ދުނިޔޭ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔަކީ ލިއޮނަލް މެސީ ކަމަށާއި، މެސީއަކީ "ގޯޓް" ކަމަށް އެންމެފަހުން ބެލޮންޑިއޯ ހާސިލުކުރި މެންޗެސްޓާ ސިޓީގެ ސްޕެއިން ފޯވަޑް، ރޮޑްރީގޯ ބުނެފިއެވެ.
ރޮޑްރީ އެހެން ބުނީ ސްޕެއިންގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައެވެ. އެ އިންޓަވިއުގައި ރޮޑްރީގެ ބެލޮންޑިއޯގެ ވާހަކައިގެ ތެރެއިން ގޮސް، ދުނިޔޭ ތާރީހުގައި އެންމެ ގިނައިން ބެލޮންޑިއޯ ހޯދި ދެ ކުޅުންތެރިންގެ ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ބެލޮންޑިއޯ ރެކޯޑު އަށް ފަހަރު ހޯދި މެސީއާއި ފަސް ފަހަރު ެ އެވޯޑު ހާސިލުކުރި ދުނިޔޭ ފުޓުބޯޅައިގެ ރެކޯޑު ގޯލު ޖެހުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއާ އަޅާ ކިޔުމަށްވެސް ރޮޑްރީއާ ވަނީ ސުވާލު ކުރިމަތިކޮށްފައެވެ.
"އަހަންނަށް މެސީއަކީ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ. އެއީ ޔަގީނުންވެސް ގޯޓް. އަހަންނަށް އެކަމުގައި އެއްވެސް ޝައްކެއް ނެތް،" ރޮޑްރީ ބުންޏެވެ.
ރޮޑްރީ ބުނީ ރޮނާލްޑޯއަށް މެސީއާ ގާތް ކޮށްލެވުނީވެސް އޭނާގެ މަސައްކަތު ރޭޓް މާ ބޮޑަށްވެސް ރަނގަޅުވުމުން ކަމަށާއި، ހުނަރެއް ނެތި ރޮނާލްޑޯ މެސީއާ ހަމަކުރި ކުރުމަށް ތައުރީފް ކުރާ ކަމަށެވެ. އެހެން ނަމަވެސް، ހުނަރުގެ ގޮތުން މެސީއަކީ ތަފާތު އެހެން ފެންވަރެއްގެ ކުޅުންތެރިއެއް ކަމަށް ރޮޑްރީ ބުންޏެވެ.
"ރޮނާލްޑޯއާ ދެކޮޅަށް ކުޅޭއިރު އަހަރެމެން ބޭނުންވަނީ ރޮނާލްޑޯ އޭރިއާ ތެރެއަށް ވަނަ ނުދޭން. އެއީ ރޮނާލްޑޯ އޭރިއާ ތެރޭގައި ނުރައްކާ ކަމުން. އެކަމަކު މެސީއާ ދެކޮޅަށް ކުޅޭއިރު، މެސީއަށް ކޮންމެ ތަނަކުން ބޯޅަ ލިބުނަސް އެެއީ ނުރައްކާވީ،" ދެ ކުޅުންތެރިންނާވެސް އިދިކޮޅަށް ކުޅުނު ރޮޑްރީ ބުންޏެވެ.
ރޮޑްރީ މިިދިޔަ ސީޒަނުގައި ޔޫރޯގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެ މުބާރާތުގެ ތަށިވެސް ސްޕެއިނާއެކު ހޯދި އިރު، އޭނާއަކީ ކްލަބު ލެވެލްގައިވެސް މިދިޔަ ދެ ސީޒަނެއްގައި އެންމެ ވަރުގަދައަށް ކުޅުނު އެއް ކުޅުންތެރިޔާއެވެ.
ރޮޑްރީއަށް މިދިޔަ ސީޒަނުގެ ބެލޮންޑިއޯ ލިބިފައިވާ އިރު، އޭނާ މިވަގުތު ހުރީ ބޮޑު އަނިޔާއެއްގައެވެ. އެންމެ އަވަސް ވެގެންވެސް ރޮޑްރީއަށް އަނބުރާ ކުޅުމަށް ނުކުމެވޭނީ ސީޒަނުގެ ފަހުކޮޅުގައެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