ރިޕޯޓް

ސަރުކާރަށް 3 އަހަރު: ކޮވިޑުގައި ދިން ލުއިތަކާއި ހަރުދަނާ ފިޔަވަޅުތައް، ވިޔަފާރިތަކަށް ހިންދަމައިލެވުމުގެ ސިއްރު

ރިފާ ހަލީލު

މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިކޮށްލި ކޮވިޑް ވައިރަސްގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ވެސް ބޮޑު ހީނަރުކަމެއް އައެވެ. ރާއްޖެ އެކަންޏެއް ނޫނެވެ. މުޅި ދުނިޔެވެސް އޮތީ މިފަދަ ހާލެއްގަ އެވެ.

ވިހިވިހި ވަނަ އަހަރު ވަރުގަދަ ކޮށް ފެށި ނަމަވެސް އަހަރު ފެށިގެން މަސްދުވަސް ނުވަނީސް ނުރައްކާތެރި ވައިރަހެއް ޗައިނާ އިން ފެނި އެތައް ބަޔަކު މަރުވަމުންދިޔަ ހަބަރު ވެގެންދިޔައީ މާބޮޑު ހައިރާން ކަމަކާ ބިރުވެރިކަމެއް މުޅި ދުނިޔެއަށްވެސް ގެނުވި ކަމަކަށެވެ. ފަހަރަކު ގައުމެއް، ފަހަރަކު ގައުމަކަށް އަރަމުންގޮސް މި ވައިރަސް ރާއްޖެއާ ހަމަޔަށް ފޯރުމަށް ވެސް މާ ގިނަ ދުވަހެއް ނުނެގިއެވެ.

ރިސޯޓަކުން ފުރަތަމަ ކޭސް ފެނުނު ދުވަހުން ފެށިގެން ރާއްޖޭގައި ވެސް ފިޔަވަޅުތައް ވަރުގަދަ ކުރަން ފެށި އެވެ. ނަމަވެސް އޭރުވެސް ރާއްޖެ އެއްކޮށް ހުއްޓުމަކަށް އަންނާނެ ކަމަށް ހީވެފައެއް ނެތެވެ. އެކަމަކު މާޗު މަހުގެ ތެރޭގައި މާލެއިން އަންހެނަކު ޕޮޒިޓިވް ވުމުގެ ހަބަރާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކޮށްލަން މަޖުބޫރު ވިއެވެ.

ވިޔަފާރިވެރިންނަށް ފިހާރަ ހުޅުވައިގެން ތިބެވެނީ ވަކި ވަގުތުތަކަށެވެ. މީހުން ގެއިން ބޭރަށް ނުކުތުން މަނާކޮށް އެއްޗެއް ގަންނަން ބޭނުންވި ނަމަވެސް ޑެލިވަރީ ހިދުމަތް ނޫން އެހެން ގޮތަށް އެއްޗެއް ނުލިބެ އެވެ. ހުރިހާ ވިޔަފާރިވެރިންނަކީ ޑެލިވަރީ ކުރާނެ މުވައްޒަފުން ތިބޭ ބައެއް ނޫނެވެ. އެހެން ކަމުން ކުދި ވިޔަފާރިތަކަށް މިކަން ވީ އެމީހުންގެ އަނބިދަރިންނަށް ކާންބޯންދޭނެ އެއްވެސް ގޮތެއް ނެތި ގޮތް ހުސްވި ކަމަކަށެވެ. އޭރުވެސް މީހުން ތިބީ ވައިރަހުގެ ބިރުވެރި ކަމުގަ އެވެ.

ކޮވިޑުގެ އަދަދުތައް ވަކި ވަރަކަށް ތިރި ވުމުން ވިޔަފާރިވެރިންގެ އެދުމާއެކު ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތައް ހުޅުވުމުގެ ހުއްދަ ސަރުކާރުން ދިނެވެ. އެހެން ނަމަވެސް މާބޮޑު އާމްދަނީއެއް ނުލިބި ގިނަ ތަންތަނުން މުވައްޒަފުންގެ މުސާރަ އާއި ތަނުގެ ކުލި ދެއްކޭނެ ފަދައެއް ނެތި އެތައް މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށް ވިޔަފާރި ހުއްޓުމަކަށް ގެންނަން ޖެހުނެވެ.

