މާލޭ ވިޔަފާރި ބަނދަރުގައި ކޮންޓެއިނާ ސްކޭނާ ބަހައްޓަން ބޭނުންވާ ފައިސާ ހަމަނުޖެހިއްޖެނަމަ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅަން އެ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އެދިވަޑައިގެންފިއެވެ.
ސަލީމް މިހެން ވިދާޅުވީ، ކޮންޓެއިނާ ސްކޭން ކުރުމަށް ކުރާ މަސައްކަތްތަކާބެހޭ މައުލޫމާތު އޮޅުން ފިލުއްވުމަށް މޯލްޑިވްސް ކަސްޓަމްސް އާއި މޯލިޑްވެސް ޕޯޓްސް ލިމިޓެޑް (އެމްޕިއެލް) ގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީއަށް ހާޒިރު ކުރުމުން އެ ބޭފުޅުން ކޮމިޓީއާ ހިއްސާ ކުރެއްވި މައުލޫމާތުތަކާ ގުޅިގެންނެވެ.
ކޮންޓެއިނާ ސްކޭން ކުރުމުގެ ނިޒާމެއް ނެތުމުން ކޮންޓެއިނާ މެދުވެރިކޮށް މަނާ ތަކެތި ރާއްޖެ އެތެރެ ކުރުމާއި ކަސްޓަމްސް އަށް ދައްކަން ޖެހޭ ޑިއުޓީ ނުދައްކައި މުދާ އެތެރެ ކުރުމުގެ ސަބަބުން ދައުލަތަށް ލިބެން ޖެހޭ އެތައް މިލިޔަން ރުފިޔާއެއް ގެއްލޭކަމުގެ ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ.
އެންމެފަހުން ފަޅާއެރި ސިނގިރޭޓް ކޮންޓެއިނަރުތަކުގެ މައްސަލައަކީވެސް ސްކޭނަރެއް ނެތުމުން ދިމާވި މައްސަލައެއްކަން އެ މައްސަލަތައް ބަލަމުންދިޔަ މަޖިލީހުގެ ކޮމިޓީތަކުން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ސްކޭން ކުރުމުގެ އެފަދަ ނިޒާމެއް ގާއިމް ކުރުމަށް ކަސްޓަމްސް އާއި މޯލިޑްވެސް ޕޯޓްސް ލިމިޓެޑްގައި ވަނީ އެދިފައެވެ.
ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ ވެސް މުގައްރިރު ސަލީމް ވިދާޅުވީ، ކޮންޓެއިނާ ސްކޭނަރު ގަތުމަށް ބޭނުންވާ 15 މިލިޔަން ރުފިޔާ ކަސްޓަމްސްއަށް ދެއްވާނެ ކަަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ ފައިސާ ހޯދަން ކަސްޓަމްސްއިން މިނިސްޓްރީއަށް ސިޓީ ފޮނުވާފައި ނުވާ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
ނަމަވެސް އެކަންތައް ހިނގައިދިޔަ ގޮތް ކޮމިޓީއާ ހިއްސާ ކުރައްވަމުން ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް އަބްދުﷲ އަލީ ވިދާޅުވީ އެކަމާ ގުޅޭގޮތުން މިއަހަރުގެ މާޗު މަހާއި މެއި މަހުގެ ތެރޭގައި ކަސްޓަމްސް އާއި ފިނޭންސާ ދެމެދު ސިޓީ ބަދަލުކޮށްފައިވާނެ ކަމަށާއި، އެކަމަށް ބޭނުންވާ ފައިސާގެ އަދަދުވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ.
