ފުވައްމުލަކަކީ ރަށް އާބާދުވެ މީހުން ދިރިއުޅެމުން އަންނަތާ އެތައް ސަތޭކަ އަހަރެއް ވެފައިވާ ރަށެކެވެ. ރާއްޖޭގައި އޮތް ހަމައެކަނި އެއް ރަށެއްގެ މައްޗަށް އޮންނަ އަތޮޅެވެ. ފުވައްމުލަކަކީ ވެރިކަމުގައި ތިބޭ ބައެއްގެ ބަސް ގަބޫލުކުރާ ރައްޔިތެއް ދިރިއުޅޭ ރަށެކެވެ. ތާރީޚު ދިރާސާ ކުރެއްވެވި ބެއިފުޅެއް ކަމުގައިވާ އަލްމަރުހޫމް އަލްއުސްތާޒު މުހަންމަދު އިބުރާހީމް ލުޠުފީ ލިޔުއްވާފައިވަނީ މީލާދީން 500 ވަނަ އަހަރު ފުވައްމުލަކުގައި ބުދު ދީނުގެ އަހުވެރިން ވަޒަންވެރިވެ ދިރިއުޅުނުކަން ޔަގީންވާ ކަމުގައެވެ (ދިވެހިރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު). ފުވައްމުލަކުގެ ތާރީޚު ދިރާސާ ކުރެއްވެވި ބެއިފުޅެއްކަމުގައިވާ އަޅުގަނޑުގެ ބޮޑުބޭބެ އައްނައިބު އަލްޚަޠީބު އިބުރާހިމް ސައީދު މޫސާ ވެސް ލިޔުއްވާފައިވަނީ އުސްތާޒު ލުޠުފީ ލިޔުއްވާ ގޮތަށެވެ. އޭގެ ކުރިން ރަށުގައި ބަޔަކު އުޅުނުކަން ނުވަތަ ނޫންކަން އެނގޭނެ ދިރާސާއެއް ހެދިފައެއް ނުވެއެވެ.
1992 ވަނަ އަހަރުގެ އެޑްމިރަލްޓީ ޗާޓުން ދައްކާގޮތުން ރަށުގެ ފަރުކޮޅުން ފެހުނަށް 12 މޭލު ދުރުގައި 2000 މީޓަރު ލައިނުގައި ތިލައެއް އުފެދެމުން ދެއެވެ. އަދި ރަސްގެފަންނުންNE (އުތުރު އިރުމަތިން) އިން ދޮޅު މޭލުގައި 85 މީޓަރަށް ތިލަވެފައިވާ ތިލައެއް އެބަ އޮތެވެ. ރަށުގެ އުތުރު ކޮޅުގައި 1000 މީޓަރު ލައިންގައި 769 މީޓަރަށް ތިލަވެފައިވާ ތިލައެއް އެބަ އޮތެވެ. ރަށުގެ ފަރުކޮޅުން 9 މީޓަރުން 48 މީޓަރުން 183 މީޓަރުން ގޮސް 500 މީޓަރު ލައިނާ ވަނީ ގުޅިފައެވެ. ފުވައްމުލަކާއި އައްޑުއާ ދޭތެރޭގައި 21 މޭލު ހުރެއެވެ. ހުވަދު އަތޮޅާ ދެމެދު 35 މޭލު ހުރެއެވެ. (އަލްއުސްތާޒު މުޙައްމަދު އިބްރާހިމް ލުޠުފީ)
ކޮންމެއަކަސް، މި ލިޔުމަކީ ފުވައްމުލަކުގެ ޖޯގްރަފީއާ ބެހޭގޮތުން ލިޔާން ގަސްތުކުޅަ ލިޔުމެއް ނޫނެވެ. މި ލިޔުމުގައި ވާހަކަ ދައްކައިލަން އަޅުގަނޑު ގަސްތުކުރަނީ ފުވައްމުލަކުގެ ތާރީޚުގެ މުހިއްމު ދުވަސްވަރެއް ކަމުގައިވާ އަލްއުސްތާޒު އަލްމަރުހޫމް މުހަންމަދު އިބުރާހީމް ލުޠުފީ ފުވައްމުލަކުގައި ވެރިކަން ކުރެއްވެވި ދުވަސްވަރާ ބެހޭގޮތުންނެވެ. ލުޠުފީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 21 ޑިސެމްބަރ 1921 ގައި އައްޑޫ އަތޮޅު ހިތަދޫގައެވެ. ބައްޕާފުޅަކީ ފަލީލަތުއްޝައިޚް އިބްރާހިމް ލުޠުފީ އަލްއަޒްހަރީ އެވެ. މަންމާފުޅަކީ އެޅަދީދީގެ ފާތުމަތުދީދީ އެވެ. ކިޔަވައި ވިދާޅުވީ މިސްރުންނެވެ. އޭނާއަކީ ދިވެހި ދައުލަތަށް 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވެވި އިލްމީ، އަދަބީ، ތާރީޚީ ޚިދުމަތްތެރިއެކެވެ. މަރުހޫމް މުޙައްމަދު އިބްރާހިމް ލުތުފީ ނިޔާވީ 27 ފެބްރުއަރީ 2001 ގައެވެ.
