ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީ

ބަނދަރުތަކުގެ ގާނޫނެއް މަޖިލީހަށް ފޮނުވަން އެންގުމަށާއި މެރިޓައިމް އޮތޯރިޓީއެއް އޮންނަން ޖެހޭކަމަށް ފާސްކޮށްފި

އިބްރާހިމް ޒަކީ

ސަރަހައްދީ ބަނދަރުތަކަށް ގެންނަ މުދާ އަގު ބޮޑުވާ މައްސަލަ ހައްލު ކުރުމަށް، ކުރަން ޖެހޭ ކަންތައްތަކުގެ ތެރެއިން، ބަނދަރުތަކުގެ ގާނޫނެއް، 150 ދުވަހުގެ ތެރޭގައި އެކުލަވައިލުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) ން ފާސްކޮށްފިއެވެ.

އެ ކޮމިޓީން މިގޮތަށް ފާސްކުރީ މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިންޑިއާ އާއި ރާއްޖޭގެ ރަށްތަކާ ދެމެދު ކުރަމުން އަންނަ ފެރީ ދަތުރުތަކުން ނަގަމުން އަންނަ ފީތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބޮޑު ކޮށްފައިވާތީ، ދިވެހި ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް ލިބެމުން އައި ފައިދާތަކަށް ނޭދެވޭ އަސަރު ފޯރާފައިވާ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ހުށަހަޅުއްވި މައްސަލަ ދިރާސާކުރުމަށްފަހު، އެކުލަވައިލި ރިޕޯޓިގައި، އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރަން ޖެހޭ ކަންތައްތަކުގެ ގޮތުގައި ހިމަނައިގެންނެވެ.

ސަރަހައްދީ ބަނދަރުތަލުން ލިބޭ މުދަލުގެ އަގު ބޮޑުވަނީ ނަގާ ފީތައް ބޮޑުވުމުގެ ސަބަބުން ކަން އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެހެންކަމުން ފްރައިޓްގެ އަގު ބޮޑު ވާން ދިމާވަނީ ބަނދަރުތަކުގައި ހުރި މައްސަލަތަކުގެ ސަބަބުން ކަމަށްވާތީ، ހިތަދޫ ބަނދަރާއި ކުޅުދުއްފުށި ބަނދަރު ތަރައްގީ ކުރުރުމަށް އެންޕީއެލް އިން އެކުލަވައިލައިފައިވާ މާސްޓާ ޕްލޭންގެ މަސައްކަތް ފެއްޓުމަށް ބޭނުންވާ ފައިނޭންސް ހަމަޖައްސައިދިނުމަށް މިނިސްޓްރީ

އޮފް ފިނޭންސަށް ހުށަހެޅުމާއި، އެ ޕްރޮޖެކްޓަށް ބޭނުން ވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އަށް ހުށަހަޅަންވެސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

އެމްޕީއެލް އިން ނަގަމުން އަންނަ ފީ ތަކުގެ ތެރެއިން ޕައިލޮޓޭޖް ފީ ބޮޑު ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވާއިރު، އެ ފީ ބޮޑުކުރުމުގެ ސަބަބުން މައްސަލަތައް ދިމާވާ އޭރިޔާތައް ދެނެގަތުމަށް ދިރާސާއެއް ކޮށް، ބަދަލު ކުރެވެން ހުރި އޭރިޔާތަކުން އެ ފީ ކުޑަކުރުވުމަށް އެމްޕީއެލް އަށް ދެންނެވުމަށް ވެސް ކޮމިޓީން ފާސްކޮށްފައި ވެއެވެ.

ހިތަދޫ ބަނދަރުގައި ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކުރުމަށް، އެމްޕީއެލް އާ ގުޅިގެން މަސައްކަތް ކުރުމަށް ފެނަކަ ކޯޕަރޭޝަން އަށް ހުށަހެޅުމަށާއި، ރާއްޖޭގެ ބަނދަރުތައް ރެގިއުލޭޓް ކުރުމަށް މެރިޓައިމް އޮތޯރިޓީއެއް އޮންނަން ޖެހޭ ކަމަށް ވެސް ކޮމެޓީން ވަނި ފާސްކޮށްފައެވެ.

އެކަންތައްތައް އެގޮތަށް ކުރުމަށް ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމަށް ޓަކައި ކޮމެޓީ ރިޕޯޓު މިދިޔަ ބުރާސްފަތި ދުވަހު އެ ކޮމިޓީން ވަނީ މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ.