ކޮންމެ ބޭފުޅަކަށްވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބޭނީ ޕްރައިމަރީގައި ވާދަކޮށްގެން ކަމަށާއި ނަމަވެސް އެދެނީ 2023 ގައި ރިޔާސީ އިންތިހާބެއް ނުބޭއްވުން ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ "އާސްކް ސްޕީކާ" ޕްރޮގްރާމުގައި ރައީސް ނަޝީދު މިރޭ ވިދާޅުވީ، ރާއްޖެއަށް އެންމެ ފައިދާހުރި ވެރިކަމުގެ ނިޒާމަކީ ޕާލިމަންޓަރީ ނިޒާމު ނުވަތަ ބަރުލަމާނީ ނިޒާމް ކަމަށެވެ.
ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއެއް ކަމަށާއި ޕާޓީގެ އިންތިހާބުތައް ކުރިއަށް ގެންދާނީ ޑިމޮކްޓެރިކް އުސޫލުން ކަމަށާއި އެހެންކަމުން އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބޭނީ ޕްރައިމަރީއެއްގައި ވާދަކޮށް އެ ޕްރައިމަރީ ކާމިޔާބުކޮށްގެން ކަމަށެވެ. އަދި ރާއްޖޭގެ ކަންކަން އިސްލާހުކުރުމަށް ވެރިކަމުގެ ނިޒާމު ބަދަލުވާން ޖެހޭކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު އެދެނީ 2023ގައި ރިޔާސީ އިންތިހާބެއް ނެތުން،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އަންނަނީ ފާޅުގައި، ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް އަންނަ އަހަރުގެ ނޮވެމްބަރު މަހު ވޯޓެއް ނަގައި، 2023 ވަނަ އަހަރު ނިޒާމު ބަދަލުކުރުމަށް ހުރިހާ ޕާޓީއަކުން ވެސް އެއްބަސްވާ ކަމަށް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބޭނީ ޕްރައިމަރީގައި ވާދަކޮށްގެން ކަމަށް ނަޝީދު ވިދާޅުވި އިރު، އެމްޑީޕީން ފާސްކޮށްފައިވާ ގަރާރެއްގައިވާ ގޮތުން ވެރިކަމުގައި ހުންނަނީ އެމްޑީޕީގެ މެންބަރެއް ކަމުގައިވާނަމަ ޕްރައިމަރީއަކާ ނުލައި ދެވަނަ ދައުރަކަށް އިންތިހާބުކުރުމުގެ ފުރުސަތު ދެވިދާނެއެވެ. ނަމަވެސް އެކަމާ އެމްޑީޕީގެ އެތެރޭގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް އުފެދިފައެވެ. ހާއްސަކޮށް، އެމްޑީޕީގެ އެތެރޭގައި ރައީސް ނަޝީދުގެ ފެކްޝަނަކާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނެއް އުފެދިފައިވާ ކަމުގެ އަޑުތައް ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ބަލިނުވާނެ ކަމަށާއި ޕްރައިމަރީއަކާ ނުލައި ރައީސް ސޯލިހަށް ޓިކެޓް ލިބޭނެ ގޮތެއް ނޯންނާނެ ކަމަށް މީގެ ކުރިން ވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. އަދި އިންތިހާބުތަކުގައި ވާދަކުރައްވަނީ މޮޅުވާން ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެއެވެ.