މިމަހުގެ ތިންވަނަ ދުވަހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ދިމާ ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ދެ މީހުން މަރުވި ހާދިސާގައި ކަން ހިނގައިދިޔަ ގޮތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އޮޅުންފިލުވަން އެ ކޮމިޓީއަށް ހުށަހަޅައިފިއެވެ.
މިދިޔަ އާދީއްތަ ދުވަހު މި މައްސަލަ އެ ކޮމިޓީއަށް ހުށަހެޅުއްވީ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.
އެ މައްސަލަ ކޮމިޓީއަށް ހުށަހަޅުއްވަމުން ނާޒިމް ވިދާޅުވީ، އެ ހާދިސާގައި ދިވެއްސަކު މަރުވެފައިވާ ކަމަށާއި އެފަދަ މައްސަލަތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލުމަކީ ކޮމިޓީގެ މަސްއޫލިއްޔަތެއް ކަމަށެވެ.
ނާޒިމް ވިދާޅުވީ ކޮޅުވެއްޓިއަށް އަންލޮޑްކުރާއިރު ކަސްޓަމްސް މީހުން ތިބެންޖެހޭނެ ކަމަށާއި އެކަން ހިނގިއިރު ކަންތައް ދިޔައީ އެގޮތަށްތޯ ކޮމިޓީން އޮޅުންފިލުވަން ޖެހޭނެ ކަމަށެވެ.
ކޮޅުވެއްޓި ބަންޑުން ޖަހައިލި ހާދިސާގައި ދެ މީހުން މަރުވިއެވެ.
އޭގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝް މީހެއްގެ އިތުރުން ގއ. ގެމަނަފުށި/ ދިލްބަހާރުގެ، އަލީ އަފްލާހް އަބްދުﷲ (25އ) އެވެ. އޭގެ އިތުރުން އެ ހާދިސާގައި ހަ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ވަނީ ފަރުވާ ދީފައެވެ.
ރާއްޖޭގައި ކޮޅުވެއްޓިތަކާއި ޓަގު ބޯޓުތައް ގިނައިން އޮޕަރޭޓް ކުރަމުންދަނީ އެކަމަށް ގާބިލު ނޫން ކެޕްޓަނުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ދާދި ފަހުން ވަނީ ބުނެފައެވެ.
އެ ހާދިސާއާއެކު ކޮޅުވެއްޓިތައް ބަންޑުން ޖަހާލުމުގެ ތިން ހާދިސާއެއް މިފަހުން ހިނގާފައިވާ އިރު، އެއިން ކޮންމެ ހާދިސާއެއްގައި ވެސް ވަނީ މީހުން މަރުވުން ފަދަ ހިތާމަވެރި ހާދިސާތައް ހިނގައިފައެވެ.
އެކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ އެފަދަ ނުރައްކާތެރި ގިނަ ހާދިސާތައް ހިނގަނީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދުއްވާ އަދި އޮޕަރޭޓްކުރާ ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ ކޮޅުވެއްޓިތަކާއި ޓަގް އަދި ބާޖު ފަހަރު އޮޕަރޭޓް ކުރުމުގައި ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން ކަމަށެވެ.
އިބްރާހިމް ޒަކީ
241 ކޮމެޓީ
241 ކޮމެޓީ
241 ކޮމެޓީ
241 ކޮމެޓީ