ރިޕޯޓް

ސަރުކާރަށް ތިން އަހަރު: ފުލުހުންގެ ހިދުމަތަށް ބޮޑެތި ބަދަލުތަކެއް، ގައިދީންނަށް އެހީތެރިކަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ތިން އަހަރު ފުރިގެންދިޔަ އިރު، ފާހަގަކޮށްލެވޭ މަސައްކަތްތަކެއް އަދި މުއައްސަސާތަކަށް ހަރުދަނާ ބަދަލުތަކެއް ގެނެވުމަށް މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ގާނޫނު ނެގެހެއްޓުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލެއް ގެނެވުނު މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާއެވެ.

ފުލުހުންގެ މުއައްސަސާ ރިފޯމްކުރުމުގެ މަސައްކަތުގެ ދަށުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މިދިޔަ އަހަރު ފުލުހުންގެ ހިދުމަތުގެ ބިލު ވަނީ ފާސްކޮށްފައެވެ. އަދި ރައީސް ސޯލިހު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެ ބިލު ތަސްދީގުކުރައްވައިފައެވެ.

ދިވެހި ފުލުހުންގެ ހިދުމަތާއި ޕޮލިސް ބޯޑު!

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ފުލުހުން، ކާކުކަން އެނގޭނެހެން ޔުނީފޯމުގައި ނަމާއި ސާވިސް ނަންބަރު ފެންނަން ހުންނަން ޖެހެއެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަމަކީ ގާނޫނުއަސާސީއާއި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި އިންސާނީ ހައްގުތަކާއި ކަރާމަތަށް އިހުތިރާމުކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރަން ވެސް ޖެހެއެވެ.

އެ ގާނޫނާއެކު ފުލުހުން ވަކި ފަރާތަކަށް ޖެހުމެއް ނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއް ނެތި، ހަމަހަމަކަމާއެކު ގާނޫނު ނަގަހައްޓައި އަދި ތަންފީޒުކުރަން ޖެހެއެވެ. އޭގެ އިތުރުން ފުލުހުންނަށް ލިބިދީފައިވާ ބާރު ނަހަމަގޮތުގައި ބޭނުންކުރިޔަ ނުދިނުމަށާއި، ފުލުހުންގެ ވާޖިބަށް އެމީހުން އިހުމާލުވިޔަ ނުދިނުމަށް ޓަކައި ތައުދީބީ ފިޔަވަޅު އެޅޭނެ ހަރުދަނާ ނިޒާމެއް އެކަށައަޅައިދީފައިވެއެވެ.

ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ކުރަން ޖެހޭ ކަންކަމާއި، ޖިނާއީ ކުށްކުރުން ހުއްޓުވައި، ތަހުގީގުކޮށް، ގާނޫނު ތަންފީޒުކުރުމާއި ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި އިހުތިޔާރު ލިބިފައިވާ ފުލުހުންގެ ހިދުމަތް ފޯރުކޮށްދޭ މުއައްސަސާއެއް ގާއިމުކުރުމަށް ގާނޫނުގައި ބާރު އަޅާފައިވެއެވެ. އަދި ފުލުހުންގެ ހިދުމަތަކީ ލާމަރުކަޒީ އުސޫލުން ފޯރުކޮށްދޭ ހިދުމަތަކަށް ހެދުމާއި ޒިންމާދާރު، ޖަވާބުދާރީކުރުވަނިވި ހިދުމަތަކަށް ހެދުމަށް ވެސް ވަނީ ބާރު އަޅައިފައެވެ.

އެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑެއް އެކުލަވާލައި، އެ ބޯޑުގެ ޒިންމާތައް ވެސް ވަނީ ކަނޑައަޅައިފައެވެ. މިހާރު ޕޮލިސް ބޯޑު އެކުލަވާލައި، އެ ބޯޑުގެ މަސައްކަތްތައް ވެސް ކުރެވެމުންދެއެވެ. އެ ބޯޑުގެ މަސައްކަތްތަކުގެ ތެރޭގައި ފުލުހުންގެ ހިދުމަތް ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތަށް ހިނގަމުން ދޭތޯ ބެލުމާއި، ފުލުހުންގެ ޚިދުމަތުގެ ފެންވަރު ވަޒަންކޮށް ދިރާސާކޮށް ޑިމޮކްރަޓިކް އަދި އިންސާނީ ހައްގުތައް ނެގެހެއްޓޭ ފަދަ ގޮތަކަށް ހިދުމަތް ދެވޭފަދަ ގޮތަކަށް ފުލުހުންގެ ހިދުމަތް ބައްޓަން ކުރުމުގައި ލަފައާއި މަޝްވަރާ ދިނުން ހިމެނެއެވެ. އޭގެ އިތުރުން ޕޮލިސް ކޮމިޝަނަރަކު އައްޔަންކުރުމަކީ ވެސް އެ ބޯޑުގެ މަސްއޫލިއްޔަތެކެވެ.

މި ސަރުކާރު ފެށުނީއްސުރެ ވެސް މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔައެވެ. އެގޮތުން ގާނޫނު އިސްލާހުކޮށް، ލޯކަލް ކައުންސިލުތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމާއި އެކިއެކި މުއައްސާސާތަކުގައި އަންހެނުންނަށް ފުރުސަތު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔައެވެ. އޭގެ ތެރެއިން ސަރުކާރުން ވަނީ ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ އަންހެން ފުލުހުންގެ އަދަދު އިތުރުކުރުމަށް ވެސް ނިންމައިފައެވެ. ސަރުކާރުން ނިންމާފައިވަނީ އަންހެން ފުލުހުންގެ އަދަދު ދެގުނަ ކުރުމަށެވެ.

