ދުނިޔޭގެ ފުޓުބޯޅައިގައި ދެވޭ އެންމެ ޝަރަފުވެރި އެއް އިންޑިވިޖުއަލް އެވޯޑު، ބެލޮންޑިއޯ 2025، އުސްމާން ޑެމްބެލޭ ހޯދައިފިއެވެ.
ޕީއެސްޖީއަށް ކުޅެމުންދާ ޕީއެސްޖީގެ ތަރި ޑެމްބެލޭ މިރޭ ބެލޮންޑިއޯ ހޯދި އިރު، އޭނާ ވަނީ މިދިޔަ ސީޒަނުގައި ޕީއެސްޖީއާއެކު ފްރާންސް ލީގާއި ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގުވެސް ހޯދައިފައެވެ.
އޭގެ އިތުރުން ކްލަބު ވޯލްޑް ކަޕުގެ ފައިނަލަށްވެސް ޕީއެސްޖީ ދަތުރު ކޮށްފައިވާ އިރު، އެ ދަތުރުގައިވެސް ޑެމްބެލޭ ވަނީ މުހިއްމު ރޯލެއް ކުޅެފައެވެ.
ލީގުގައި ކުޅުނު 29 މެޗުން ޑެމްބެލޭ ވަނީ 21 ގޯލު ޖަހައިދީފައެވެ. އޭގެ އިތުރުން ހަ އެސިސްޓްވެސް އޭނާ ފުރިހަމަކޮށްފައިވާ އިރު، ޕީއެސްޖީން ޗެމްޕިއަންސް ލީގު ހޯދުމުގައިވެސް އޭނާގެ ދައުރު ބޮޑެވެ. އެގޮތުން ޑެމްބެލޭ ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އަށް ގޯލު ޖަހައި، ހަ އެސިސްޓް ފުރިހަމަ ކޮށްފައެވެ.
މިއަހަރުވެސް އަންހެން އެންމެ މޮޅު ކުޅުންތެރިޔަކީ އައިޓާނާ ބޮންމަޓީއެވެ. އޭނާއަކީ އެންމެފަހުން ތިން ފަހަރުވެސް އަންހެން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއެކު ބެލޮންޑިއޯ ހޯދި ކުޅުންތެރިޔާއެވެ. ބޮންމަޓީ ވަނީ މިދިޔަ ސީޒަނުގައިވެސް ބާސެލޯނާއާއެކު އަންހެން ޗެމްޕިއަންސް ލީގާއި، ސްޕެއިން ލީގުގެ އިތުރުން ސްޕެއިން ކަޕުވެސް ހޯދައިފައެވެ.
އޭގެ އިތުރުން ބޮންމަޓީ ވަނީ ސްޕެއިންއާއެކު ޔޫއެފާ ނޭޝަންސް ލީގުގެ އަންހެން މުބާރާތްވެސް ކާމިޔާބު ކޮށްފައެވެ.
ފްރާންސްގެ ފުޓުބޯޅަ ނޫހެއް ކަމަށްވާ، ފްރާންސް ފުޓުބޯޅައިން 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ބެލޮންޑިއޯ އެވޯޑުގެ ހައިބަތު ބޮޑުވުމުން 2010 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ފީފާއިން ވަނީ އެ އިދާރާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަކީ ވެސް ބެލޮންޑިއޯ ކަމަށް ހަމަޖައްސައިފައެވެ. އެ އެއްބަސްވުން ހަމަވެ، 2016 ވަނަ އަހަރުން ފެށިގެން ފީފާއިން އަނެއްކާވެސް ވަނީ ފީފާ ދަ ބެސްޓް އެވޯޑު ތައާރަފުކޮށް ދޭން ފަށައިފައެވެ. އެހެން ނަމަވެސް އަދިވެސް ބެލޮންޑިއޯގެ ހައިބަތަށް ބަދަލެއް ނާންނަކަމަށް ތަޖުރިބާކާރުންގެ ނަޒަރުގައި ބުނެވިދާނެއެވެ. މިވަގުތު ވެސް ފީފާގެ އެވޯޑަށްވުރެ މަގުބޫލީ ބެލޮންޑިއޯއެވެ.
ފިރިހެން ބެލޮންޑިއޯގެ ގަދަ 10
- އުސްމާން ޑެމްބެލޭ
- ލަމީން ޔަމާލް
- ވީޓީނިއާ
- މުހައްމަދު ސަލާހް
- ރަފީނިއާ
- އަޝްރަފް ހަކީމީ
- ކިލިއަން އެންބާޕޭ
- ކޯލް ޕާމާ
- ޖިއާންލުއީޖީ ޑޮނަރޫމާ
- ނޫނޯ މެންޑޭޒް
މިރޭ ޕެރިހުގައި ބޭއްވި އިވެންޓްގައި އިތުރު އެވޯޑުތައްވެސް ދީފައިވާ އިރު، އެންމެ މޮޅު ކީޕަރުންނަކީ މިދިޔަ ސީޒަނުގައި ޕީއެސްޖީއަށް ކުޅެ، މި ސީޒަނަށް މެންޗެސްޓާ ސިޓީއަށް ބަދަލުވި އިޓަލީގެ ޖިއާންލުއީޖީ ޑޮނަރޫމާ އަދި އިނގްލެންޑްގެ ޗެލްސީ ކީޕަރު ހަނާ ހެމްޕްޓަންއެވެ.
އެންމެ ޒުވާން ކުޅުންތެރިންނަށް ޔަމާލާއި ވިކީ ލޮޕޭޒް ހޮވުނު އިރު، އެންމެ މޮޅު ކޯޗުންނަކީ އިންގްލެންޑްގެ އަންހެން ޓީމުގެ ކޯޗު ސަރީނާ ވީގްމެން އަދި ޕީއެސްޖީގެ ލުއިސް އެންރިކޭއެވެ. އެންމެ މޮޅު ފޯވަޑަށް ދޭ ގާޑް މުލާ ޓްރޮފީ ހޯދީ އޭވާ ޕާޖޯއާއި އާސެނަލްގެ ވިކްޓޯ ޔޯކެރޭޝްއެވެ.
މިދިޔަ ސީޒަނުގެ އެންމެ މޮޅު ކްލަބަކީ ޕީއެސްޖީއެވެ.
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު