އެސްއޯއެފްގެ ވެރީންގެ މައްޗަށް ދައުވާ ނުކުރަން ދައުލަތުން ނިންމާފައިވާތީ ހައިރާންވެވަޑައިގަންނަވާ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރު މިހެން ވިދާޅުވީ، މަނީލޯންޑާ ކުރުމުގެ ކުށުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މިިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކުރި ހުކުމުގެ އިސްތިއުނާތީ މައްސަލައިގެ ހުކުމް އިއްވަވަމުންނެވެ.
ފަނޑިޔާރު ވިދާޅުވި، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ކޮން ގޮތަކުން ޖަމާވެފައިވާ ފައިސާއެއްކަން ކަށަވަރުނުވާ ކަމަށެވެ. އަދި އެ ފައިސާ ޖަމާވެފައިވަނީ އެސްއޯއެފް ކިޔާ ކުންފުންޏަކުން ކަމަށާއި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރި މައްސަލައިގައި ކޮށްފައިވާ ތަހުގީގުގައި އެ ކުންފުންޏާ ގުޅޭ ތަހުގީގެއް އެދެވޭ ގޮތުގައި ކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.
"އަހުރެން ހައިރާންވީ، އެސްއޯއެފް ކުންފުންޏަކީ އެމްއެމްޕީއާރުސީގެ މައްސަލައިގައި މަނީ ލޯންޑާކުރުމަށް ބޭނުންކުރި އެންމެ ވަރުހުރި އާލާތްކަމަށް ދައުލަތުން ތަކުރާރުކޮށް ބުނުމަށްފަހު، އެ ކުންފުނީގެ އިސްފަރާތްތަކަށް ދައުވާވެސް ނުކުރުމަށް ނިންމާފައިވާ ވާހަކަ ބުނުމުން،" ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.
ފަނޑިޔާރު މަހާޒް ވިދާޅުވީ، ފައިސާ ޖަމާކުރުމުގެ މުއާމަލާތާ ގުޅިގެން ފައިސާ ޖަމާކުރުމުގައި ހަރަކާތްތެރިވި ދެ މީހުންގެ ހެކިބަސް ކުރިމިނަލް ކޯޓުން ނަގާފައިނުވުމަކީ މި މައްސަލައިގައި ލިބިފައިވާ ހެކި ބަލިކަށިވެ ދާނެ ހާލަތެއްކަމުގައި ބަލައި އެ ހެކިންގެ ހެކިބަސް ކޯޓުން ނަގައި މައްސަލަ ނިންމުމުގެ ކުރިން އެ ހެކިންގެ ހެކިބަހަށް އެ ކޯޓުން ބުރަދަނެއް ހޯދަން ދައުލަތުން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.
"މި ފަދައިން މަސައްކަތްކޮށް، އެ ކޯޓުން އެކަމުގައި ކާމިޔާބުނުވި ނަމަ، އެކަން އިސްތިއުނާފީ މަރުހަލާގައި ދައުލަތަށް ފަހި ނުކުތާއެއްގެ ގޮތުގައި ފާހަގަ ކުރެވުނީސް،" ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު މަހާޒް ވިދާޅުވީ، އެސްއޯއެފް ކުންފުންޏަކީ ރައީސް ޔާމީން ދަންނަ ކުންފުންޏެއް ނޫން ކަމަށް ވިދާޅުވި ނަމަވެސް އެ ކުންފުނިން ޖަމާކުރި ފައިސާ ހިމަނައިގެން ރައީސް ޔާމީން އިންވެސްޓް ކުރައްވާފައިވާ ކަމަށެވެ. އަދި އެގޮތަށް އިންވެސްޓް ކޮށްފައިވާ ފައިސާއަކީ އަހުމަދު އަދީބު ދިން ފައިސާއެއް ކަމަށް ގަބޫލުކުރައްވައިގެން ކަމަށް ޔާމީން ވިދާޅުވި ނަމަވެސް އެއީ އެ ފައިސާއާމެދު ކަންތައް ކުރަންޖެހޭ ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.
"އެހެނީ، މި ފައިސާއިން އިންވެސްޓްކުރި އިރު، މި ފައިސާގެ ހަގީގަތާމެދު ވަނީ ސުވާލު އުފެދިފައެވެ. އަދި މި ފައިސާއާމެދު ދައުލަތުގެ އިދާރާތަކުން ތަހުގީގުކުރާކަން އެނގިހުރެ، މި ފައިސާއިން އިންވެސްޓްކުރުމަކީ، ތަހުގީގު އިދާރާތަކުން ގާނޫނީ އިމުގެ ތެރެއިން ކުރާ ތަހުގީގުތަކަށާއި ބަލާބެލުންތަކަށް ފަރުވާލެއް ނުބަހައްޓައި، ދައުލަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ނިޒާމަށް ބެލުމެއްނެތި، ޤާނޫނުގެ ވެރިކަން ކުރިއަށް ނެރުމުގެ ބަދަލުގައި ތިމާގެ އަމިއްލަ މަންފާ އިސްކުރުމުގެ އަމަލެއް ކަމުގައި ބެލެވޭ އަމަލެކެވެ.،" ފަނޑިޔާރު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓް