ފުލުހުންގެ ހިދުމަތުގައި ރިކޯޑުކޮށްފައިވާ އޭނާގެ ޒާތީ މައުލޫމާތު ނޫސްތަކާ ހިއްސާ ކުރި މައްސަލަ ބަލައިދިނުމަށް އެސިސްޓާ ކޮމިޝަނާ އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އެދިވަޑައިގެންފިއެވެ.
ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނަށް އިއްޔެ ފޮނުވި ސިޓީއެއްގައި، ފުލުހުންގެ "ޕީއެސްސީ ނިޒާމުގައި ރައްކާ ކުރެވިފައިވާ އޭނާގެ ބައެއް މައުލޫމާތު" ރަސްމީ ބައެއް އިދާރާތަކާއި ބައެއް ނޫސްތަކަށް ލީކުކޮށްލުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ޝިފާން ވިދާޅުވީ ފުލުހުންގެ އެސިސްޓަންޓު ކޮމިޝަނަރަކު އޭނާގެ މައުލޫމާތުތަކަށް އެކްސެސްވެ، މިދިޔަ މެއި މަހު މައުލޫމާތު ބަދަލު ކުރި ކަމަށް ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ޑިޕާޓްމަންޓުން އޭނާއަށް އަންގާފައިވާ ކަމަށެވެ.
ނަމަވެސް އެއީ ކޮން ނަމެއް ކިޔާ އޭސީޕީއެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
ޕީއެސްސީ ނިޒާމަކީ ފުލުހުންގެ މައްސަލަތައް ބެލުމަށް އިދާރާގެ ތެރޭގައި ހަދާފައިވާ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބޭނުން ކުރާ ފުލުހުންގެ އިންޓާނަލް ސިސްޓަމެކެވެ.
ސީޕީ ނަވީންއަށް ފޮނުއްވި ސިޓީގައި ޝިފާން ވިދާޅުވެފައި ވަނީ، ފުލުހުންގެ ގަވާއިދުތަކާ ހިލާފަށް އޭނާއާ ދެކޮޅަށް ފުލުހުންގެ ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ބަލައިދެއްވުން އެދޭ ކަމަށެވެ.
އޭސީޕީ ޝިފާނަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ވިސްލްބްލޯވަރުންތަކެއް ވަނީ ސިޓީއެއް ފޮނުވައިފައެވެ. އޭގައި ވަނީ ފުލުހުންގެ އަންހެން މުވަައްޒަފުންނާއެކު ނަހަމަ ގުޅުންތަކެއް ބާއްވައި ބައެއް މީހުންނާއެކު ގަދަކަމުން ބަދަލުއަހުލާގީ އަމަލުތަކެއް ހިންގުމާއި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައެވެ.
އެގޮތުން ގާނޫނާ ހިލާފަށާއި ފުލުހުންގެ ސުލޫކީ މިންގަނޑުތަކާ ހިލާފަށް ކޮށްފައިވާ ގިނަ އަމަލުތަކަކާއި އޭނާ ހިންގި ކަމަށް ބުނާ ބަދުއަހުލާގީ އަމަލުތަކެއް ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ޖިންސީ ފުރައްސާރައިގެ މައްސަލަަތަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މުވައްޒަފުންނާ މެދު ތަފާތުކޮށް ކަންތައްތައް ކުރުމުގެ މައްސަލަތައް ވެސް ހިމެނެއެވެ.
މީގެ އިތުރުން މިދިޔަ މާޗު މަސް ތެރޭ ގަވައިދާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓް އެތެެރެ ކުރި މައްސަލައަކާ ގުޅިގެން ފުލުހަކު ހައްޔަރުކޮށްފައި ވަނިކޮށް، އެކަމާ ގުޅުމެއް ނެތް ޑެޕިއުޓީ ކޮމިޝަނަރަކާއި އެސިސްޓެންޓް ކޮމިޝަނަރަކު އެ ކުށުގައި ބައިވެރިވި ކަމަށް ދެއްކުމަށް އެ ދެ އޮފިސަރުން ފްރޭމް ކުރުމަށް ޝިފާން މަސައްކަތްކޮށްފައިވާ ކަމަށްވެސް އެ ސިޓީގައި ވަނީ ތުހުމަތުކޮށްފައެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް