ދުވަހުގެ ޖަލްސާއަށް އެ މައްސަލަ ވަނީ އެޖެންޑާވެސް ކޮށްފައެވެ.

ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން، މަޖިލިސް ރައީސް މަގާމުން ވަކިކުރުމަށް އެޖެންޑާ ކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހެނީ މަޖިލީހުގެ ނައިބު ރައީސެވެ. ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ ބުދަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގެ ރިޔާސަތަށްވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަޑައެއްނުގަންނަވައެވެ.

އެހެންކަމުން އާދިއްތަ ދުވަހުގެ ޖަލްސާ ކުރިއަށްދާނެ ކަމާމެދު އެ މައްސަލަ ހުށަހެޅި އެމްޑީޕީންވެސް ވަނީ ޝައްކު އުފައްދައިފައެވެ. އެގޮތުން އާދީއްތަ ދުވަހުގެ ޖަލްސާ ކުރިއަށް ގެންދަން ފުރުސަތު ނުދޭން ރާވާފައިވަނީ މަޖިލީހުގެ ނާއިބު ރައީސް އީވާ އާދިއްތަ ދުވަހުގެ ޖަލްސާއަށް ވަޑައިނުގެން ކަމަށް އެމްޑީޕީގެ މެމްބަރުން ވަނީ ތުހުމަތު ކުރައްވައިފައެވެ.

ސާދަ ދުވަހުގެ ނޯޓިސްގެ މުއްދަތު ހަމަވެެގެން މަޖިލީހުގެ ރައީސް މަޖިލީހުގެ ވަކި ކުރުމުގެ މައްސަލަ އެޖެންޑާ ކުރުމަށްފަހު އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެއްވެސްކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ، މަޖިލިސް ރައީސް މަގާމުން ވަކި ކުރުމުގެ މައްސަލައަށް ގޮތެއް ނިންމަށްފަހުގައި ކަމަށް މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) ގައި ވަނީ ކަނޑައަޅައިފައެވެ.

އެހެންކަމުން މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނުނިންމައި ރައީސް މުއިއްޒު ހުވާކުރެއްވުމުގެ ޖަލްސާ މަޖިލީހުން ބޭއްވުމަކީ އެ ޖަލްސާއާމެދު ގާނޫނީގޮތުން ސުވާލު އުފެދޭކަމެއް ކަމަށެވެ. އެހެންކަމުން އެ ހުވައި ގާނޫނުއަސާސީއާ ހިލާފުވާނެ ކަމަށާއި އެހެން އެކަން ހިނގައިފިނަމަ ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުން ނުދޭނެ ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.

ނަމަވެސް އެމްޑީޕީގެ އެ ވާހަކަތައް ދަ ޑިމޮކްރެޓްސްއާއި ޕީޕީއެމް އަދި ޕީއެންސީން ކުށްވެރިކޮށްފައިވާއިރު، ބައެއް މީހުން ދަނީ އެ މައްސަލައިގައި އިންތިހާބީ ރައީސްގެ ވަޒީރުންގެ މަޖިލިސް އެކުލަވާލުމުގެ ދުސްތޫރީ ބާރަށް އެމްޑީޕީން ހުރަސްއަޅަން އުޅޭ ކަމަށް ބުނަމުންނެވެ.

އެކަމާ ގުޅިގެން ޑރ.ޑީޑީ އެކްސްގައިި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ފަހު، އެ ގަރާރާ މެދު ގޮތެއް ނިންމުމުގެ ކުރިން، މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ގޮތެއް ނިންމުމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) ތަންދޭ ކަމެއް ނޫން ކަމަށެވެ.

އޭގެ އިތުރުން ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ ދަށުން ހުށަހެޅޭ ކަންތައްތަކާ ގުޅިގެންވެސް މަޖިލީހަށް ގޮތެއް ނިންމޭނީ، މަޖިލިސް ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ފަހުގައި ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ގައި ބުނަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި، ވަޒީރުންގެ މަޖިލީހަށް އައްޔަންކުރާ އެހެން މެންބަރުން އެ މަޖިލީހަށް އައްޔަން ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންވާނެ ކަމަށެވެ. އަދި (ރ) ގައި ބުނަނީ ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހުންގެ ނަންތައް އެ މީހުން އައްޔަންކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަންވާނެ ކަމަށެވެ.

އެހެންކަމުން މަޖިލިސް ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައާމެދު ވީހާވެސް އަވަހަށް ގޮތެއް ނިމިގެންދިއުމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު އަމާންކަމާއި އޮމާންކަމާއެކު ހިންގުމަށް ކޮންމެހެން ޒަރޫރަތްތެރި ކަމެއްކަމަށް ޑރ. ޑީޑީ ވިދާޅުވެފައިވެއެވެ.

"ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ރ)، (ބ)، (ޅ)، (ކ) އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާދުގެ ކަމާބެހޭ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ފާސްކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިގެންވާ ދުސްތޫރީ ބާރެއްކަމުގައިވާ އިރު، އެކަމަށް ހުރަސްއެޅުމުގެ ގާނޫނީ ހައިސިއްޔަތެއް އެއްވެސް ފަރާތަކަށް ލިބިގެން ނުވެއެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާބެހޭ ގޮތުން ބާއްވާ މަޖިލީހުގެ ޖަލްސާ މަޖިލީހުގެ ނާއިބު ރައީސްގެ ރިޔާސަތުގައި ނުވަތަ އެ ނޫންވެސް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ބާރު މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް، ލިބިގެންވާ ފަރާތެއްގެ ރިޔާސަތުގައި ކުރިއަށް ގޮސްގެން މެނުވީ ޤާނޫނާ އެއްގޮތަށް އޮމާންކަމާއެކު މަޖިލީހުގެ އިޖުރާއާތު ކުރިއަކަށް ނުދާނެއެވެ.،" ދީދީ ވިދާޅުވެފައިވެއެވެ.