ބެލޮންޑިއޯ އެވޯޑު

ރެކޯޑު ހަތްވަނަ ފަހަރަށް މެސީ ބެލޮންޑިއޯ ހޯދައިފި، ރޮނާލްޑޯ ގަދަ ފަހެއްގައި ނުހިމެނުނު

ފްރާންސް ފުޓުބޯޅައިން ހޮވާ ފުޓުބޯޅައިގެ އިންޑިވިޖުއަލް އެންމެ ޝަރަފުވެރި އެވޯޑު، ބެލޮންޑިއޯ، ލިއޮނަލް މެސީ ރެކޯޑު ހަތްވަނަ ފަހަރަށް ހޯދައިފިއެވެ.

މިފަހަރަކީ އާޖެންޓީނާގެ ކެޕްޓަން މެސީ އެވޯޑު ހޯދި ރެކޯޑު ހަތްވަނަ ފަހަރެވެ. އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި ބެލޮންޑިއޯ ހަފުލާގައިވެސް މެސީއަށް އެވޯޑު ލިބިފައިވާ އިރު، އޭނާ ވަނީ 2015 ވަނަ އަހަރާއި 2012، 2011 އަދި 2010 ވަނަ އަހަރާއި 2009 ވަނަ އަހަރުގެ ބެލޮންޑިއޯވެސް ކާމިޔާބުކޮށްފައެވެ. ބެލޮންޑިއޯ އެވޯޑުގެ ދެވަނަ މަގާމުވެސް މެސީ މީގެ ކުރިން ވަނީ ފަސް ފަހަރު ހޯދައިފައެވެ.

މިދިޔަ ސީޒަންގައި މެސީ ވަނީ ބާސާއާއެކު ކޮޕާ ޑެލް ރޭ ކާމިޔާބުކޮށްފައެވެ. ކްލަބާއެކު މިދިޔަ ސީޒަނީ މެސީއަށް އެންމެ ކާމިޔާބު ސީޒަނެއް ނޫން ނަމަވެސް އޭނާ ވަނީ ފުރަތަމަ ފަހަރަށް އާޖެންޓީނާއާއެކު ޓްރޮފީއެއް ހޯދައިފައެވެ. ދިގު އިންތިޒާރަކަށްފަހު މިއަހަރު މެސީ އާޖެންޓީނާއާއެކު ކޮޕާ އެމެރިކާ ކާމިޔާބުކޮށްފައިވާ އިރު، އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޓޮޕް ސްކޯރާގެ މަގާމުވެސް ހޯދީ މެސީއެވެ.

ފްރާންސްގެ ފުޓުބޯޅަ ނޫހެއް ކަމަށްވާ، ފްރާންސް ފުޓުބޯޅައިން 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ބެލޮންޑިއޯ އެވޯޑަކީ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އިންޑިވިޖުއަލް އެވޯޑެވެ. އެ އެވޯޑުގެ ހައިބަތު ބޮޑުވުމުން 2010 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ފީފާއިން ވަނީ އެ އިދާރާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަކީވެސް ބެލޮންޑިއޯ ކަމަށް ހަމަޖައްސައިފައެވެ. އެ އެއްބަސްވުން ހަމަވެ، 2016 ވަނަ އަހަރުން ފެށިގެން ފީފާއިން އަނެއްކާވެސް ވަނީ ފީފާ ދަ ބެސްޓް އެވޯޑު ތައާރަފުކޮށް ދޭން ފަށައިފައެވެ.

މި ސީޒަންގައި މެސީ ބާސާ ދޫކޮށް ޕީއެސްޖީއަށް ކުޅެމުންދާ އިރު، މި ސީޒަންގައި މެސީއަށް ވަނީ މެޗުތަކެއް ގެއްލިފައެވެ. އެހެން ނަމަވެސް ޕީއެސްޖީ ޖާޒީގައިވެސް މެސީ އަންނަނީ މަޑުމަޑުން ތަފާތު ދައްކަމުންނެވެ.

