މަނީލޯންޑަރިން މައްސަލައިގައި، ކުރީގެ ރައީސް ޔާމީނާ ދެކޮޅަށް، އަހުމަދު އަދީބު އަބްދުޕލް ޣަފޫރާއި، އަބްދުﷲ ޒިޔަތު ދީފައިވާ ހެކި ބަހަކީ އެހެން ހެކިތަކުން ބާރުލިބޭކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ގާނޫނާ އެއްގޮތަށް ސަބަބު ބަޔާކޮށް ނިންމާފައިވާ ނިންމުމެއްނޫން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑީޔާރު މަހާޒް އަލި ޒާހިރު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރު މިހެން ވިދާޅުވީ، މަނީލޯންޑާ ކުރުމުގެ ކުށުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މިިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކުރި ހުކުމުގެ އިސްތިއުނާތީ މައްސަލައިގެ ހުކުމް އިއްވަވަމުންނެވެ.

ފަނޑިޔާރު މަހާޒް ވިދާޅުވީ، އަދީބާއި ޒިޔާތަކީ އެމްއެމްޕީއާރުސީގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ދެ މީހުން ކަމަށާއި އެ ދެ މީހުންނަކީ ޔާމީންގެ ވެރިކަމުގައި ވަޒީފާއިން ވަކިކޮށް އަދަބު ލިބިފައިވާ ބައެއްކަމުގައިވާތީ އެ މީހުންގެ ހެކިބަހުގައި ޝައްކު އުފެދޭ ކަމަށް ކުރިމިނަލް ކޯޓުން މައްސަލަ ބެލި ފަނޑިޔާރުން ފާހަގަކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ލިބިފައިވާ އެހެނިހެން ހެކިތަކުން މި ޝައްކު ކުޑަކޮށްދޭކަން އެ ފަނޑިޔާރުން ފާހަގަކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަދީބާއި ޒިޔަތުގެ ހެކިބަހުގައި ޝައްކު އުފެދޭ އުފެދުމާމެދު މި މައްސަލައިގެ އެއްވެސް މަރުހަލާއެއްގައި ދެބަސްވުމެއް ނެތް ކަމަށްވެސް ފަނޑިޔާރު މަހާޒު ވިދާޅުވިއެވެ.

ނަމަވެސް މި މައްސަލައިގައި އަދީބުގެ ހެކިބަހުގައި ފާހަގަކޮށްފައިވާ ކަންކަން އެގޮތަށް ހުރިކަމަށް ދަލާލަތު ކޮށްދޭ އިތުރު އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ކުރިމިނަލް ކޯޓުގެ ފަނޑިޔާރުން ފާހަގަކޮށްފައިނުވާ ކަމަށާއި ގއ. ވޮޑަމުލާގެ ފައިސާ ލިބުން ލަސްވެގެން ޔާމީން ޒިޔަތަށް ގުޅިކަމަށް އަދީބު ބުނިކަމަށް ދޭހަވާ ހެއްކެއް ވެސް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ފާހަގަ ކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ދަށު ކޯޓާއި ހައިކޯޓު ހިމެނޭ "ދެ މަރުހަލާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުތަކުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން އަދީބާއި ޒިޔާތުގެ ހެކިބަހުން ފާހަގަ ކޮށްފައިވާ ކަންކަމަށް ބާރު ލިބޭ ނުވަތަ ގުޅުވައިލެވޭ ހެކިތަކެއް އަހުރެންނަށް ފާހަގަ ނުކުރެވެއެވެ. ކަންމިހެން އޮތް އިރު، އަދީބާއި ޒިޔަތުގެ ހެކިބަހަކީ އެ ހެކިބަހަށް ބާރު ލިއްބައިދޭ އެހެން ހެއްކެއް ނުވަތަ ގަރީނާއެއް ނެތް ހާލަތުގައި އެ ހެކިބަހަށް ބުރަދަނެއް ދިނުން ރައްކާތެރި ހެކިބަހެއް ކަމުގައި އަހުރެން ނުދެކެމެވެ.،" ފަނޑިޔާރު މަހާޒުގެ ރައުޔު އިއްވަވަމުން ވިދާޅުވިއެވެ.