Close
މަޖިލީހުގެ ރައީސް

ފައިސާ ޗާޕްކުރަން ހުއްދަ ދޭނެ ގޮތް ކަނޑައެޅުމަކީ މަރުކަޒީ ބޭންކުގެ މިނިވަންކަމަށް އަރައިގަނެވޭ ކަމެއް: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ފިނޭންސް މިނިސްޓަރު ހުށަހެޅުއްވުމާ ގުޅިގެން ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑްރޯ ކުރަން (ފައިސާ ޗާޕް ކުރަން) ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްފަހު، އެކަން ކުރާނެ ގޮތުގެ ތަފްސީލުތައް ކޮމިޓީން ފާސްކުރުމަކީ، މަރުމަޒީ ބޭންކު (އެމްއެމްއޭ)ގެ މިނިވަންކަމަށް އަރައިގަނެވޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ 2022 އަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓް ފޫ ބެއްދުމަށް ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ފައިސާ ޗާޕުކުރަން ދީފައިވާ 4.4 ބިލިއަން ރުފިޔާގެ ސީލިންގުން 3.5 ބިލިއަން ރުފިޔާ ޗާޕް ކުރުމަށެވެ. އެ ހުށަހެޅުމުގައި ވަނީ އޯޑީގެ އިންޓްރެސްޓް ރޭޓަކީ 0.1 ޕަސެންޓް ކަމުގައެވެ. ފިނޭންސް މިނިސްޓަރު އެދިވަޑައިގެންނެވީ ހުއްދައިގެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހަށް ދަންމާލުމަށެވެ.

އޭގެ އިތުރުން މިއަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކުން އޯވާޑްރޯވެފައި ހުރި މިންވަރު ސެކިއުރިޓައިޒް ކޮށް އެމްއެމްއޭއިން ސަރުކާރަށް ދޫކުރާ 50 އަހަރުގެ އެމޯޓައިޒިން ބޮންޑަކަށް ހެދުމަށްވެސް މިނިސްޓަރު އެދިވަޑައިގެންފައިވެއެވެ.

މި މައްސަލައަށް މަޖިލިސް ތަޅުމުގައި މަޝްވަރާ ކުރުމަށްފަހު، އެމްއެމްއޭގެ ގަވަރުނަރާއި އޮޑިޓާޖެނެރަލްގެ ލަފައެއް ހޯދުމަށްފަހު އެކަމަށް ގޮތެއް ނިންމުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވިއެވެ. ކޮމިޓީން އެ މައްސަލަ ދިރާސާ ކުރުމަށްފަހު ކޮމިޓީން ތަފުސީލީ ބައެއް ބަދަލުތައް ހިމަނައި ފިނޭންސް މިނިސްޓަރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުުރު ކުރުމަށް ފާސްކޮށް ކޮމިޓީ ރިޕޯޓު މަޖިލިސް ތަޅުމަށް ވަނީ ފޮނުވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެ ރިޕޯޓުގެ ބަހުސް ނިންމައި މިއަދުގެ ޖަލްސާގައި އެއަށް ވޯޓަށް އަހަން ވަނީ އެޖެންޑާ ކޮށްފައެވެ.

އެކަން ކުރުމަށް ކޮމިޓީން ފާސްކޮށް ރިޕޯޓުގައި ހިމަނާފައިވާ ތަފްސީލު ތަކުގެ ތެރޭގައި މިއަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކް އޯވަޑްރޯ ކުރެވިފައި ހުންނަ މިންވަރު ފައިނޭންޝަލް އިންސްޓުރޫމަންޓަކަށް ބަދަލުކޮށް އެމްއެމްއޭ އިން ސަރުކާރަށް ދޫކުރާ 50 އަހަރުގެ އެމޯޓައިޒްޑް ބޮންޑަކަށް ބަދަލުކުރުމަށާއި، އެ ބޮންޑުގެ ކޫޕަން ރޭޓަކީ އަހަރަކު %2.5 ކަމުގައި ކަނޑައެޅުން ހިމެނެއެވެ.

މީގެ އިތުރުން 1 ޖެނުއަރީ 2022 އިން ފެށިގެން 31 ޑިސެމްބަރު 2023 ގެ ނިޔަލަށް ޕަބްލިކް ބޭންކް އޯވަޑްރޯ ކުރެވޭނެ އެންމެ މަތީ ލިމިޓަކީ 2.5 ބިލިއަން ރުފިޔާ ކަމުގައި ކަނޑައެޅުމަށާއި 1 ޖެނުއަރީ 2022 އިން ފެށިގެން ޕަބްލިކް ބޭންކް އެކައުންޓު އޯވަޑްރޯ ކޮށްފައި ހުންނަ ކޮންމެ ދުވަހަކަށް، އޯވަޑުރޯ ކޮށްފައި ހުންނަ އަދަދުން އަހަރަކަށް 0.1 ޕަސެންޓް ރޭޓުގެ އިންޓްރެސްޓެއް އެމްއެމްއޭއަށް ނެގުމަށްވެސް ވަނީ ހިމަނައިފައެވެ.

އެކަމާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ދައުލަތުގެ މަރުކަޒީ ބޭންކުން ނަގާ ދަރަންޏެއް ނަމަ އެފައިސާ 90 ދުވަހުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ ކަމަށް، ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބުނާއިރު، އެ އަކުރަށް އަމަލު ކުރުން އިސްތިސްނާ ކުރެވޭނީ މަޖިލީހުގެ ހުއްދައާއެކު މަޖިލީހުން ކަނޑައަޅާ މުއްދަތަކަށް ކަމަށެވެ. އަދި ގާނޫނުގައި ބުނާގޮތުން މަޖިލީހަށް ދެވޭނީ ހަމަ އެކަނި އިސްތިސްނާ ކަމަށްވެސް ވިދާޅުވިއެވެ.

އެކަން ހިންގާނެ ގޮތް ނިންމުމަކީ މަޖިލީހުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި، އެކަން ކުރާން ޖެހެނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (މަރުކަޒީ ބޭންކް) އާއި މިނިސްޓްރީ އޮފް ފިނޭންސުން ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. ނަމަވެސް ކޮމިޓީން މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓްގައި އެކަން ކުރާނެ ގޮތުގެ ތަފްސީލު ހިމަނާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ކޮމިޓީ ރިޕޯޓުގެ ނިންމުމުގެ ގޮތުގައި އޮތީ، ދަރަނި 50 އަހަރުން ދައްކާ ބޮންޑަކަށް ބަދަލު ކުރުން، އަދި އެފަދަ ބޮންޑެއްގެ އިންޓްރެސްޓް ރޭޓް ވެސް ވަނީ ކޮމިޓީން ކަނޑައަޅައިފަ، ގާނޫނުގައި މިވަނީ އިސްތިސްނާ ދިނުމަށް، އިސްތިސްނާ ދިނުމަށްފަހުގައި އެކަން ހިންގާނެ ގޮތް އެއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި މިނިސްޓްރީ އޮފް ފިނޭންސް އާ ދެ ފަރާތުން ނިންމާނެ ނިންމުމެއް، އެހެންވީމަ އިސްތިސްނާ ދިނުމަށް މަޖިލީހުގެ މެންބަރުން ވަނީ ނިންމަވައިފަ ކޮމިޓީން ވެސް ވަނީ ނިންމަވައިފަ އިސްތިސްނާ ދިނުމާމެދު ހިލާފެއް ވެސް ނޫފެދޭ، އަދި ދަތިކަމެއްވެސް ނާދޭ، އުނދަގޫ ކަމެއް އަޅުގަނޑަށް ދިމާވެފައި އޮތީ އިސްތިސްނާ ދިނުމުގެ ތެރޭގައި ކޮމިޓީން ވަނީ އޭގެ ތަފްސީލު ވެސް ބަޔާން ކޮށްފައި އެ ތަފްސީލަކީ މަރުކަޒީ ބޭންކުގެ އިންޑިޕެންޑެންސް، މިނިވަން ކަމަށް އަރައިގަނެވޭ ތަފްސީލެއްގެ ގޮތުގައި ފާހަގަ ކުރެވޭ، ހާއްސަކޮށް ބައިނަލްއަގުވާމީ މާލީ އިދާރާތަކަށް އެ ބާވަތުގެ ކަންކަން ފާހަގަ ކުރެވޭނެ،،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އެކަމާމެދު މާލިއްޔަތު ކޮމިޓީގެ މުގައްރިރާ މަޝްވަރާ ކުރެއްވުމަށްފަހު، އެ ރިޕޯޓަށް ވޯޓަށް އެހުމުގެ ކުރިން ކޮމިޓީން ހުށަހަޅާފައިވާ ކަންތައްތަކަށް ބަދަލު ގެންނަން ހުށަހެޅުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިހާރު ކޮމިޓީން ހުށަހަޅާފައިވާ ކަންތައްތަކަށް ބަދަލު ގެންނަން އިސްލާހު ހުށަހަޅާނީ، އެ ކަންތައްތަކަކީ މަޖިލީހުގެ ލަފައެއްގެ ގޮތުގައި ރިޕޯޓުގައި ހިމެނުމަށް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ފުރުސަރު އަރުވާނަން ކޮމިޓީ ރިޕޯޓުގެ 5.2 ނުކުތާގައިވާ ޖުމުލަތަކަށް އެހެން ބަސްތަކެއް ހޯއްދެވުމަށް އެއީ އޭގެ ތަފްސީލު އެއީ ލަފައެއްގެ ގޮތުގައި ބަޔާންކުރާ ބަސްތަކެއް ކޮމިޓީ ރިޕޯޓުގައި އޮތުމަށް ރިޕޯޓް ފާސް ކުރުމުގެ ކުރީގައި އިސްލާހު ހުށަހެޅުމުގެ ފުރުސަތު،" މަޖިލިސް ރައީސް ވިދާޅުވިއެވެ.