އާދެ، 1951 ވަނަ އަހަރުގެ ހުޅަނގު މޫސުމުގައި ފުވައްމުލަކު ކުދުބެއަގެ އަލްމަރުހޫމް ހުސޭން ދީދީގެ ނަސްރުލް މަންނާނު އޮޑި މާލެ ގޮސް އިރުވައި މޫސުން ފެށެންދެން މަޑުކޮށްގެން އޮތެވެ. މޫސުން ފެށުމާއެކު ފުރަން ވަނީ ތައްޔާރުކޮށްފައެވެ. މިހެން ތިބި ދުވަސްވަރު އެއް ދުވަހެއްގައި ކަސްޓަމުގެ ޕިޔޯނެއް އޮޑިވެރިޔާ ބަލައި އަތުވެއްޖެއެވެ. އޮޑިވެރިޔަކީ ވެސް މާލިމީ އަކީ ވެސް އޯކިޑުމާގޭ (ކުދުބެއަގެ) އަލްމަރުޙޫމް އިބުރާހީމް ހުސައިން ދީދީއެވެ. އިބުރާހިމް ހުސައިން ދީދީ ކަސްޓަމަށް ވަޑައިގަންނަވަމުން އެ އޮޑިން މާލެ ދުރުވެ ހުންނެވި އަލްމަރުޙޫމް މުޙައްމަދު ހަފީޡު (ބާލިޔާމަގު ރެކިފުތު - ފަހުން ގާރޑަން ހައުސް ރެކިފުތު) ގާތުގައި ހިނގާށޭ ވިދާޅުވެ ދެ ބޭފުޅުން އެކުގައި ކަސްޓަމަށް ވަޑައިގަތުމުން އިށީންނަން އެންގެވީ އަލްމަރުޙޫމް މުހަންމަދު އަމީނު ދޮށިމޭނާ ކިލަގެފާނުގެ ކުރިފުޅުމަތީގައެވެ. މި ދެ ބޭފުޅުން އިށީނދެވަޑައިގަތުމާއެކު ސެކްރެޓަރީއަކު ލިޔުމެއް ގެނެސް އަމީންގެ އަތްޕުޅަށް އެރުވުމުން ސޮއިކުރައްވައި ދެއްވައިފިއެވެ. އިރުކޮޅަކުން ޕިޔޯނު އެ ސިޓީ އުރަޔަކަށް ލައިގެން ގެނެސް މާލިމީ އާ ޙަވާލުކޮށްފިއެވެ. އަދި އެ ސިޓީ އޭރު ހުވަދު އަތޮޅުގައި ހުންނެވި އަލްއުސްތާޒު މުހަންމަދު އިބުރާހިމް ލުޠުފީ އާ ޙަވާލު ކުރަން އަންގަވައިފައި ފޮނުއްވައިލައްވައިފިއެވެ. އޮޑި ފުރައިގެން ހުވަދު އަތޮޅަށް ވަދެ ޚަބަރު ބެލިއިރު ލުޠުފީ ހުންނެވީ ގައްދޫގައެވެ. ގައްދުއަށް ގޮސް ސިޓީ ރައްދު ކުރުމުން ވަގުތުން ފުރަން ވިދާޅުވިއެވެ. ނަމަވެސް ކުރިން ދެންނެވި ދެ ބެއިފުޅުންނަކީ ފުވައްމަލަކުގެ ވަށައިގެންވާ ވެށްޓާއި ކަނޑުގެ އޮއިވަރު ރަނގަޅަށް ދަނެވަޑައިގަންނަވާ ތަޖުރިބާކާރު ދެ ބެއިފުޅުން ކަމުން އެ ބެއިފުޅުން މިހާރު މާ ލަސްވެއްޖެ ކަމުގައި ދެންނެވިއެވެ. ދެން ވިދާޅުވީ އެންމެ އަވަހަށް ފުވައްމުލަކަށް ދެވެން އޮތް ގޮތަކަށް ދަތުރު އިންތިޒާމު ކުރުމަށެވެ.
