ރެއާލް މެޑްރިޑުން މިއަހަރުގެ ބެލޮންޑިއޯ ހަފުލާވެސް ބޮއިކޮޓް ކުރާނެކަމަށް ނޫސްތައް ބުނެފިއެވެ.

މިއަހަރުގެ ބެލޮންޑިއޯ ހަފުލާ މިރޭ ރާއްޖެ ގަޑިން 10:30 ގައި ފަށާ ގޮތަށް އިއުލާނު ކޮށްފައިވާ އިރު، އެ ހަފުލާ އޮންނާނީ ފްރާންސުގެ ޕެރިހުގައެވެ. އެއީ ކުރިންވެސް އެ ޝަރަފުވެރި ހަފުލާ އޮންނަ، ތިއޭޓާ ޑޫ ޗަޓަލެޓްގައެވެ.

މިފަހަރުގެ އެކިއެކި އެވޯޑުތަކަށްވެސް ރެއާލްގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ނޮމިނޭޓްވެފައެވެ. އެއީ އަންހެން އަދި ފިރިހެން ޑިވިޝަންވެސް ހިމެނޭހެންނެވެ.

ހަބަރުތައް ބުނެފައި ވަނީ މިރޭގެ ހަފުލާވެސް ބޮއިކޮޓް ކުރުމަށް ރެއާލްގެ ރައީސް، ފްލޮރެންޓީނޯ ޕެރޭޒް ކުޅުންތެރިންނާއި އޮފިޝަލުން އަދި ކޯޗުންނަށްވެސް އަންގާފައިވާ ކަމަށެވެ. އެހެން ނަމަވެސް، ރެއާލްގެ ފަރާތުން ރަސްމީ ހައިސިއްޔަތުން އިސް އޮފިޝަލަކު ހަފުލާގައި ބައިވެރިވެދާނެ ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.

ރެއާލުން ވަނީ މިދިޔަ އަހަރުގެ ބެލޮންޑިއޯ ހަފުލާވެސް ބޮއިކޮޓް ކޮށްފައެވެ. އެއީ އެޓީމުގެ ބްރެޒިލް ތަރި ވިނީޝިއަސް ޖޫނިއާއަށް ބެލޮންޑިއޯ ނުލިބޭނެކަން ކުރީ ބައިގައި ޔަގީންވުމުން، އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުންނެވެ.

ރެއާލުން އެފަހަރު ބުނީ މެންޗެސްޓާ ސިޓީގެ ރޮޑްރީއަށް ބެލޮންޑިއޯ ލިބުނީ ނުހައްގުން ކަމަށާއި، އެވޯޑު ހައްގުވަނީ ވިނީޝިއަސްއަށް ކަމަށެވެ. އެކަމުގައި ވިނީޝިއަސްވެސް ވަނީ ގިނަ ޝުއޫރުތަކެއް ފާޅުކޮށްފައެވެ.

ރެއާލުން މިދިޔަ ސީޒަން ނިންމާލީ ހުސް އަތާއެވެ. އެޓީމަށް ތަށްޓެއް ނުލިބުނު ނަމަވެސް، ފްރާންސް ތަރި ކިލިއަން އެމްބާޕޭ ވަނީ ޔޫރަޕްގެ ރަން ބޫޓު ހޯދައިފައެވެ.