މެސީގެ އިތުރުން ދެން އެންމެ ގިނަ ފަހަރަށް ބެލޮންޑިއޯ ކާމިޔާބުކުރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް މިފަހަރު އެވޯޑުގައި ލިބުނީ ހަވަނައެވެ. މީގެ ކުރިން ރޮނާލްޑޯ ފަސް ފަހަރަށް ބެލޮންޑިއޯ ހޯދާފައިވާ އިރު، އޭނާ ވަނީ ހަ ފަހަރަށް ދެވަނަ މަގާމުވެސް ހޯދައިފައެވެ. މިއީ 2010 ވަނަ އަހަރަށްފަހު ރޮނާލްޑޯ ބެލޮންޑިއޯގެ ގަދަ ތިނެއްގައި ނުހިމެނުނު ފުރަތަމަ ފަހަރެވެ.

މިފަހަރު އެވޯޑުގެ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޗެލްސީގެ ޖޯޖީނިއޯއާއި އެންގޯލޯ ކާންޓޭގެ އިތުރުން ޕީއެސްޖީގެ ލިއޮނަލް މެސީއާއި ބަޔާން މިއުނިކްގެ ރޮބާޓް ލެވަންޑޯސްކީ އަދި ރެއާލް މެޑްރިޑްގެ ކަރިމް ބެންޒެމާއެވެ. އޭގެ ތެރެއިން ފަަސްވަނަ މަގާމު ކޮންޓޭއަށް ލިބުނު އިރު، ހަތަރު ވަނައަށް ދިޔައީ ބެންޒެމާއެވެ. އެވޯޑުގެ ތިންވަނައަށް އިޓަލީއާއެކު ޔޫރޯއާއި ޗެލްސީއާއެކު ޗެމްޕިއަންސް ލީގު ހޯދި ޖޯޖީނިއޯ ދިޔަ އިރު، ދެވަނައަށް ދިޔައީ ލެވަންޑޯސްކީއެވެ.

ނަވާރަ ސަތޭކަ ފަންސާސް ހަވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް ބެލޮންޑިއޯ އެވޯޑަށް ވޯޓު ދިނީ ހަމައެކަނި ނޫސްވެރިން ނަމަވެސް، 2007 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންނަށް ބެލޮންޑިއޯއަށް ވޯޓު ދެވޭ ގޮތަށް ބަދަލުކުރިއެވެ. 2007 ވަނަ އަހަރު ކުރިން ބެލޮންޑިއޯއަކީ ހަމައެކަނި ޔޫރަޕްގެ މޮޅު ކުޅުންތެރިޔާ ހޮވާ އެވޯޑެއް ނަމަވެސް އެ އަހަރަށްފަހު ދުނިޔޭގެ ހުރިހާ ކުޅުންތެރިން ވާދަކުރާ އެވޯޑަކަށް ބެލޮންޑިއޯ ބަދަލު ކުރިއެވެ.

މީގެ ތިން އަހަރު ކުރިން ދޭން ފެށި އަންހެން ބެލޮންޑިއޯގެ އެވޯޑު މިފަހަރު ލިބުނީ އެލެކްސިއާ ޕުޓޭޔާސް އަށެވެ. ބާސެލޯނާއަށް ކުޅެމުން އަންނަ ޕުޓޭޔާސްއަކީ އުމުރުން 27 އަހަރުގެ ސްޕެއިން ކުޅުންތެރިއެކެވެ. މި ސީޒަނުން ފެށިގެން ބާސާގެ ކެޕްޓަން ބޭންޑް އަޅަމުން އަންނަ ޕުޓޭޔާސް ވަނީ މިދިޔަ ސީޒަންގައި ބާސާއާއެކު ޔޫއެފާ އަންހެން ޗެމްޕިއަންސް ލީގު ހޯދައިފައެވެ.