ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތްތަކަށް އާންމުން ކުރާ ޝަކުވާތައް އިތުރުވެފައިވާތީ، އެ ބޭންކުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް، ކުޑޫ ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ، ބޭންކުގެ ހިދުމަތްތަކާ މެދު، ހާއްސަކޮށް ޑޮލަރު ލިބުމުގެ ދަތިކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. ކުޑޫ ފާހަގަކުރެއްވި ގޮތުގައި، ޓޫރިޒަމް ދާއިރާއިން ބޭރު ފައިސާ މާރުކުރުމުގެ އުސޫލުތަކަށް ބަދަލު އައި ނަމަވެސް، މުދާ އެތެރެކުރާ ވިޔަފާރިވެރިންނަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމުގައި ބޭންކުން ވަނީ ނުކުޅެދިފައެވެ.

މީގެ އިތުރުން، އާންމު ރައްޔިތުން އީ-ކޮމާސް ވެބްސައިޓުތަކުން ކުރާ މުއާމަލާތްތަކާއި، ދިރިއުޅުމުގެ އެކި ބޭނުންތަކަށް ބޭނުންކުރާ އެޕްލިކޭޝަންތަކުގެ ސަބްސްކްރިޕްޝަން ފީ ދެއްކުމުގައިވެސް ބޭންކުން ވަނީ ލިމިޓުތަކެއް ކަނޑައަޅާފައިކަން ކުޑޫ ފާހަގަކުރެއްވިއެވެ. އެކަމުގެ ސަބަބުން ގިނަ ބައެއްގެ ހިދުމަތްތައް މެދުކެނޑި، އާންމު ދިރިއުޅުމަށް ދަތިތަކާ ކުރިމަތިވަމުންދާކަމަށް ކުޑޫ ވިދާޅުވިއެވެ.

ބީއެމްއެލްއިން އެ މައްސަލަތައް ދިމާނުވާކަމަށް ބުނެ ހަގީގަތް އޮޅުވާލަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވައި، ކުޑޫ އެދިވަޑައިގެންފައިވަނީ މިކަމުގެ ހަގީގަތް ބަލައި މައްސަލަ ހައްލުކުރުމަށް އެސްއޯއީ ކޮމިޓީގެ ބައްދަލުވުމެއް ވަރަށް އަވަހަށް އިންތިޒާމުކޮށްދިނުމަށެވެ. އަދި ބޭންކުގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކޮށް، ރައްޔިތުންނަށް ދިމާވެފައިވާ މި ދަތިތަކާ ގުޅޭގޮތުން ޖަވާބުދާރީ ކުރުވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް އޮފީހުގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮލަރުގެ މައްސަލައަށް އަލިއަޅުއްވާލައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، މި މަސް ނިމުމުގެ ކުރިން ޑޮލަރުގެ މައްސަލައަށް ލުޔެއް ލިބޭނެކަމަށް ބޭންކުން ބުނެފައިވާ ކަމަށެވެ.