ޚަބަރު

އިނގިރޭސި ފަނޑިޔާރުގެތަކަކާ ނުކުޅެވޭނެ، ވަޑައިގަންނަވާ! ޖަވާބުދާރީ ވާނަން: އަލީ ވަހީދު

ރިފާ ހަލީލު

އިނގިރޭސިވިލާތުގެ ކޯޓުތަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށާއި އެ ކޯޓުގައި ނިޒާމުގެ ތެރެއިން ޖަވާބުދާރީ ވެވަޑައިގަންނަވާން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ބޭސް ފަރުވާކުރަން ކަމަށް ވިދާޅުވެ އިނގިރޭސިވިލާތަށް ވަޑައިގެން ހުންނެވި އަލީ ވަހީދާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ޖިންސީ ކުށުގެ ހަތް ދައުވާގެ ޝަރީއަތުގެ އަޑުއެހުމަކަށް ސުޕްރީމް ކޯޓަށް ހާޒިރުވާން އޭނާއަށް އަމުރުކުރުމުން، އެ އަމުރާ ހިލާފުވެ ކޯޓަށް ހާޒިރުވެފައި ނުވާތީ، އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި، ސުޕްރީމް ކޯޓުން ވަނީ އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ.

އެހެން ނަމަވެސް ހުކުމް ތަންފީޒު ކުރުމަށްވެސް އޭނާ ރާއްޖެ ގެނެވޭނެ ގޮތެއް އަދި ވަނީ ނުވެފަ އެވެ. އިންޓަޕޯލް ނޯޓިސް ނެރެގެންވެސް އޭނާ ރާއްޖެ ގެނެވޭނެ ގޮތެއް ވަނީ ނުވެފަ އެވެ.

އަލީ ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިނގިރޭސި ވިލާތުގެ ކޯޓުތައް ހުރީ ހުޅުވާފައި ކަމަށާއި ރައީސް އޮފީހުން ގުޅާލައިގެން ނުވަތަ ޖޭއެސްސީން ގުޅާލައިގެން އެތަނުގެ ފަނޑިޔާރުގެއާ ނުކުޅެވޭނެ ކަމަށެވެ. ނިޒާމުގެ ތެރެއިން ޖަވާބުދާރީވެވަޑައިގަންނަވާން ތައްޔާރަށް ހުންނެވި ކަމަށާއި އަވަހަށް ވަޑައިގަތުމަށް ވެސް ވަނީ ދައުވަތު ދެއްވާފަ އެވެ.

އަލީ ވަހީދު ވިދާޅުވީ ކުޅިކުޅިވަރު ކުޅޭން ފުރުސަތު ނުދެއްވާނެ ކަމަށާއި އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.

"އަލީ ވަހީދު ރާއްޖެ ގެނެވޭނެ. ސައްހަ ތަހުގީގާއި ސައްހަ ދައުވާ ކުރީމަ އެކަން ކޮންމެ ގައުމަކުންވެސް ބެލޭނެ. ނަމަވެސް ފްރޭމްކޮށް ކުރެވޭ ތުހުމަތެއް، ކުރި ކުށެއް ކޯޓުގައިވެސް ޕީޖީއަށް ބުނެނުދެވެންޏާ ދުނިޔޭގެ ސިސްޓަމް ތަކުގައި ބޭނުން އެއްޗެއް ނުހެދޭނެ. އިރާދަފުޅުން އިންސާފު ހޯދާނަން." އަލީ ވަަހީދުގެ ޓުވީޓުގައި ވިދާޅުވު އެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ޖިންސީ އަނިޔާކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާއާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާއެވެ.

އަލީ ވަހީދު މި މޭރުމުން ޓުވީޓެއް ކުރެއްވި އިރު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސީޕީ މުހައްމަދު ހަމީދު ވިދާޅުވީ، ރެޑް ނޯޓިސް ނެރުނު ނަމަވެސް އަލީ ވަހީދު ރާއްޖެ ގެނައުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށާއި އެއީ އެކި ގައުމުތަކުގައި ރެޑް ނޯޓިސް އަށް އަމަލުކުރާ ގޮތް ތަފާތުވުމުން ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް ޓަކައި އަލީ ވަހީދު ރާއްޖެއަށް ގެނެސްދިނުމަށް ކަރެކްޝަނުން ވަނީ ފުލުހުންގެ ކިބައިން އެދިފަ އެވެ. ފުލުހުން ކުރީން ބުނެފައިވާ ގޮތުގައި އަލީ ގެނައުމުގެ މަސައްކަތް އިންޓަޕޯލްގެ ނޯޓިސް ނެރެގެން އަންނަނީ ކުރަމުންނެވެ.

ދައުލަތުން އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާއަކަށް އޭނާ ވަނީ އިންކާރުކުރައްވާފަ އެވެ.