މަޖިލީހުގެ ރައީސް

ދައުލަތުގެ ދަރަނި ދައްކަން ޖެހޭ މުއްދަތު ތަކުގައި އެކަމަށް ބޭނުންވާ ފައިސާ ޓްރެޝަރީގައި ހުންނާނެ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާމެދު މެންބަރުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ދައުލަތުގެ ދަރަނި ދެއްކުމަށް އޮތް ކަންބޮޑުވުމާއި އެކަމަށް ބޭނުންވާ ފައިސާ ދައްކާނެ މިންވަރު ނެތިދާނެ ކަމުގެ ކަންބޮޑުވުން ކަމަށް ވިދާޅުވެ، އެ ދަރަނިތައް ދެއްކުމަށް ބޭނުންވާ ވަގުތު ތަކުގައި އެ އަދަދަށް ދައުލަތުގެ ހަޒާނާގައި ފައިސާ ހުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ރިޕޯޓަށް ބަހުސް ކުރުމުގެ ކުރިން މަޖިލިސް މެންބަރުންނާ މުހާތަބު ކުރައްވައި މަޖިލީހުގެ ރިޔާސަތުން ވާހަކަ ދައްކަވަމުންނެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ބަޖެޓާމެދު މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމަށް ކުރަންޖެހޭ ހޭދައާއި، ދަރަނީގެ މިންވަރު ބޮޑުކަމުން ކަމަށެވެ.

އެހެންކަމުން އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ، އަންނަ އަހަރު ދަރަނި ދެއްކުމަށް ބަޖެޓްގައި ހިމަނާފައިވާ މިންވަރާއި އެފައިސާ ދެއްކުމަށް އެނބުރޭ ވަގުތުތަކުގައި ދައުލަތުގެ ހަޒާނާގައި އެ މިންވަރަށް ފައިސާ ހުރުމާމެދުގައި ކަމަށް ވެސް ވިދާޅުވިއެވެ.

ދައުލަތުގެ އާމްދަނީގެ ހިސާބުތަކަށް ބަލާއިރު ދަރަނި އަނބުރާ ދެއްކުމަށް 2.9 ބިލިޔަންރުފިޔާ އަންނަ އަހަރު ހަރަދުވާނެ ކަމަށް މެންބަރުން ވިދާޅުވެފައިވާކަން ފާހަގަ ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، ދަރަނި ދައްކަން ޖެހޭ މުއްދަތުގައި އެ މިންވަރަށް ޓްރެޝަރީގައި ފައިސާ ހުންނާނެ ކަމުގެ އަންދާޒާއެއް ބަޖެޓުން ފެންނަން އެބަ އޮތް ކަމަށާއި، އެހެންކަމުން އެ މިންވަރަށް ދައުލަތުގެ ބަޖެޓްގައި ފައިސާ ހުންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ބަޖެޓުގެ ދަރަންޏާ ބެހޭގޮތުން މަޖިލީހުން ފުން ދިރާސާއެއް ކޮށް، އެކަމާބެހޭ ރިޕޯޓެއް ފާސްކޮށްފައިވާ ކަމަށެވެ.

"މަޖިލީހުން ދެކެނީ ދަރަނި ރީ ސްޓްރަކްޗާ ކުރަން ޖެހޭނެ ކަމަށް، ރިޕޯޓުގައި ބުނެފައި ވަނީ އެ 2.9 ބިލިޔަން ރުފިޔާ ނުދައްކާ ގޮތަކަށް އަޅުގަނޑުމެން ކަންކަން ހިންގުން ބޭނުންތެރިއޭ މިއަހަރާއި އަންނަ އަހަރު ދައްކަން ޖެހޭ ފައިސާ އެ ދެއަހަރު ނުދައްކައި އިތުރު ގްރޭސް ޕީރިއަޑެއް ހޯދުމާއި އަދި ޑެޓް ރީސްޓްރަކްޗަރިންގެ ބަހުރުވައިންނަމަ ހެއާކަޓެއް ނުވަތަ ޖުމްލަ އަދަދަށް އުނިކަމެއް ގެނައުމާއި، އަދި އިންޓްރެސްޓް ރޭޓަށްވެސް ކުޑަ ބަދަލެއް ގެނައުމަށް ސަރުކާރަށް ވަނީ މި މަޖިލީހުން ލަފާދީފައި،"

އެމަނިކުފާނު ވިދާޅުވީ ދައުލަތަށް ދިމާވާނެ އެންމެ ބޮޑު ބުރައަކަށް ވާނީ ދަރަނި އަނބުރާ ދެއްކުން ކަމަށެވެ.

ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައި ވަނީ ދަރަނި ނަގާފައިވާ މަސައްކަތްތަކުން، ދަރަނި އަނބުރާ ދެއްކުމަށް ބޭނުންވާ ފައިސާ ލިބެމުން ނުދާތީ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެހެނިހެން އާމްދަނީ ވަރަށް ބޮޑުތަނުން އިތުރުވެގެންނޫނީ ދަރަނި ފުރިހަމައަށް ނުދެއްކޭނެ ކަމަށާއި، ނަމަވެސް އާމްދާނީއަށް އެފަދަ ބަދަލެއް އައުމަކީ ހިޔާލީ ފޮލާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.