މެންޗެސްޓާ ސިޓީގެ ބެލްޖިއަމް ޕްލޭ މޭކަރ ކެވިން ޑިބްރޭނާ ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ޑިބްރޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ގައުމީ ޓީމާއެކު ކުޅުނު މެޗުތަކަށް ފަހު އެނބުރި އިނގިރޭސިވިލާތަށް ގޮސް ހެދި ޓެސްޓުންނެވެ. މެންޗެސްޓާ ސިޓީން ބުނެފައިވާ ގޮތުގައި ޑިބްރޭނާ 10 ދުވަހަށް އައިސޮލޭޝަންގައި ހުންނަން ޖެހޭނެއެވެ. އޭގެ ސަބަބުން އާދީއްތަ ދުވަހު ސިޓީން ޕްރިމިއާ ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅެން އޮތް ހޯމް މެޗުގެ އިތުރުން ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅެން އޮތް މެޗުވެސް ޑިބްރޭނާއަށް ގެއްލޭނެއެވެ.
އިއްޔެގެ ޕްރި މެޗު ޕްރެސްގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައި ވަނީ ޑިބްރޭނާ އަކީ ވެކްސިން ފުރިހަމަ ކޮށްފައިވާ ކުޅުންތެރިއެއް ކަމަށާއި، ކޮވިޑްގެ އަލާމާތްތައް ފެންނާނެ ކަމަށް ބެލެވެނީ ކުޑަކޮށް ކަމަށެވެ.
"ޑިބްރޭނާގެ އަލާމާތްތައް އަދި ހުރީވެސް ވަރަށް ކުޑަކޮށް. ހީއެއް ނުވޭ މާ ބޮޑަށް އަލާމާތްތައް ފެންނާނެ ހެނެއް. އެނބުރި އައި އެންމެ އަވަހަކަށް ޓީމުގެ ފަރިތަކުރުންތަކުގައި ފެންނާނެ. ގެއްލޭނެ މެޗުތަކަށް ބަލާނެ ކަމެއް ނެތް. އެންމެ މުހިއްމު ކަމަކީ ރަނގަޅު ސިއްހަތެއްގައި ކުޅުންތެރިޔާ ހުރުން. އެކަނި އައިސޮލޭޝަންގައި ހުންނަ އިރު، އެންމެ ރަނގަޅަށް ކަންކަން ދާނެ ކަމަށް މި އުންމީދު ކުރަނީ،" ގާޑިއޯލާ ބުންޏެވެ.
ސިޓީގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ޑިބްރޭނާ ނެތްތަން އެޓީމަށް އެންމެ ބޮޑަށް ދައްކާނީ ވަރުގަދަ ޕީއެސްޖީއާ ދެކޮޅަށް އޮތް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު މެޗުގައެވެ. ސިޓީއާއި ޕީއެސްޖީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޕީއެސްޖީގެ ގޯލުތައް ޖެހީ އިދްރީސީ ގުޔޭއާއި ލިއޮނަލް މެސީއެވެ.