މީގެ ކުރިން އަތޮޅުތަކުން ފާހަގަކުރާ އެންމެ ބޮޑު ކަންބޮޑުވުމަކީ ބައެއް ރަށްރަށުގައި ފުލުހުން ނުތިބުމެވެ. އެކަމަށް ހައްލު ހޯދުމަށްޓަކައި މި ސަރުކާރުން ވަނީ ބައެއް ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ނުވަތަ ޕޮލިސް ޑެސްކުތައް ގާއިމުކޮށްފައެވެ. އެގޮތުން ސަރުކާރުން ވަނީ އަށް ރަށެއްގައި ޕޮލިސް ސްޓޭޝަން ނުވަތަ ޕޮލިސް ޑެސްކުތައް ގާއިމުކޮށްފައެވެ.

މިދިޔަ ތިން އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ނ. މާފަރުގައި ޕޮލިސް ސްޓޭޝަނެއް، އއ. ތޮއްޑޫގައި ޕޮލިސް ޕޯސްޓެއް، ފ. ބިލެއްދޫގައި ފުލުހުންގެ ހިދުމަތް، ދ. މާއެނބޫދޫގައި ޕޮލިސް ޑެސްކެއް، އދ. އޮމަދޫގައި ފުލުހުންގެ ހިދުމަތް، ރ. ހުޅުދުއްފާރުގައި ޕޮލިސް ޕޯސްޓެއް، ށ. ފޭދޫގައި ޕޮލިސް ޕޯސްޓެއް އަދި ހއ. ތުރާކުނުގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށްފައެވެ.

އޭގެ ތެރެއިން ގިނަ ރަށްރަށުގައި އެތަންތަން ހުޅުވާފައިވަނީ މިއަހަރުގެ ތެރޭގައެވެ. އެ ރަށްރަށުގެ އިތުރުން ވެސް ސަރުކާރުން ވަނީ އަތޮޅުތެރޭގެ ރަށްތައް ހިމެނޭހެން ފުލުހުންގެ 61 އިމާރާތެއް އެޅުމަށް ނިންމައި، އީޕީސީ އެގްރިމެންޓް އަދި ލޯން އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ސަރުކާރުން ވަނީ ނެއިބާހުޑް ޕޮލިސިންއަށް ވެސް ހާއްސަ އިސްކަމެއް ދީފައެވެ. އެގޮތުން މިހާރު މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ގދ. އަތޮޅު، ގއ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު އަދި ކުޅުދުއްފުށީގައި މިހާރު ވަނީ ނެއިބާހުޑް ޕޮލިސިން ފަށައިފައެވެ.

ގައިދީންނަށް ތަމްރީނާއި އެހީތެރިކަން!

ސަރުކާރުގެ މަސައްކަތްތަކުގެ ތެރެއިން ޖަލުތަކުގައި ބަންދުކުރާ ގައިދީންގެ ހައްގުތައް ރައްކާތެރިކުރުމަށް "ނެލްސަން މަންޑޭލާ ރޫލްސް"ގެ މިންގަނޑުތައް ގާއިމުކުރުމަކީ ވެސް ފާހަގަކޮށްލެވޭ މަސައްކަތެކެވެ. އޭގެ އިތުރުން ސަރުކާރުން ވަނީ ޖަލުތަކުގައި ބަންދުކުރެވޭ މީހުންގެ 20 އިންސައްތަ މަދުކޮށްފައެވެ.

ސަރުކާރުން ވަނީ ގައިދީންނަށް ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ޕްރޮގްރާމުތަކެއް ހިންގައިފައެވެ. އެގޮތުން ސަރުކާރުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި 1800 އަށްވުރެ ގިނަ ގައިދީންނަށް ވަނީ ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ ތެރެއިން 446 ގައިދީއަކު ރިހެބިލިޓޭޝަން ނިންމާފައިވާ އިރު، 1071 ގައިދީއަކަށް ވަނީ ތައުލީމު ކޯސްތައް ކުރިއަށްގެންގޮސްފައެވެ. އަދި 378 ގައިދީއަކަށް ވަނީ ވޮކޭޝަނަލް ކޯސްތައް ކުރިއަށް ގެންގޮސްފައެވެ. އޭގެ އިތުރުން ޕެރޯލްގެ ދަށުން ދޫކޮށްލި 26 މީހަކަށް ސްޓެލްކޯ އިން ވަނީ ވަޒީފާ ހަމަޖައްސައިދީފައެވެ.

މަސްތުވާތަކެތީގެ ފަރުވާ ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ. އެގޮތުން ގއ. ވިލިނގިލީގައި ގާއިމުކުރާ ކޮމިއުނިޓީ ރިހެބިލިޓޭޝަން ސާވިސް، "ދަގެނާ"ގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

އޭގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަށް އައްޑޫ ސިޓީ ހުޅުމީދޫގައި ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ތަރައްގީކުރުމުގެ މަސައްކަތާއި ހދ. ހަނިމާދޫގައި ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސާވިސް ގާއިމުކުރުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.