ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ގެ ރައީސްކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވާ މއ. ޔެލޯބެލް، މުހައްމަދު ނިޒާރަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ޕީސީބީގެ ރައީސްކަމުގެ މަގާމަށް 30 އޭޕްރީލް ގައި ނިޒާރު އައްޔަންކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި ގއ. ދެއްވަދޫ ދޭލިޔާގެ، މުހައްމަދު އަނަސް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ނިޒާރަށް މަޖިލީހުގެ ރުހުން ހޯއްދަވަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު މަޖިލިސް ތަޅުމަށް އިއްވުމުން އެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
ނިޒާރަކީ ބައިނަލްއަގުވާމީ ވިޔަފާރި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ނިޒާރަކީ ދައުލަތުގެ ކުންފުނިތައް ކޯޕަރަޓައިޒް ކުރުމާއި، އެ ކުންފުނިތަކުގެ ހިންގުން މޮނިޓާކޮށް ބެލެހެއްޓުމުގެ ފަންނީ މާހިރެކެވެ.
މީގެ ކުރިން 2014 އިން 2019 އަށް ވެސް ނިޒާރު ވަނީ ޕީސީބީގެ ރައީސްކަމުގެ މަގާމު ފުރުއްވައިފައެވެ. އެ މުއްދަތުގައި ސަރުކާރުގެ ޕްރައިވެޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން އެޖެންޑާ ކުރިއެރުވުމުގައި ނިޒާރު ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. ދައުލަތުގެ ކުންފުނިތައް ހިންގުމުގެ ނިޒާމުތައް (ގަވަނަންސް ފްރޭމްވޯކް) ހަރުދަނާކޮށް، މަސައްކަތުގެ ހިންގުން ހަލުވިކުރުމުގައި ނިޒާރުގެ އިސްނެންގެވުން ފާހަގަކޮށްލެވެއެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައި، އެ ކުންފުނީގެ އިމްޕޯޓް، އެޑްމިނިސްޓްރޭޝަން، އައިޓީ އަދި ސޭލްސް ފަދަ މުހިންމު ދާއިރާތަކުގެ ޖެނެރަލް މެނޭޖަރުކަމާއި ޑެޕިއުޓީ ޑިރެކްޓަރުކަން ފަދަ އިސް އެގްޒެކެޓިވް މަގާމުތައް ނިޒާރު ވަނީ ފުރުއްވައިފައެވެ. އެސްޓީއޯގައި އުޅުއްވި މުއްދަތުގައި އީއާރްޕީ ނިޒާމު ގާއިމުކުރުމާއި ސަޕްލައި ޗެއިން ހަރުދަނާ ކުރުމާއި ބައިނަލްއަގުވާމީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުން ފަދަ އިސްތިރާޖީ މުހިންމު މަޝްރޫއުތަކުގައި އޭނާ ބައިވެރިވެވަޑައިގެންފައިވެއެވެ.
އެ މަގާމުތަކުގެ އިތުރުން، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑް އަދި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ކުރެއްވުމުގެ އިތުރުން، ރިސްކް މެނޭޖްމަންޓް، ޕްރޮކިއުމަންޓް، އަދި ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ ގައުމީ ފެންވަރުގެ އެކި ކޮމިޓީތަކުގައި ވެސް ނިޒާރު ވަނީ އަމަލީގޮތުން މަސައްކަތް ކުރައްވައިފައެވެ.
ނިޒާރަކީ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ގްރެޖުއޭޓް ސެޓްފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން، ކޯޕަރޭޓް ގަވަނަންސް އާއި ދައުލަތުގެ ކުންފުނިތައް ހިންގުމާ ގުޅޭ ބައިނަލްއަގުވާމީ ގިނަ ތަމްރީނު ޕްރޮގްރާމްތަކާއި މަތީ ފަންތީގެ ފޯރަމްތަކުގައި ނިޒާރު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
އިބްރާހިމް ޒަކީ
ޕްރައިވެޓައިޒޭޝަން ބޯޑު
ޕްރައިވެޓައިޒޭޝަން ބޯޑު
ޕްރައިވެޓައިޒޭޝަން ބޯޑު
ޕްރައިވެޓައިޒޭޝަން ބޯޑު
ކޮމެންޓް