ދިވެހިރާއްޖޭގެ ތާރީޚު

ފުވައްމުލަކު ހަވިއްތަ: ނަމަކަށް ކޮށްފައިވާ ހިމާޔަތާއި ހެރިޓޭޖް ލިސްޓުގައި ނެތް ގަލުދަޅުތަކާއި މާވަހަރާއި ރަނުގެ ވާހަކަ

މުނީރު ހަސަން، ޏ. ފުވައްމުލައް

1

ފުވައްމުލަކަކީ އުމުރުން ކިތަންމެ ދޮށީ އަތޮޅެއް ނަމަވެސް މި ޒަމާނަށް އައި އިރު ރަށުގައި ތާރީޚީ އާސާރުތައް އެހާ ގިނަ ރަށެކޭ ދެންނެވޭކަށް ނެތެވެ. ތާރީޚު ދިރާސާ ކުރައްވަވާ ފަރާތްތަކުން ވިދާޅުވާގޮތުގައި ފުވައްމުލަކުގައި މީގެ 1521 އަހަރު ކުރިން މީލާދީން 500 ގައި ބުދު ދީނުގެ މީހުން ވަޒަންވެރިވެ އުޅެން ވަނީ ފަށައިފިއެވެ. އެމީހުން އުޅެމުން އައީ ފުވައްމުލަކު އުތުރުކޮޅުގައެވެ. އެ ތަނުގައި އެމީހުން ހެދި ތަންތަނުގެ ތެރެއިން މިހާރު ފެންނާން ހުރީ ވީރާނާވަމުންދާ ހަވިއްތައެވެ. މި ތަން ހުންނަނީ ރަށުގެ އިރުމަތީ ފަރާތު (ހަވިއްތައާ ދިމާލުން) ގޮނޑުދޮށުން ފެށިގެން ގާތްގަނޑަކަށް 448 ފޫޓު އެއްގަމުގައެވެ. މި ތަން ސަލާމަތުން ހުރިއިރު އުސްމިނުގައި 60 ފޫޓް އަދި ވަށަ މިނުގައި 230 ފޫޓް ހުއްޓެވެ.

އެހެން ނަމަވެސް މިއަދު މި ތަނުގެ އުސްމިނުގައި ހުރީ އެންމެ 15 ވަރަކަށް ފޫޓެވެ.

މި ހަވިއްތައިގެ ވާހަކަ އެންމެ ފުރަތަމަ ދުނިޔޭގެ ސަމާލުކަމަށް އައީ 16 ފެބުރުއަރީ 1922 ވަނަ އަހަރު އެޗްސީޕީ ބެލް އޭނާގެ މޮނަގްރާފުގައި ހިމެނި ފޮޓޯގެ ސަބުންނެވެ. ހަވިއްތަ އޭގެ ޒާތުގައި ހުރިގޮތް ފެނުނު މީހަކު މިހާރު ދުނިޔޭގައެއް ނެތެވެ. މިހާރު ވެސް އެ މަސައްކަތް ހުރިގޮތް ވިސްނައިގަނެވޭނެ ތަންތަންކޮޅު ހަވިއްތައިން ފެންނާން އެބަ ހުއްޓެވެ. މޮނަގޮރާފުގެ ވާހަކަ މަޝްހޫރު ނަމަވެސް އެ ފޮތަކީ ވެސް މިހާރު އެހާ އާންމު ފޮތެއް ނޫނެވެ. އެނގިފައިވާ ގޮތުގައި ފުވައްމުލަކުގައި އެ ފޮތް އޮތީ ވަފާ /މާނެލް ހުސޭން ޝަރީފު މުހަންމަދު އަތްޕުޅުގައި އެކަންޏެވެ. ހުސެން ޝަރީފު އަޅުގަނޑަށް އެ ފޮތުގައި ހުރި ހަވިއްތައިގެ ދެ ފޮޓޯ ދެއްކެވިއެވެ.

