މިއަހަރު ބެލޮންޑިއޯ އެވޯޑު ލިބެން ޖެހެނީ ރެއާލް މެޑްރިޑްގެ ބްރެޒިލް ތަރި ވިނީޝިއަސް ޖޫނިއާ ކަމަށާއި، އެ އެވޯޑު މެންޗެސްޓާ ސިޓީގެ ސްޕެއިން މިޑްފީލްޑަރު ރޮޑްރީއަށް ދިނީ ނާއިންސާފުން ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

މިއަހަރުގެ ބެލޮންޑިއޯގެ ވާހަކައަކީ މީޑިއަތަކުގެ ފަލަ ސުރުހީއަށް އެންމެ ބޮޑަށް އެރި އެއް ވާހަކައެވެ. ބެލޮންޑިއޯ ސްޕެއިނާއެކު ޔޫރޯ ކާމިޔާބުކުރުމުގެ އިތުުރުން ސިޓީއާއެކު ލީގު ހޯދި ރޮޑްރީއަށް ލިބިގެން ގޮސްފައިވާ އިރު، އެކަމުގައި ރެއާލާއި ވިނީޝިއަސްގެ ސަޕޯޓަރުން ވަނީ ފްރާންސް ފުޓުބޯޅައަށް ފާޑު ކިޔައިފައެވެ. އަދި ވިނީޝިއަސްގެ ހައްގުގައި ކަމަށްބުނެ ރެއާލުން ވަނީ މިއަހަރުގެ ބެލޮންޑިއޯ ހަފުލާ ބޮއިކޮޓްވެސް ކޮށްފައެވެ.

ބެލޮންޑިއޯއަކީ ދުނިޔޭ ފުޓުބޯޅައިގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އިރު، ރޮނާލްޑޯ ވަނީ މީގެ ކުރިން ފަސް ފަހަރު އެ އެވޯޑު ހޯދައިފައެވެ. މިވަގުތު ސައުދީ އަރަބިއާގެ ލީގަށް ކުޅެމުން އަންނަ ރޮނާލްޑޯ ބެލޮންޑިއޯއަށް ފާޑު ކިޔާފައި ވަނީ ރޭ ބޭއްވި ގްލޯބް ސޮކާ އެވޯޑްސްގައެވެ.

ރޭގެ އެވޯޑު ހަފުލާގައި ރޮނާލްޑޯއަށްވެސް ވަނީ ދެ އެވޯޑެއް ލިބިފައެވެ. އެއީ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑާއި މެދުއިރުމަތީގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ގްލޯބް ސޮކާ އެވޯޑްސް ހަފުލާގައި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވިނީޝިއަސް ހޮވުމާއެކު ރޮނާލްޑޯ ބުނީ ބެލޮންޑިއޯ ދިނީ ނާއިންސާފުން ކަމަށާއި، ވިނީއަސްއަކީ އަސްލު ހައްގުވެރިޔާ ކަމަށެވެ. އަދި ބެލޮންޑިއޯ އިންސާފު ނޫން ނަމަވެސް، ގްލޯބް ސޮކާ އެވޯޑްސް އަބަދުވެސް އިންސާފުވެރިކަމަށް ލޯބިކުރާ ކަމަށް ރޮނާލްޑޯ ބުންޏެވެ.

ގްލޯބް ސޮކާ އެވޯޑްސް ހަފުލާގައި ދިން އިތުރު އެވޯޑުތަކަށް ބަލާއިރު، އެންމެ މޮޅު ފޯވަޑަކީވެސް ދާދިފަހުން ފީފާ ދަ ބެސްޓް އެވޯޑުވެސް ހޯދި ވިނީޝިއަސް އެވެ. އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމުގެ އިތުރުން މަރަޑޯނާ އެވޯޑު ހޯދީ ޖޫޑް ބެލިންހަމްއެވެ. އެންމެ މޮޅު ކްލަބަކަށް ރެއާލް ހޮވިފައިވާ އިރު، އެންމެ މޮޅު ކޯޗަކީ ކާލޯ އެންޗެލޮޓީ އެވެ.

އޭގެ އިތުރުންވެސް ބައެއް ކުޅުންތެރިންނަށް ކެރިއަރު އެވޯޑު ރޭގެ ހަފުލާގައި ދީފައިވެއެވެ. އޭގެ ތެރޭގައި ނޭމާއާއި ރިއޯ ފާޑިނެންޑް އަދި ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ހިމެނެ އެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކީ ބާސެލޯނާގެ ލެމީން ޔަމަލެވެ.