ފުވައްމުލަކަށް ދަތުރު ކުރުމަށްޓަކައި އޮޑި ފުރިއިރު އަލްމަރުޙޫމް އަލްއުސްތާޒު މުހަންމަދު އިބުރާހިމް ލުތުފީ އޮންނެވީ އޮޑީގެ ގެގަނޑު ދަށުގައި ބަހައްޓާފައި ހުރި އެނދެއްގައެވެ. ދަތުރު ކުރަންވާ މިސްރާބު އަލްމަރުޙޫމް އިބުރާހީމް ހުސައިން ދީދީ ވިދާޅުވިއިރު ހުންގާނުގައި ހުންނެވީ އަލްމަރުޙޫމް މުހަންމަދު ހަފީޒުއެވެ. ކަނޑުގައި މިހާރު އޮތް އޮއިވަރަށް ބަލާއިރު ތިޔަ މިސްރާބު ރަނގަޅެއް ނޫނޭ މުހަންމަދު ހަފީޒު ބުނުއްވުމުން ފެންނަ މިސްރާބަކަށް ދަތުރު ކުރަން ބުނުއްވުމަށްފަހު މާލިމީ ބޭރަށް ނިކުންނެވުމުން، ލުތުފީ ތިޔަ ދެ މީހުންގެ ތެރެއިން ބޮޑު މާލިމީއަކީ ކާކުތޯ ސުވާލު ކުރެއްވެވިއެވެ. ޖަވާބުގައި މުހަންމަދު ހަފީޒު ބޮޑު މާލިމީއަކީ ވެސް އޮޑިވެރިޔަކީ ވެސް އިބްރާހިމް ހުސައިން ދީދީ އޭ ދެންނެވެމުން ސަމާސާޔަކަށް ބޮޑު މާލިމީއަކީ ތިޔައީއޭ ކިޔައިދޭން އެނގޭނީ ބޮޑު މާލިމީއަށޭ ވިދާޅުވިއެވެ. މި ވާހަކަ މިގޮތަށް ކިޔައިދެއްވީ ފުވައްމުލަކު ބޮޑު ކަތީބުކަން ކުރެއްވެވި ޖަވާހިރު މުހަންމަދު ވަޙީދު އަހުމަދެވެ. މުހަންމަދު ހަފީޒަކީ ވަހީދުގެ އެއްބަނޑު އެއްބަފާ ދައްތަގެ ފިރިކަލުންނެވެ.
ކުރިން ދެންނެވި ސިޓީގައި އޮތް ވާހަކައެއް ނޭނގެއެވެ. އަދި އަލްމަރުޙޫމް އުސްތާޒު މުހަންމަދު އިބުރާހީމް ލުޠުފީ ވަޑައިގަންނަވަނީ ކޮން ބޭނުމަކު ކަމެއް ވެސް ނޭނގެއެވެ. 22 ޑިސެންބަރު 1951 ދުވަހު ހެނދުނު ފުވައްމުލަކު ރައްޔިތުން އުފަލުން ދައްކަމުން އަޑުއަހަމުން ދިޔައީ މާލެއިން އޮޑިއެއް އައި ވާހަކައެވެ. ހެނދުނު އަލްމަރުޙޫމް އަލްއުސްތާޒު މުހަންމަދު އިބުރާހީމް ލުތުފީ ރަށަށް ފައިބައިވަޑައިގެން ވަޑައިގަތީ ދަޑިމަގު އޮޅޮގިނައިގެއަށެވެ. ބެލެވޭ ގޮތުގައި އަލްމަރުޙޫމް އަލްއުސްތާޒު މުހަންމަދު އިބުރާހިމް ލުތުފީ އޮޅޮގިނައިގެއަށް އެ ވަޑައިގަތީ އޭރު ރަށްވެރިއަކީ އޮޅޮގިނައިގޭ އަލްމަރުޙޫމް އަލީ މޫސާދީދީ ކަމުން ބައެއް އެންގެވުންތައް އަންގަވާށެވެ. އޭރު ރަށުގައި ވެރިކަމުގެ އަމުރު މައުރޫފު ހިންގަން ޚާއްސަ އިމާރާތެއް ނުހުރެއެވެ. ޒަމާނުއްސުރެ ވާރުވެރިން، ގޮއިވެރިން، ރަށްވެރިން، ކަތީބުން، ނާއިބުން، އެ ބެއިފުޅުންގެ ވަޒީފާ އަދާކުރައްވަނީ އެ ބެއިފުޅެއްގެ ގޭގައެވެ.
ލުޠުފީ ފުވައްމަލަކަށް ވަޑައިގެންނެވުމާ ހަމަޔަށް ރަށްވެރިޔާގެ ގޮތުގައި ރަށުގެ ކަންތައް ހިންގަވާން ހުންނެވި ރަށްވެރިޔާ އޮޅޮގިނައިގޭ އަލްމަރުޙޫމް އަލީ މޫސާ ދީދީ (ކަޅުތުއްތު ދީދީ) އަކީ އަޅުގަނޑުގެ ބައްޕަ ފަރާތު ބޮޑުބޭބެއެކެވެ. އަލީ މޫސާ ދީދީ ރައްޔިތުންނާ ގުޅޭގޮތުން ހަމަޖައްސަވަން ޖެހިވަޑައިގަންނަވާ ކަންތައްތައް ކުރައްވަމުން ގެންދެވީ އޮޅޮގިނައިގޭ މަގާ ވީ ފަރާތުގެ ފެންޑާގެ އިރުމަތީގައި ހުރި ކޮޓަރީގައެވެ. ލިއެކިޔުންތައް ވެސް ހުންނަނީ އެ ކޮޓަރީގައެވެ. އެ ތަނަށް ކިޔަނީ ލޭނަ ކޮޓަރިއެވެ. އަލްމަރުޙޫމް އަލްއުސްތާޒު މުހަންމަދު އިބުރާހިމް ލުޠުފީ ރަށްވެރިގެއަށް ބަދަލުވެވަޑައިގަންނަވަންދެން ވެރިކަމުގެ އަމުރު މަޢުރޫފު އަލީ މޫސާ ދީދީ ހިންގަވަމުން ގެންދެވީ އެ ތަނުގައެވެ. ލުޠުފީ ވަޑައިގެންނެވި ހިސާބުން އަލްމަރުހޫމް އަލީ މޫސާދީދީގެ ރަށްވެރިކަމުގެ ދައުރު ނިމުނީއެވެ.
ލުޠުފީ ފުވައްމުލަކަށް ވަޑައިގެންނެވި އިރު (22 ޑިސެންބަރ 1951) ފުވައްމުލަކުގައި ހުރި ސަރުކާރުގެ އިމާރާތްތަކަކީ ރައްޔިތުން 25 ފެބުރުއަރީ 1948 ގައި އުފެއްދި މާލިއްޔާގެ އާއި، 14 ރަމްޟާން 1369 (މީލާދީން 30 ޖޫން 1950) ގައި ބިންގާ އަޅައިގެން ރާނަން ފަށާފައިވާ ރަށްވެރިގެއެވެ. މާލިއްޔާގެ ހުރީ ރަސްގެފަންނުން އަތިރިޔަށް އެރޭ އިރު ވާތް ފަރާތުގައި މިހާރު ހިކަރި އެ ހުރި ތަނުގައެވެ. ރަށްވެރިގެ ހުރީ މިހާރު ވެސް އެ ހުރި ތަނުގައެވެ. ފުވައްމުލަކު ރަށްވެރިގެއަކީ އެހައިތަނަށް ހުންނެވި ރަށްވެރިޔާ އަލްފާޟިލް އަލީ މޫސާ ދީދީ ރަށްވެރިގެއަކަށް ބިންގާ އެޅުއްވި އިމާރާތެކެވެ. ރަށްވެރިގެ ނިންމުމުގެ މަސައްކަތް އޭރު ދިޔައީ ކުރަމުންނެވެ.