އެގޮތުން 30 ސެޕްޓެމްބަރުގައި ބޭއްވި ބައްދަލުވުމެއްގައި 15 މިލިއަން ރުފިޔާގެ ވާހަކަ ފިނޭންސުން ބުނި ނަމަވެސް މުޅި ސިސްޓަމް ބަހައްޓަން 51 މިލިޔަން ރުފިޔާ ހަރަދުވާނެ ކަަމށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ މަސައްކަތުގައި ހުޅުވާލަން ޖެހޭނީ އިންޓަނޭޝަނަލް ބިޑަށް ކަމަށާއި، އެކަމުގެ ޕްރޮކިއުމެންްޓް ޕްރޮސެސްއަށް އެންމެ އަވަސްވެގެންވެސް ދޮޅުމަސްދުވަސް ހޭދަވާނެ ކަމަށް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އެ ސްކޭނަރު ބަހައްޓަން ޖެހެނީ އެމްޕީއެލް ބަނދަރުގައިކަމުން، އެކަމަށް ބޭނުންވާ ފައިސާގެ ބާކީ ބައި އެމްޕީއެލް އިން ހަމަޖެއްސުމަށް ނޫނީ، ފިނޭންސުން ހަމަޖައްސައިދިނުމަށް މިނިސްޓަރު ނިންމަވާފައިވާ ކަމަށެވެ.
އެ މައްސަލައިގައި އެމްޕީއެލްއިން ބުނީ ޖާގައިގެ ދަތިކަން އޮތުމުން އެންމެ ރަނގަޅު ފެންވަރުގެ މެޝިނެއް މާލޭގެ ބަނދަރެއްގައި ނުބެހެއްޓިދާނެ ކަމަށެވެ. ނަަމަވެސް މޮބައިލް ނުވަތަ އެއް ތަނުން އަނެއް ތަނަށް ފަސޭހައިން ގެންދެވޭ ކަހަލަ ސްކޭނަރެއް ހޯދުމަށް ކަމަށްވެސް ބުންޏެވެ. އެމްޕީއެލްގެ ހުރިހާ އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކުރެވުމުން އެ ތަނުގައި އެންމެ ޒަމާނީ މޮޑަން ސިސްޓަމެއް ގާއިމް ކުރާނެ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން ފައިސާގެ ކަންތައް ހަމަޖެއްސުމުން އެ ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް އެމްޕީއެލްއިން ބުންޏެވެ.
އެކަމާ ގުޅިގެން ސަލީމް ވިދާޅުވީ ސްކޭނަރު ބެހެއްޓުމަކީ ނުކޮށް ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި ފިނޭންސުން އެ ފައިސާ ހަމަޖައްސާނެ ކަމުގެ ޔަގީންކަން ކޮމިޓީއަށް ދީފައިވާތީ، އެކަމައިގެން ކުރިއަށް ދިއުމަށް ކަސްޓަމްސް އާއި އެމްޕީއެލްއަށް ލަފާދެއްވި އެވެ.
އެކަން ކުރިއަށް ނުގޮސްފި ނަމަ، ސިޓީއަކުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ އެކަން ހިއްސާކުރުމަށް ވެސް އޭނާ އެދިވަޑައިގެންނެވިއެވެ.
"ފިނޭންސް މިނިސްޓަރު އަޅުގަނޑުމެނަށް ޔަގީންކަން ދެއްވި ތިބޭފުޅުން އެދޭ ކަންތައްތަކުގައި ފުލް ސަޕޯޓް ދެއްވާނަމޭ އެހެންވީމަ ތި ބޭފުޅުން ތި ލިޔާ ސިޓީތަކަށް ފިނޭންސް މިނިސްޓްރީން ފައިސާ ނުލިބިއްޖެއްޔާ އަޅުގަނޑުމެންގެ 241 ކޮމިޓީއަށް އެ މައްސަލަ ފޮނުވާށޭ ފައިސާ ނުލިބިއްޖެއްޔާ ދެން ކޮމިޓީގެ ފަރާތުން ފިނޭންސް މިނިސްޓްރީއާ ވާހަކަދައްކައިގެން ކުރިއަށްދާނަން،" ސަލީމް ވިދާޅުވިއެެވެ.
އިބްރާހިމް ޒަކީ
މޯލްޑިވްސް ކަސްޓަމްސް ސާވިސް
މޯލްޑިވްސް ކަސްޓަމްސް ސާވިސް
މޯލްޑިވްސް ކަސްޓަމްސް ސާވިސް