ވީރާނާ ވެފައިވާ ހަވިއްތަ ބަލަން ރަށުގެ އުފަން ރަށްވެހިންނާއި ރަށުން ބޭރުން އަންނަ މީހުންގެ އިތުރުން ފަތުރުވެރީން ވެސް ޒިޔާރަތް ކުރެއެވެ. މި ހަވިއްތައަކީ ކުރީގައި ރަށުގައި އުޅުނު މީހުނާ ބެހޭ ވަރަށް ގިނަ ވާހަކަ ކިޔައިދޭ ތަނެކެވެ. އެމީހުންގެ ދީނެވެ. އެމީހުންގެ މަސައްކަތްތެރިކަމެވެ. އޭރު ވެސް ރަށުގައި އުޅުނު ބަޔަކު އުވަ ދަވައި އެއިން ބޭނުންކުރި ކަމެވެ. ގަލު ވަޑާމުގެ މަސައްކަތް ދަންނަ ބަޔަކު ވެސް އުޅުނު ކަމެވެ. އެތަނުގައި ބޭނުންކޮށްފައި ހުރި ގާތްގަނޑަކަށް އެއް ސައިޒުގެ ގައުތަކަކީ ވެސް އެ މީހުންގެ ފަންނުވެރިކަން ފެންނަ ގައުތަކެކެވެ. އެންމެ މުހިންމު ވާހަކައަކީ އެމީހުން އުޅުނު ދުވަސްވަރެވެ.

ކުރީ ޒަމާނުގައި ރަށުގެ އުތުރު ފަރާތުން ދަތުރުކުރާ މީހުންނަށް ހަވިއްތަ ފެންނާން ހުރެއެވެ. އަދި ހަވިއްތަ މަތީގައި ތިބޭއިރު ދަތުރުކުރާ އުޅަނދުފަހަރު މާދުރުން ފެންނާނެއެވެ. އެ ޒަމާނުގައި ހަވިއްތައިގެ ވަށައިގެން އެކަށީގެންވާ ހުސް ބިމެއް ބާއްވާފައި އޮތެވެ. ދާދި ފަހަކާ ޖެހެންދެން އެތަނުގައި ރުކެއް ގަހެއް ނުހުރެއެވެ. ބައެއް ލިޔުންތަކުން ފެންނަ ގޮތުގައި ހަވިއްތަ ކޮނުމުގެ ކުރިން އެ ތަނުގެ މަތީގައި ހުންނަ ރުކަށް އެރުމުން އައްޑު އަތޮޅު ފެނެއެވެ. ހަވިއްތަ ވަށައިގެން ގޮވާމުގެ ގަސްތައް ހައްދާފައި ހުރެއެވެ. އޭގެ ސަބަބުން ބުދު ދީނުގެ މީހުން އަޅުކަން ކުރާން ބޭނުންކުރި ތަންތަން ވަނީ ގެއްލިފައެވެ. ހަވިއްތައިގެ އެންމެ ކުރީގެ ފޮޓޯތައް ބަލައިލުމުން ވެސް އެ ފޮޓޯ ނެގި އިރު ހަވިއްތައިގެ މަތިން ބައެއް ނެތް ކަމަށް ވިސްނެއެވެ. އަޅުގަނޑު ސްރީލަންކާގެ އަނޫރާދަ ޕޫރާއިން ދުށް މިފަދަ ހަވިއްތަ ތަކުގެ މަތީގައި ހަތަރެސްކަނަށް ތަންކޮޅެއް ހުރެއެވެ. އަދި އެތަނުގެ މެދުގައި އުސްކޮށް ހުނަދަނޑި ފާޑުގެ އެއްޗެއް ހުރެއެވެ. އޭގެ މަތީކޮޅު ހުންނަނީ ކުޑަކޮށް ތޫނު ފާޑަކަށެވެ.

