ދިވެހިރާއްޖޭގެ ތާރީޚު

ފުވައްމުލަކު ދަރީންނޭވެ. ފުވައްމުލައް ދަސްކުރާށެވެ: ދުނިޔޭގައި ރާޅަށް އެންމެ ގިނަ ނަން ކިޔަނީ ފުވައްމުލަކުގައި

މުނީރު ހަސަން، ޏ. ފުވައްމުލައް

1

ފުވައްމުލަކަކީ މީހުން ދިރި އުޅޭން ފެށިތާ 3000 (ތިން ހާސް) އަހަރު ވެފައިވާ ފަތް ފަޅާފައިވާ ބިމުގެ ބޮޑު މިނުގައި 480 ހެކްޓަރު އަދި މުޅި ޖުމުލަ ބޮޑު މިނުގައި 498 ހެކްޓަރު ހުންނަ، ދިވެހިރާއްޖޭގެ ރަށްތަކުގެ އާއިލާއިން 3 ވަނައިގައި ހިމެނޭ އެއް ރަށުގެ މައްޗަށް ހިމެނޭ އަތޮޅެކެވެ. ކުރީގައި ރީތި ބަނދަރެއް އޮތް އަރައި ފޭބުމުގައި އެއްވެސް ދަތިކަމެއް ނެތް ހިތްގައިމު ނަލަ ފެހި ރަށެކެވެ. 1910 އިން 1911 އަށް ދިމާވި ގުދުރަތީ ހާދިސާއެއްގައި ރަށުގައި އޮތް ގުދުރަތީ ބަނދަރު ބެދި އެ ނިއުމަތުން މަހުރޫމް ވީއެވެ.

ބަނދަރު ބެދުނު އިރު ފުވައްމުލަކު ވާރުވެރިޔަކަށް ހުންނެވީ މަޝްހޫރު ދޮންމަނިކާގެ އަލިދީދީ (ވާރު އަލިދީދީ) އެވެ. ބަނދަރު ބެދުނު ފަހުން މިހާރު ގަރުނަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ބަނދަރު ބެދުމާއި ގުޅިގެން ރަށަށް ވަދެ ނިކުމެ ހެދުމަށް ރަށުގެ ވަށައިގެން ހުރި ތަންހެޔޮ ދިމަދިމާއިން އެންމެ ރައްކާތެރި ކަމަށް އޭރު ގަބޫލު ކުރެވުނު ދިމަދިމާއިން ރަށަށް ވަދެ ނިކުމެ ހަދަން ވަނީ ފަށާފައެވެ. މިގޮތުން އިރުވައި މޫސުމުގައި ބޭނުންކުރީ މާއޮޅޮ، މެދެފަންނޮ، ނެރެގަނޑޮ، މާނޭރެ، ބިޅިފޭށި މި ހަތަރު ދިމާލެވެ.

ހުޅަނގު މޫސުމުގައި ބޮނޑޮފަންނޮ، ހީނާޑިއެފަންނޮ، ރަސްގެފަންނޮ، ބަނޑަހަލްފަންނޮ، އަދި އަނބުލެވެ. މަސްވެރިން މަހުން އައިސް ދޯނިފަހަރު ޖެހެނީ އެހެލާށެވެ. ވަދެ ނިކުމެ ހެދުމުގައި ރާޅުގެ ބޮޑު ކުޑަ މިނާއި ރާޅު އަންނަ މިސްރާބާއި ދެ ރާޅު ދެމެދު ލިބޭ ވަގުތަށް ވަރަށް ބޮޑު ސަމާލު ކަމެއް ދޭނެއެވެ. ނަމަވެސް ދޯނިފަހަރު ބަންޑުން ޖަހާލައި މީހުން މީހުން މަރުވެ ދޯނިފަހަރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ވަނީ މަދު ފަހަރަކު ނޫނެވެ. މި މައުޟޫގައި މީގެ ކުރިން އަޅުގަނޑު ވާނީ ލިޔުމެއް ލިޔެއެފައެވެ.

