ކޮން ފާމަސީއެއްގައި ހުރީ ކޮން ބޭހެއްތޯ، ރައްޔިތުންނަށް ބަލައިލެވޭނެ ނިޒާމެއް ގާއިމްކޮށްދެއްވާނެ ކަމަށް، ރާއްޖެއަށް ބޭސް އެތެރެކޮށް، ބޭހުގެ ވިޔަފާރި ކުރުމަށްޓަކައި ސަރުކާރުން އުފެއްދި ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓް ފާމާ)ގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު މިއަދު ވިދާޅުވެއްޖެއެވެ.

ޑރ. ޝާން މިހެން ވިދާޅުވީ، ބަލި މީހުންނަށް ބޭނުންވާ ބޭސް ރާއްޖެއިން ނުލިބޭ މައްސަލަ އާއި ލިބެން ހުންނަ ބޭސްވެސް ލިބުން ދަތިވާ މައްސަލައިގައި އެ ކުންފުޏާއި ކަމާބެހޭ އެހެން ފަރާތްތަކުން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ޝާހު ވިދާޅުވީ، ބޭސް ލިބުމުގައި އެންމެ ބޮޑަށް ދިމާވާ މައްސަލައިގެ އެއް ހަގީގަތަކީ، ސްޓޮކްގައި ލިބެން ހުންނަނީ ކޮން ބޭހެއްކަން ހޮސްޕިޓަލްތަކާއި ފަމަސީތަކާއި އާސަންދަ ފަދަ ތަންތަނަށް އެނގެން ނެތުން ކަމަށެވެ. އެކަން އެނގެނީ އެސްޓީއޯއަށް ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ސްޓޮކްގައި ހުންނަނީ ކޮން ބޭސްތަކެއްކަން އަދި ކޮން ފާމަސީއެއްގައި ހުރީ ކޮން ބޭހެއްކަން ބަލައިލެވޭނެ ޕޯޓަލްއެއް ރައްޔިތުންނަށް ފޯރުކޮށްދެއްވާނެ ކަމަށާއި އެކަމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން ސްޓޮކްގައި ބޭސް ހުރި އަދަދުތަކާއި، މުއްދަތު ހަމަވާނެ ތާރީހުތަކާއި، އެއް ފާމަސީއަކުން ބޭސް ހުއްވެއްޖެނަމަ އެއް ފާމަސީން އަނެއް ފާމަސީއަށް ބޭސް ބަދަލު ކުރެވޭނެ އިންތިޒާމުވެސް އޭގެ ތެެރެއިން ހަމަޖެހިގެންދާނެ ކަމަށްވެސް ޝާން ވިދާޅުވިއެވެ.

ޝާން ވިދާޅުވީ، ރާއްޖެއަށް އެތެރެކުރާ ބޭހުގެ އަދަދެއް ނޭނގޭ ކަމަށެވެ. އެހެންކަމުން ބޭހުގެ އަދަދުތަކާއި، ވައްތަރުތައް ބަލައި ކަމާބެހޭ އިންތިޒާމްތައް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ބޭސްލިބުން ދަތިވެފައިވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދައި ދިނުމަށް، ރާއްޖޭން ލިބެންހުނަން ހުރިހާ ބޭހެއް ލިބޭގޮތަށް، އައިޖީއެމްއެޗްގައި ވަރަށްއަވަހަށް ސްޓޭޓް ފާމާގެ ފާމަސީއެއް ގާއިމް ކުރެވޭނެ ކަމަށްވެސް ވިދާާޅުވިއެވެ.