ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގަށް އެމަނިކުފާނު ބަޔާން ދެއްވައިފިއެވެ.

ނަޝީދު ދިރިއުޅުއްވި ގ. ކެނެރީގެ ކައިރީގައި ޕާކު ކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، ގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގަށް ރައީސް ނަޝީދުގެ ބަޔާނެއް ހޯދަން ފުލުހުން ކުރިންވެސް އޮތީ އެދިފައެވެ.

އެގޮތުން ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯއްދެއްވުމަށް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި ހުންނެވުމުން، ބަޔާނެއް ދެއްވުމަށް ދަތިފުޅު ނަމަ ލިޔުމަކުން ނަމަވެސް ބަހެއް ދެއްވުމަށް ފުލުހުން އެދުނެވެ.

ފަހުން ރައީސް ނަޝީދު ވަނީ ބަޔާން ދެއްވަން ނިންމައިފައެވެ. ނަމަވެސް ރާއްޖޭން ބޭރުގައި ހުންނެވުމުން ބަޔާނެއް މިހާތަނަށް އޮތީ ނުދެއްވިއެވެ.

ބޮމުގެ ހަމަލާގައި ރައީސް ނަޝީދުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އެ މަނިކުފާނުގެ ކޮއްކޯފުޅު އަހްމަދު ނާޒިމް އަބްދުއްސައްތާރު "ވަން" އަށް މިއަދު ވިދާޅުވީ، އެ މައްސަަލައިގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ފުލުހުންގެ ތަހުގީގަށް ބަޔާން ދެއްވީ މިއަދު ކަމަށެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ނުވަ މީހަކަށް ދައުލަތުން ދައުވާ ކޮށްފައިވާ އިރު، އެ މައްސަލަތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.