ފުވައްމުލައް ވަރިންމައިން ފެހުނަށް އޮންނައިރު ދޮޅު މޭލުގެ ދިގު ފަރެއް ރަށާއި ގުޅިގެން އޮވެއެވެ. މި ހުރިހާ ސަބަބުތަކެއް މިހެން ހުރުމުގެ ސަބަބުން ރަށުގެ ހަރުމީހުނާއި މަސްވެރިން ހާއްސަކޮށް ކެޔޮޅުން ރަށުގެ ވަށައިގެން އެކި ދިމަދިމާލުން އަންނަ ރާޅަށް ތަފާތު ނަން ކިޔައެވެ. މިގޮތުން ރާޅުގެ ނަން ކިޔާއިރު ފަހަތުގައި އޮންނަ ބަހުން އެ ރާޅެއްގެ ބޮޑުމިނާއި ބާރު ވަޒަން ކުރަން އެ މީހުނަށް އެނގެއެވެ. އެހެންކަމުން އެ ދުވަސްވަރު މަސްވެރިކަމުގެ ބޭނުމުގައި ވެސް ނުވަތަ އެހެން ކަމެއްގައި ވެސް ރަށުން ފުރުމަށް ވަރަށް ބޮޑަށް ސަމާލުވާނެއެވެ. ދަތުރު ދޯނިފަހަރާއި މަސްދޯނިފަހަރުވެސް ރަށަށް އައިސް ވަގުތުން އެހެލަނީއެވެ.

މާކަނޑުން ނަގާ ބިޔަ ބޮޑެތި ރާޅު އެއްވެސް ހުރަހެއް ނެތި އައިސް ރަށުގެ ގޮނޑުދޮށަށް، ރަށު ފަރަށް ބިންދާލާ އެހެން ރަށެއް ރާއްޖެގައި ނެތުމުގެ ސަބަބުން މުޅި ދުނިޔޭގައި ވެސް ރާޅަށް ތަފާތު އެންމެ ގިނަ ނަން ކިޔާ ބަޔަކީ އޭރު ފުވައްމުލަކު ރައްޔިތުން ކަމުގައި ވެދާނެއެވެ.

މިގޮތުން ކިޔާ ނަންނަމުގެ ތެރޭގައި 'ދިގިރަޅޮ' މިހެން ކިޔަނީ ރަށަށް ވަދެ ނިކުމެ ހަދާ ތަންހެޔޮ ދިމަދިމާލުން ފެށިގެން ދެ ފަރާތަށް "ބިއްތަރު' ރަށުގެ ދިގަށް މުގުރަމުންދާ ރާޅަށެވެ. 'ގޮށް ރަޅޮ' ބިންދަމުން އަންނަ ރާޅުގެ ވަކި ދިމާލަކުން އާދައިގައި ރާޅު ހުރި ސައިޒަށްވުރެ ބޮޑުވެގެން ބިންދަމުން އަންނަ ރާޅަށެވެ. 'ކަތި ރަޅޮ؛ މިހެން ކިޔާ ރާޅު އަންނަނީ ރަށުގެ ހުރަހަށް އޮއިވަރާއި ދެކޮޅަށް ބިންދަމުން އަންނަ ރާޅަށެވެ. މި ރާޅާއެކު ބާރު އޮއިވަރެއް ވެސް އާދެއެވެ. މީގެ އިތުރުން ކިޔާ ނަމުގެ ތެރޭގައި 'ހުދު ރަޅޮ'؛ ކިޔާ ރާޅެއް ވެސް އޭރު ފާހަގަ ކުރެއެވެ. މި ރާޅު ބިންދާލުމުން އެތައް އިރަކު ރާޅުގެ ފޮނުގެ ހުދު އަސަރު ހުރެއެވެ. "ކަޅޮ ރަޅޮ" މިހެން ކިޔަނީ ރަށުގެބޭރު އުރަފަށަށް ބިންދާލާ އާދަޔާ ހިލާފު ބޮޑެތި ރާޅަށެވެ. 'ވަގޮ ރަޅޮ؛ މިހެން ކިޔަނީ ރާޅެއް އަންނަކަން ނޭނގި ކުއްލިއަކަށް ނަގާ ރާޅަށެވެ. މިފަދަ ރާޅު އެންމެ ގިނައިން އަންނަނީ ދަޑިމަގު ފަންނު މުއްޔާއި ގަލްގޯނިން ފެށިގެން ރަށުގެ އުތުރު ކޮޅުގައި އޮންނަ ހުދާ ދެމެދަށެވެ. މިއީ ވަރަށް ނުރައްކާތެރި ސަރަހައްދެއް ކަމުން އޭރުގެ ކެޔޮޅުން އެސަރަހައްދުތަކަށް ވަރަށް ސަމާލުވާނެއެވެ. "އިލާ ފަތިރަޅޮ" މި ރާޅަކީ ހާއްސަކޮށް ރަށުގެ ތުނޑިއަށް ބިންދާ ރާޅެވެ. މިރާޅު އަންނަނީ ކަތި ރާޅު ވެސް އަންނަ ގޮތަށް ރަށުގެ ހުރަހަށެވެ. އެއްގަމަށް ރާޅުގެ އެއްކޮޅުން މުގުރަމުންދާއިރު ބޭރު ކޮޅު އޮންނާނީ މާ ބޭރުގައި ބައެއް ފަހަރު އަދި ހޮޅިވެސް ނުލައެވެ. '''ބީއްސާނ ރަޅޮ" މި ރާޅަކީ ކުޑަކޮށްނާއި ބޮޑުކޮށް ވެސް އައިސް ރަށުގެ ގޮނޑުދޮށަށް ބިންދާ ރާޅެވެ.

މީގެއިތުރުން "މާރަޅޮ"، "ހާލިރަޅޮ"، "ފަރި ރަޅޮ"، "ގުންބަރާސް ރަޅޮ"، "އާދައިގެ ރަޅޮ"، "ދެފަށް ރަޅޮ"، "ދަމާގަންނަ ރަޅޮ"، "ކުދު ރަޅޮ"، "ބޮނޑޮ ރަޅޮ"، މީގެ އިތުރުން ވެސް ބައެއް ނަންތައް ހުރެއެވެ. ހާއްސަކޮށް ތުނޑީ ސަރަހައްދަށް ބިންދާލާ ދެފަށް ރާޅަކީ ވެސް ހަނދާން ނައްތާލައިގެން ނުވާނެ ނަމެކެވެ. ވަރަށް ގިނަ ބަޔަކު ފުވައްމުލަކު ތުނޑިއަށް ގޮސް ރާޅު ބިންދާލާ މަންޒަރުގެ ފޮޓޯ ނަގާތަން އަޅުގަނޑަށް ފެނެއެވެ. ރަށުގެ ހުޅަނގު ބިތާއި އުތުރު ބިތް ގުޅިފައި އޮންނާތީ އެ ދެ ފަރާތުން ވެސް ރަށަށް ރާޅު ބިންދަމުން ދާއިރު ދެފަރާތުން ބިންދާލާ ރާޅު އައިސް ބިންދާލުމުގެ ކުރިން ބައްދަލުވެ ދެ ރާޅު އެއްވެގެން އައިސް ބިންދާ މަންޒަރު ވާނީ ފެނިވަޑައިގެންފައެވެ. މިއީ ކުރީން ދެންނެވި ދެފަށް ރާޅުގެ އެއް ވައްތަރެވެ. އަނެއް ވައްތަރަކީ "ބިއްތަރޮ"، ރަށުގެ ދިގަށް މުގުރާ ރާޅުގެ ތެރެއިން ބައެއް ރާޅު ގޮނޑުދޮށާއި ހަމަޔަށް އައުމުގެ ކުރިން އެއިގެ ބޭރުން އަންނަ ރާޅު އެ ރާޅާ ހަމަވެ ދެފަށް ވުމެވެ. "އަތްތެލަބަޑިރަޅޮ"، ވެސް ކިޔައެވެ. މިހެން ކިޔަނީ ބޭރުން ރަށާއި ދިމާލަށް އަންނަ ރާޅު ގޮނޑޮދޮށާއި ހަމަޔަށް އައުމަށް ފަހު ބޭރަށް ހޮޅިލައިގެން މުގުރަމުންގޮސް ބޭރުން އަންނަ ރާޅާއި ދިމާވެ ދެ ރާޅު ޖެހުމުންނެވެ. މިހެން ދިމާވާ ފަހަރު ރާޅުގެ ފޮނުގަނޑު ހަމަ ކުއްލިއަކަށް އުފުލިގެންދާނެއެވެ. "މާ ރަޅޮ"، މިހެން ކިޔަނީ ރަށުގެ ވިނަ ފަށަށްވުރެ މައްޗަށް ރާޅުގެ ބާރު މިނާއެކު އަރާ ލޮނު ހެދޭ ރާޅަށެވެ. "ގުންބަރާސް" ރާޅަކީ ކެޑެމޫލެ ފަރުން (ރަށުގެ އުތުރު ކޮޅުގައި ރަށާއި ގުޅިގެން އޮންނަ) އައިސް ރަށަށް ވަންނަ ތަންހެޔޮ ތަން "ބިޅިފޭށެ އެޅެ"، ސަރަހައްދަށް ބިންދާލާ އެންމެބޮޑު ރާޅަށް ކިޔާނަމެވެ.

