ސުޕްރީމް ކޯޓް

ޔާމީންގެ އެކައުންޓަށް ޖަމާވި އެއްމިލިއަން ޑޮލަރުގެ ހަގީގަތް ބެލުމުގެ ފުރުސަތު އަދިވެސް އެބަ އޮތް: ފަނޑިޔާރު މަހާޒް

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ އެކައުންޓަށް ޖަމާވި އެއްމިލިއަން ޑޮލަރުގެ ހަގީގަތް ބެލުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށް ސުޕްރީމް ކޯތުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރު މިހެން ވިދާޅުވީ، މަނީލޯންޑާ ކުރުމުގެ ކުށުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މިިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކުރި ހުކުމުގެ އިސްތިއުނާތީ މައްސަލައިގެ ހުކުމް އިއްވަވަމުންނެވެ.

ފަނޑިޔާރު މަހާޒް ވިދާޅުވީ، ބަލައިބެލުންތަކުން އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ނަމަ، އެ ފައިސާއާއި އެ ފައިސާއިން އިންވެސްޓްކުރުމުގެ ސަބަބުން ފައިދާއެއް ލިބިފައިވާ ނަމަ، އެ ފައިދާއެއް ހިމެނޭނެހެން އެތަކެތި ހޯދުމުގެ ހައްގު ދައުލަތަށް ލިބިގެންވާ ކަމަށެވެ.

ނަމަވެސް އެގޮތަށް ފައިސާ ހޯދުމުގައި އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގެ ކުށުގެ އަމަލާ ގުޅިގެން ގާނޫނުއަސާސީގެ 60 ވަނަ މާއްދާއިން ޔާމީނަށް ލިބޭ ހައްގަށް އުނިކަމެއް އައިސްގެން ނުވާނެކަންވެސް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

ފަނޑިޔާރު މަހާޒް ވިދާޅުވީ ރައީސް ޔާމީން އެ ފައިސާއިން އިންވެސްޓްކުރި އިރުވެސް އެ ފައިސާގެ ހަގީގަތާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ.

"މި ފައިސާއާމެދު ދައުލަތުގެ އިދާރާތަކުން ތަހުގީގު ކުރާކަން އެނގިހުރެ، މި ފައިސާއިން އިންވެސްޓްކުރުމަކީ، ތަހުގީގު އިދާރާތަކުން ގާނޫނީ އިމުގެ ތެރެއިން ކުރާ ތަހުގީގުތަކަށާއި ބަލާބެލުންތަކަށް ފަރުވާލެއް ނުބަހައްޓައި، ދައުލަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ނިޒާމަށް ބެލުމެއްނެތި، ޤާނޫނުގެ ވެރިކަން ކުރިއަށް ނެރުމުގެ ބަދަލުގައި ތިމާގެ އަމިއްލަ މަންފާ އިސްކުރުމުގެ އަމަލެއް ކަމުގައި ބެލެވޭ އަމަލެކެވެ.،" ފަނޑިޔާރުގެ ރައުޔުގައި ވިދާޅުވިއެވެ.