އެ ދުވަހުގެ ހަވީރުވެގެން އައި އިރު ރަށު ތެރޭގައި ދެކެވޭން ފެށި ވާހަކައަކީ އަލްމަރުހޫމް އަލްއުސްތާޒު މުހަންމަދު އިބުރާހީމް ލުތުފީ ރަށްވެރިކަމާ ހަވާލުވެވަޑައިގެންނެވި ވާހައެވެ. ރަށުގައި ދިގު މަގަކާއި ހުރަސް މަގަކާ ދެ މަގު ހަދަން ހަމަޖެހުނު ވާހަކައެވެ. އޮޑިއަށް ރަށަށް އާދެވުނު ދުވަސްވަރަކީ ރަށުގައި މަސްވެރިކަން ތިޔާގި ދުވަސްވަރެކެވެ. އަލްމަރުޙޫމް މުހަންމަދު ހަފީޒަކީ ރަށުގެ މަޝްހޫރު ކެޔޮޅެކެވެ. އެހެންކަމުން 22 ޑިސެންބަރު 1951 ދުވަހުގެ ރޭ އޭނާ ވެސް މަހަށް ދުރުވިއެވެ. މަހުން ލެފިއިރު ރަށުގެ މަސްވެރިންގެ ތެރެއިން މާނޭރަށް ލެފި މަސްވެރިން މަސް ނުބަހައި، ބޭނި މަސްކޮޅު ކައިރީގައި އިށީނދެގެން ތިއްބެވެ. މަސް ނުބަހައި ތިބީ ކިހިނެއް ވެގެންތޯ އެއްސެވުމުން އެނގުނީ ރަށްވެރިކަމުގެ ފަރާތުން މީހަކު ނާންނަނީސް މަސް ނުބަހަން އެ ފަރާތުން އަންގަވައިގެން ތިބީކަމެވެ. ދަތުރުމަތީގައި އުފެދުނު ރައްޓެހިކަމުގެ ބޭނުން ހިއްޕަވައިގެން މަރުޙޫމް މުހަންމަދު ހަފީޒު މަރުހޫމް ލުތުފީ އަރިޔަހަށް ދުރުވުމުން މާލިމީ ކޮންކަމަކުހޭ އައްސަވައިފިއެވެ. މަސްކޮޅު ނުބެހި ތިބި ވާހަކަ ދެންނެވުމުން މީހަކު ފޮނުވައި ދެއްވެވިއެވެ. ދިޔަ މީހާ ގޮސް ކޮންމެ ދޯންޏަކުން ހަތަރު ބައިކުޅަ އެއް ބައި މާލިއްޔާގެއަށް ނަގައި އެބައި މާލިއްޔާގެއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސިއެވެ.
އެޑިޓަރުގެ ނޯޓު: މުނީރު ހަސަން އަކީ ފުވައްމުލަކު ކަތީބު ކަމާއި ބޮޑުކަތީބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ފުވައްމުލަކު ދަޑިމަގު އަވަށު ކައުންސިލުގެ ޒިންމާދާރުވެރިޔާކަމުގެ މަގާމުވެސް ފުރުއްވި އެވެ. އޭގެ ކުރީން ރަށުކައުންސިލްތަކުގެ ޒިންމާދާރުވެރިޔާގެ މަގާމުވެސް އަދާކުރެއްވި އެވެ. އޭނާއަކީ ފުވައްމުލަކުގެ ތާރީހު ދިރާސާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މި ވަގުތު ފުވައްމުލަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރަށުގެ ތާރީހީ މައުލޫމާތު އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ މަދު ބޭފުޅުންގެ ތެރޭގައި މުނީރު ހިމެނިވަޑައިގަންނަވައެވެ.
(ނުނިމޭ)