ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގައި، ކޯޓު އަމުރެއް ނެތި މީހުން ހިފައި ހައްޔަރުކޮށް، ކޯޓަށް ހާޒިރު ކުރުމަކާ ނުލައި 48 ގަޑިއިރު ބެއި ތިއްބޭ ގޮތަށް ފުލުހުންނަށް ބާރުދޭ ގޮތަށް އޮތްބައި، އެ ބިލު ދިރާސާ ކުރި ސަބް ކޮމެޓީން އުނިކުރުމުން، އަލުން އެބައި ބިލުގައި ހިމަނއިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެ ބިލު ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވައިފިއެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު އަބުދުލްޣަނީ އަބުދުލް ހަކީމް މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.
ޓެރަރިޒަމްގެ ކުށްތައް ތަހުގީގު ކުރުމަށް ޓަކައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނައިފައެވެ. އެގޮތުން ފުލުހުންނަށް މި ބިލުން ބޮޑެތި ބާރުތަކެއް ވަނީ ދީފައެވެ.
ބިލުން އެންމެ ބޮޑަށް ފާހަގަ ވަނީ، ޓެރަރިޒަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހިފައި ހައްޔަރުކޮށް، ކޯޓަށް ހާޒިރު ނުކޮށް 48 ގަޑިއިރު ބެއި ތިއްބޭ ގޮތަށް ގާނޫނުގެ 22 ވަނަ މާއްދާއަށް ގެންނަން ހިމަނާފައިވާ އިސްލާހެވެ. މަޖިލީހުގައި މި ބިލުގެ އިބްތިދާއީ ބަހުސް ނިމި ބިލު އިތުރަށް ދިރާސާ ކުރަން ފޮނުވީ، 241 ކޮމިޓީއަށެވެ. އެ ކޮމިޓީން ބިލުގެ ކަންތައް ހަވާލު ކުރީ ސަބް ކޮމިޓީއަކާއެވެ.
ސަބް ކޮމެޓީން ބިލް އިސްލާހު ކޮށްގެން 241 ކޮމިޓީއަށް ހުށަހެޅިއިރު، ބައެއް އިސްލާހުތައް ވަނީ އުނިކޮށްފައެވެ. އޭގެ ތެރޭގައި ކޯޓަށް ހާޒިރު ނުކޮށް 48 ގަޑިއިރު ބެއި ތިއްބޭ ގޮތަށް އޮތް އިސްލާހު ވެސް ހިމެނެއެވެ. މި އިސްލާހުގައި ބުނެފައި ވަނީ، ގާނޫނުގެ ހަ ވަނަ މާއްދާ އާއި ހަތް ވަނަ މާއްދާ އާއި 12 ވަނަ މާއްދާ އާއި 14 ވަނަ މާއްދާގައި ބަޔާންކުރާ ކުށްކުރަން އުޅޭ ކަމުގެ ތުހުމަތު ކުރެވޭ މީހަކު ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.
ގާނޫނުގެ ހަ ވަނަ މާއްދާގައި ބުނެފައި ވަނީ، ޓެރަރިޒަމްގެ އަމަލެއް ކުރުމާއި ކުރަން އުޅުމާއި އެފަދަ ކަމެއް ކުރުމުގައި އެހީތެރިވެދިނުމާއި އެއްވެސް ސިފައެއްގައި ބައިވެރިވުމުގެ ވާހަކައެވެ. ހަތް ވަނަ މާއްދާގައި ބުނެފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ވާހަކައެވެ. 12 ވަނަ މާއްދާގައި ބުނަނީ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ އެފަދަ ކަމަކަށް މަގުފަހި ކުރުމާބެހޭ ވާހަކައެވެ. އަދި 14 ވަނަ މާއްދާގައި ބުނަނީ ގޭންގު ނުވަތަ ގުރޫޕް ހަދައިގެން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ވާހަކައެވެ.
މި ގާނޫނުގައި މިހާރު އޮންނަ ގޮތުން ޓެރަރިޒަމްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ބަންދުކޮށްފި ނަމަ އޭނާ ބަންދު ކުރީ ގާނޫނީ ހަމަތަކުންތޯ ކަނޑައެޅުމަށް 24 ގަަޑިއިރުގެ ތެރޭގައި އެ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހެއެވެ.
ނަމަވެސް ބިލަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ، ޓެރަރިޒަމްގެ ކުށްތައް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރާ ފަރާތްތައް 48 ގަޑިއިރަށް ބަންދުގައި ބޭތިއްބުމުގެ ބާރު ފުލުހުންނަށް ލިބިދޭ ކަމަށެވެ. އެފަދަ ފަރާތްތައް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކޮށް، އެފަރާތްތަކުގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމުގައި އަމަލުކުރަން ޖެހޭ އުސޫލުތައް ބިލުގައި އިތުރަށް ވަނީ ސާފުކޮށްދީފައެވެ.
ބިލުގައި ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު މި ގާނޫނުން ފުލުހުންނަށް ދީފައިވާ ފަރާތެއް އަމިއްލަ ތަނެއްގައި ހުންނަ ހާލަތެއްގައި ކޯޓު އަމުރަކާ ނުލައި އެތަނަކަށް ވަދެ، އެތަން ބަލައި ފާސްކުރުމާއި އެކަށޭނަ މިިންވަރެއްގެ ވަގުތަކަށް އެތަނުގައި ތިބުމުގެ ބާރުވެސް ފުލުހުންނަށް ވަނީ ދީފައެވެ.
އޭގެ އިތުރުން އެކަން ކުރުމުގައި ފުލުހުން އަމަލުކުރަން ޖެހޭ އިޖުރާއަތްތައްވެސް ބިލުގައި ބަޔާން ކޮށްފައިވެއެވެ.
ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެކަމަށް ޓަކައި އެފަދަ ސަރަހައްދަކަށް ގޮސް އަނބުރާ ރާއްޖެއަށް އަންނަ ފަރާތްތަކުގެ މައްޗަށް ހިންގަން ޖެހޭ އިޖުރާއަތުތައް ހިންގުމުގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށްވެސް ބިލުގައި ވަނީ ކަންތައްތަކެއް ހިމަނައިފައެވެ.
އެގޮތުން އެކަންކަމުގައި ރާއްޖެއިން ބޭރަށް ގޮސް ޓެރަރިޒަމްގެ އަމަލުތަކުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖެއްސުމާއި އެފަދަ ފަރާތްތަކުން މުޖުތަމައު ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބިލުގައި ހިމަނާފައިވެއެވެ.
އޭގެ އިތުރުން އެފަދަ ފަރާތްތަކަށް ދޭން ޖެހޭ ރިހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް ކަންކަން މަގުފަހިކުރުމަށް ކުރަން ޖެހޭ ކަންތައްތައްވެސް އެ ބިލުގައި ވަނީ ހިމަނައިފައެވެ.
241 ކޮމެޓީ
241 ކޮމެޓީ
241 ކޮމެޓީ
241 ކޮމެޓީ