ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކުރުމުގެ އަމުރެއް ކުރިމިނަލް ކޯޓުން ނެރެފައިވާތީ, އޭނާ ހޯދުމަށް އިންޓަޕޯލްގެ އެހީ ހޯދުމަށް ފުލުހުން ނިންމައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "ވަން އަށް މިއަދު ވިދާޅުވީ، އަލީ ވަހީދު ހައްޔަރުކުރުމުގެ އަމުރު އިންޓަޕޯލަށް ހުށަހަޅަން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން އިތުރަށް ސުވާލުކުރުމުން މީޑިއާ އޮފިޝަލު ވަނީ، ކުރީން ދެއްކެވި ވާހަކަ ތަކުރާރުކޮށްފައެވެ. އާ މައުލޫމާތެއް ނުދެއްވައެވެ.
"އެކަމާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރަމުން ދަނީ." މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
ޖިންސީ ފުރައްސަރާއި ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް ދައުލަތުން ވަނީ އަލީ ވަހީދުގެ މައްޗަށް ކޮށްފައެވެ. އެ ދައުވާތައް ކޯޓުގައި ކުރިއަށް ދަނިކޮށް އަލީ ވަހީދު ވަނީ ބޭސް ފަރުވާއަށް ކަމަށްބުނެ އިނގިރޭސިވިލާތަށް ގޮސްފައެވެ. އޭނާ ރާއްޖެއިން ފުރަން ހުއްދަ ދިނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނު ވުމުންނެވެ. ޖާމިނުވުމުގެ އެއްބަސްވުމުގައި އަޑުބަރޭ އިގުރާރުވީ ހަތަރު މަސް ދުވަސް ފަހުން އަލީ ވާހިދު ރާއްޖެ ގެންނާނެ ކަމަށާއި، އަދި އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށެވެ.
ނަމަވެސް ހަތަރު މަސް ހަމަވިއިރު ވެސް އަލީ ވަހީދު ރާއްޖެ އައިސްފައެެއް ނުވެއެވެ. އެކަމާ ގުޅިގެން މީގެ ކުރިން އަލީ ވަހީދު ވިދާޅުވެފައި ވަނީ ރާއްޖެ ނައީ ބޭސް ފަރުވާ އަދި ނުނިމޭތީ ކަމަށާއި އެކަމާ ގުޅޭ ލިޔުންތައް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އަލީ ވަހީދު އެދިފައިވަނީ އޮންލައިންކޮށް އޭނާގެ ޝަރީއަތް ކުރިއަށް ގެންދިޔުމަށެވެ.
އަލީ ވަހީދު އެދުނު ގޮތަށް ކްރިމިނަލް ކޯޓުން ވަނީ އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިޔުމަށް ނިންމައިފައެވެ. އެއީ އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނަ ހައިކޮމިޝަނަށް ހާޒިރުކޮށްގެން ޝަރީއަތުގައި ބައިވެރި ކުރާ ގޮތަށެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ގެންދިއުމަށް އިއުތިރާޒު ކޮށްފައެވެ. އެހެންވެ ކްރިމިނަލް ކޯޓުގެ އެ ނިންމުން ހައި ކޯޓަށް ހުށަހެޅިއެވެ. ހައި ކޯޓުން އެ މައްސަލަ ބަލައިނުގަތުމުން ޕީޖީ އިން ވަނީ ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅައިފައެވެ.
ސުޕްރީމް ކޯޓުން އެ މައްސަލައާ ގުޅިގެން އަލީ ވަހީދު ކޯޓަށް ހާޒިރު ވާން ޗިޓު ފޮނުވިއެވެ. ޗިޓު ލިބިފައިވަނިކޮށް ވެސް މަގުބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރު ނުވުމުން އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބަލައި ސުޕްރީމް ކޯޓުން ވަނީ އަލީ ވަހީދު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. ސުޕްރީމް ކޯޓުން ވަނީ އޮންލައިންކޮށް ކުރިޔަށް ގެންދިޔަ އަޑުއެހުންތައް ހުއްޓައިލަން އަމުރުކޮށްފަ އެވެ. އެ ހުކުމުގެ ސަބަބުން ކްރިމިނަލް ކޯޓުގައި އޮތް އަލީ ވަހީދުގެ މައްސަލަ މަޑުޖެހިފައި ވަނިކޮށް މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައެވެ.
މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ބުނީ އަލީ ވަހީދަށް ބޭސްފަރުވާއަށް އެކަށީގެންވާ ވަގުތު ދެވިއްޖެކަމާއި އޭނާ ކޯޓުތަކަށް ފިލައިގެން އުޅޭތީ ހައްޔަރުކުރުމުގެ އަމުރެއް ނެރޭނެ ކަމަށެވެ. އެ އަޑުއެހުމަށް، ޖާމިނުވި އަޑުބަރޭ ވެސް ހާޒިރުވިއެވެ.
އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އަޑުބަރޭ ވިދާޅުވެފައިވަނީ ހަތަރު މަސް ފަހުން އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދިން ކަމަށެވެ. ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވެފައިވަނީ އޮންލައިންކޮށް ބައިވެރިވެވޭނީ ކަމަށާއި އެއީ ކޯޓަށް ހާޒިރު ވުން ނޫންކަން ސުޕްރީމް ކޯޓުގެ ހުކުމުން އެނގޭ ކަމަށާއި 72 ގަޑިއިރު ތެރޭގައި އަލީ ވާހިދު ކޯޓަށް ހާޒިރު ނުކޮށްފިނަ އަޑުބަރޭއަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު