މުޙައްމަދު އަސްލަމް

އައްޑޫއަށްވުރެ ބޮޑު އާބާދީއެއް ހިޔާފުލެޓުތަކަށް ޖަމާކުރުމުގެ ވިސްނުން ވަރަށް ގޯސް، ތަޅައިލަންވެސް ވިސްނިން: އަސްލަމް

އިބްރާހިމް ޒަކީ

ފަންސަވީސް ބުރީގެ އިމާރާތްތަކެއް ޖެހިޖެހިގެން އެޅުމަށްފަހު އައްޑޫސީޓިއަށްވުރެން ބޮޑު އާބާދީއެއް ކުޑަކުޑަ ތަންކޮޅަކަށް ޖަމާކޮށްފައި ބޭއްވުމަށް، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ވަރަށް ގޯސް ނިންމުމެއް ކަމަށް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ ކުރީގެ ސަރުކާރުން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކޮށްފައިވާ 7،000 ފްލެޓް އިމާރާތްތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރާ ސުވާލު ކުރައްވަމުން މެންބަރު ޝިޔާމު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރީގެ ސަރުކާރުން އިމާރާތްކުރި 7،000 ފްލެޓަށް މި ސަރުކާރުން މީހުން ވެއްދި އިރު، އެތަނުގައި އެއްވެސް ޕްލޭނެއް ނެތްތަން ފެނިގެންދިޔަ ކަމަށެވެ.

އެކަމުގެ ސަބަބުން އެތަން ކުށުގެ ވެއްޓަކަށް ބަދަލުވެފައިވާ ކަމަށާއި، އެކަންތައް ބެލޭނެ ނިޒާމެއް، އަދި އަންނަ އަހަރު ގެ ބަޖެޓުގައިވެސް އެތަނުގައި އިންފްރާންސްޓްރަކްޗާއެއް ރަނގަޅު ކުރަން ހިމަނާފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ހުޅުމާލެ ދެވަނަ ފޭހާމެދު ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ، ޝިޔާމް ސުވާލު ކުރެއްވިއެވެ.

ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، "7،000 ފްލެޓް އަޅަން 25 ބުރީގެ އިމާރާތްތަކެއް ޖެހިޖެހިގެން ފުރަތަމަ އެޅި އެޅުން އެއީ ހަމަ ގޯސް ޕްލޭނެއް، އައްޑޫ ސީޓީގެ އާބާދީއަށްވުރެން ބޮޑު އާބާދިއެއް ކުޑަކުޑަ ތަނަކަށް ޖަމާކޮށްފައި ބާއްވަން އެ ޕްލޭން ކުރުން އެއީ ފުރަތަމަ ގޯސް ނިންމުމެއް،" ކަމަށެވެ.

މިނިސްޓަރު އަސްލަމް އިތުރަށް ވިދާޅުވީ، 7،000 ފްލެޓުގެ މަސައްކަތް މި ސަރުކާރަށް ނަގުލުވިއިރު، އޮތީ އެ މަސައްކަތް ހުއްޓައިލެވޭ ހިސާބެއްގައި ނޫން ކަމަށެވެ. ނަމަވެސް އެ އިމާރާތްތައް ތަޅައިލަން ވިސްނެވި ކަމަށެވެ.

"އެ ނިންމުން އަޅުގަނޑުމެންނާ ހަމައަށް އައި އިރު މަސައްކަތް ފަށައި މަސައްކަތް ނުހުއްޓޭ ވަރަށް ކުރިއަށް ގެންގޮސްފަ ވަނީ، ވިސްނިން ތަޅައިލަން ވެސް، އަޅުގަނޑު އެކަނި ނިންމާ ނިންމުމެއް ނަމަ ތަޅައިލީމުސް،،" އަސްލަމް ވިދާޅުވިއެވެ.

އެ ފްލެޓްތަކުގައި ހުރި ދަތި ކަމުގެ ސަބަބުން އެއީ ކޮތަރު ކޮށްޓެކޭ ކިޔަން ފެށުމުން، އެއީ އެތަން ނުދޭން ދައްކާ ހުއްޖަތެއް ކަމަށް ދެކި ހެއްދެވި ނެހެއްދެވިއަށް ގޮވި ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް މިހާރު އެ ފްލެޓްތައް ދޫކޮށްފައިވާއިރު އެތަނުގެ ދަތިކަމުގެ ޝަކުވާތައް ގިނަވެފައިވާކަންވެސް މިިސްޓަރު ފާހަގަ ކުރެއްވިއެވެ.

"އޭރުވެސް ދެންނެވިން މި ހަދަނީ ކޮތަރު ކޮށްޓެކޭ، އެވާހަކަ ދައްކަން ފެށީމަ އަޅުގަނޑާ ދިމާލަށް ހެއްދެވި ނެހެއްދެވިއަށް ގޮވި، ތިޔަ ހެވޭ ކޮތަރު ކޮށްޓަކަށްވިޔަސް ތިޔަތަން ދޭށޭ ތިމަންނަމެންނަށް، މިހާރު އެހެރީ ދީފަ ދިނީމަ ދިމާވާ މައްސަައިގެ ވާހަކަ ތި ދައްކަނީ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މީހުން ތޮއްޖެހި ޑްރަގުގެ މައްސަލައާއި އެހެން ބޮޑެތި ކުށުގެ މައްސަލަތައް މިހާރު އެ ސަރަހައްދުގައި ހިނގަމުންދާ ކަމަށެވެ.

ދެން އޮންނާނީ އެކަމާ ގުޅިގެން ފުލުން ހަރަކާތްތެރިވުން ކަމަށާއި، ކުށްކުރާ މީހުންނަށް ފިޔަވަޅު އެޅުން ކަމަށްވެސް ވިދާޅުވިއެވެ. އެކަން ކަމަށް ދެން ގެނެވޭނެ މާ ބޮޑު ބަދަލުތަކެއް ނެތް ކަމަށާއި، އެ މައްސަލަ ތަކަކީ ދެން އަންނަން އޮތް ހުރިސާ ސަރުކާރުތަކަށްވެސް ދެމިގެންދާނެ މައްސަލަތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.