ރަޅޮ މިއީ ޖުމުލަކޮށް ހުރިހާ ރާޅަށް ނިސްބަތް ކުރާ ނަމެވެ. ކުރީގައި ދެންނެވި ފަދައިން ފުވައްމުލަކުގެ މުސްކުޅިން ރާޅަށް ތަފާތު ނަން ކިޔައިގެން އެރާޅުގެ ކުޑަބޮޑު މިން ވަޒަން ކުރެއެވެ. އެއީ ކޮން ދިމަދިމާލަކުން އުފެދޭ ރާޅެއްކަން ވެސް ވަޒަން ކުރެއެވެ. އެގޮތަށް ބަލަމުން އައިސްފައި ވަނީ ރާޅުގެ ނުރައްކާތެރިކަން ފުވައްމުލަކު ރައްޔިތުން އެތައް ގޮތަކަށް ތަޖުރިބާ ކޮށްފައިވާތީއެވެ. ނަމަވެސް މިހާރު ރަށުގައި ބަނދަރު ހަދާފައި ވާތީ ރާޅުގެ ނުރައްކާ ކުޑަވެ ރާޅު މިހާރު ވެފައިވަނީ މުނިފޫހި ފިލުވައި މޫދު ކުޅިވަރެއްގައި ބޭނުން ކުރާ ވަސީލަތަކަށް ބަދަލުވެފައެވެ.

މި ލިޔުމުގެ ބޭނުމަށް ފޮޓޯތައް ހޯދިފައި މި ވަނީ އެކި ދުވަސްވަރު މަތީން ދިރާސާކޮށްގެންނެވެ. އެހެނީ އެކި ވައްތަރުގެ ރާޅަކީ އެކި މޫސުމުގެ އެކި ދުވަސްވަރުގައި ނަގާ ރާޅުތަކެވެ. އަދ މި ލިޔުމުގައި ބަޔާންކޮށްފައި އެވާ ބައެއް ބާވަތުގެ ރާޅު މިހާރަކަށް އައިސް ފެނުން ހުއްޓިފައިވެސް ވެއެވެ. އެއީ މޫސުމީ ބަދަލުތަކާ ގުޅިގެން އަންނަ ކަމެއް ކަމަށް ފާހަގަވެއެވެ. ބައެއް ރާޅުތަކުގެ ފޮޓޯ ލިޔުމުގައި ހިމެނިފައި ނުވަނީ އެ ރާޅުތަކުގެ ފޮޓޯ ނެގޭނެ މޫސުމެއް މިދިޔަ ދުވަސްތަކުގައި ނައުމުންނެވެ.

އެޑިޓަރުގެ ނޯޓު: މުނީރު ހަސަން އަކީ ފުވައްމުލަކު ކަތީބު ކަމާއި ބޮޑުކަތީބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ފުވައްމުލަކު ދަޑިމަގު އަވަށު ކައުންސިލުގެ ޒިންމާދާރުވެރިޔާކަމުގެ މަގާމުވެސް ފުރުއްވި އެވެ. އޭގެ ކުރީން ރަށުކައުންސިލްތަކުގެ ޒިންމާދާރުވެރިޔާގެ މަގާމުވެސް އަދާކުރެއްވި އެވެ. އޭނާއަކީ ފުވައްމުލަކުގެ ތާރީހު ދިރާސާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މި ވަގުތު ފުވައްމުލަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރަށުގެ ތާރީހީ މައުލޫމާތު އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ މަދު ބޭފުޅުންގެ ތެރޭގައި މުނީރު ހިމެނިވަޑައިގަންނަވައެވެ.