ވަޒީފާތައް ގެއްލުމާއި ވިޔަފާރިތައް ފުނޑުނަ ނުދިނުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅާން ފެށި އެވެ. ދުނިޔޭގެ މާލީ އިދާރާތަކުގެ ލަފަޔާއި އިރުޝާދާއި އެހީތެރިކަން ވެސް ހޯދަން ފެށި އެވެ.

އެގޮތުން އިކޮނޮމިކް ރެސްޕޯންސް ޕެކޭޖުތަކެއް އުފައްދައި އޭގެ ދަށުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެހީވާން ފެށި އެވެ. ބީއެމްއެލް އާއި އެސްޑިއެފްއާއި އައިއައިބީ ގުޅިގެން ރިކަވަރީ ލޯނުގެ ނަމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކާއި ބޮޑެތި ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް ލޯނު ދޫކުރި އެވެ. އެގޮތުން 31 ޖުލައިގެ ނިޔަލަށް ސަރުކާރުން ވަނީ ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ދޫކޮށްފަ އެވެ.

މީގެ އިތުރުން ކޮވިޑާއި ގުޅިގެން ވަޒީފާ ގެއްލި އާމްދަނީ ލިބުން ދަތިވި މީހުންނަށް އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައިވެސް އެތައް މިލިއަން ރުފިޔާއެއް ވަނީ ހޭދަ ކޮށްފަ އެވެ.

މިއަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް 1.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އިގުތިސޯދީ ކަންކަމަށް 1.7 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެެވެ. އޭގެ އިތުރުން ކަރަންޓު ބިލްތަކާއި ފެންބިލުން ސަބްސިޑީވެސް ސަރުކާރުން ވަނީ ދޫކޮށްފަ އެވެ. އެގޮތުން ބިލްތަކުން 40 ޕަސެންޓް ވަނީ ކަނޑާފަ އެވެ. ދޫކުރި ލޯނުތައް އަނބުރާ ދެއްކުމަށް ހަ މަސްދުވަހުގެ ގްރޭސް ޕީރިއަޑެއްވެސް ސަރުކާރުން ވަނީ ދީފަ އެވެ. ޓެކްސް ދައްކާ ފަރާތްތަކަށް ވެސް ބޮޑު ލުޔެއް ސަރުކާރުން ވަނީ ދީފަ އެވެ. އެކި ވިޔަފާރި ތަކަށް ކުލި ދެއްކުމަށް ވެސް ބޮޑެތި ލުއިތަކެއް ދީ ދިގު މުއްދަތަށް ދަންމައިލަދިނުން ވެގެން ދިޔައީ އަތްމަތި ހުސްވެފައި ތިބި ރައްޔިތުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކަށެވެ. އެ ކަމުގެ ސަބަބުން ހަމަ ނޭވާއެއް ލައި، އަލުން އަރައިގަނެ ކުރިޔަށް ދުއްވައިގަތުމަށް ފުރުސަތު ލިބިގެން ދިޔައެވެ.

ވެކްސިން އުފެއްދުމާއެކު ވެކްސިން ލިބުނު ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުން ވެގެންދިޔައީ ކޮވިޑުން ސަލާމަތްވުމަށް އެޅުނު މުހިންމު ފިޔަވަޅަކަށެވެ. ރާއްޖޭގެ ބޮޑު އާބާދީއެއް ވެކްސިން ފުރިިހަމަކޮށްފައިވާއިރު މިއީ ވިޔަފާރިވެރިންނަށްވެސް ބެކް ޓު ނޯމަލް އަށް ދާން ލިބުނު ބޮޑު ފުރުސަތެކެވެ. ރާއްޖެ އަކީ މުޅި ދުނިޔެއިން ވެސް ވެކްސިން ގައި އެންމެ ބޮޑު ކާމިޔާބެއް ހޯދާފައިވާ އެއް ގައުމެވެ. ވިޔަފާރިތައް ކޮޅަށް ޖަހައި، ގައުމު މުޅި ދުނިޔެއަށް ހުޅުވާލައިގެން އޮތުމުގައި ރާއްޖެއިން ވަނީ މުޅި ދުނިޔެއަށް ވެސް ފުރިހަމަ ނަމޫނާއެއް ދައްކައިފައެވެ.