ތާރީޚީ އިލްމުވެރިޔާ އަލްމަރުޙޫމް އަލްއުސްތާޒު މުހަންމަދު އިބުރާހީމް ލުތުފީ ވިދާޅުވާ ގޮތުން މިތަނުގައި މައި ހަވިއްތައާއެކު އެކި ސައިޒުގެ މިފަދަ ހަތް ތަނެއް ހުންނަން ވާނެއެވެ. ފުވައްމުލަކު ޖަވާހިރު އަލްފާޟިލް މުހަންމަދު ވަހީދު އަހުމަދު އެސަރަޙައްދުން ހަވިއްތަ ގޮތަށް ހަދާފައި ހުރި ފަސް ތަނެއް ދެކެވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ. މިހާރު ވެސް ހަވިއްތައިގެ ދެކުނުގައި އެއް ތަން އަދި ހުޅަނގު އުތުރުގައި ދެ ތަނާއި ހުޅަނގުގައި އެއް ތަނާ އެކު ޖުމްލަ ފަސް ތަން އެބަހުއްޓެވެ. މި ތަންތަން ވެސް ވަނީ ވަރަށް ބޮޑަށް ތިރި ވެފައެވެ. ހަވިއްތައިގެ ހުޅަނގު ފަރާތުން މިހާރު ތެސްކޮށް (ކަތިކޮށް) ހުރި ސަރަހައްދަކީ އޭރު ހަވިއްތައަށް އަރައި ފައިބާން ހަރުފަތްބަރި ހުރި ތަން ކަމަށް ވަރަށް ބޮޑަށް ޤަބޫލު ކުރެވެއެވެ. އެ ތަނުން ފައިބައިގެން ހުޅަނގަށް ދެވޭ ގޮތަށް ހަދާފައި ހުރި ގައު ތަކެއްގެ އަސަރު ރޭގަނޑު ފިނި ފައިބާ ދުވަސްވަރު ހެނދުނު ފެންނަން އޮވެއެވެ. މިހާރު ވަޑޫގެ ގޯޅިއަށް ވަންނައިރު ކަނާތް ފަރާތުން އުސްކޮށް އެ ފެންނަ ތަނަށްވުރެ ހަވިއްތަ މަގާ ކައިރީގައި އިމާރާތެއްގެ ތަރަހަ ހުއްޓެވެ. އެއިގެ ފަހުން މި ތަންތަނަށް ވަނީ ވަރަށް ބޮޑެތި ބަދަލު އައިސްފައެވެ. ވަޑޫގެ ގޯޅި އާއި ހަވިއްތަ މަގު ގުޅޭ ކަންމަތީގައި ހުރި ވެނިއު ކިޔާ ގޭގެ ގޯތިތެރެ 20 އޮކްޓޯބަރ 2010 ގައި ކޮންނަނިކޮށް ސަންގު ފާޑުގެ ބޮޑެތި ބޮއްޔާއި ނީލަގެރި އެތް ފާޑަށް ހަށިގަނޑު ހުރި، މޫނު ރާމާ މަކުނަކާ ވައްތަރު ދެތިން ބުދު ވަނީ ފެނިފައެވެ. އަދި ގަލުން ހަދާފައި އެތެރެއަށް ބޮލި ކޮއްޓޭ ބޮލި އަޅަފައިވާ ފޮއްޓެއް ފެނުނު ކަމުގައި ވެސް ގޭގެ ވެރި ފަރާތުން މައުލޫމާތުދިނެވެ. ނަމަވެސް އެ ފޮށްޓަށް ވީ ގޮތެއް ހަނދާން ނެތް ކަމަށް ވެސް ބުންޏެވެ. މިކަން އިތުރަށް ސާފުކުރަން ކުރެވުނު މަސައްކަތުން އެ ފޮށި މިހާރު ހުރީ ފުވައްމުލަކު ސިޓީކައުންސިލްގެ ބެލުމުގެ ދަށުގައިކަމަށް ފުވައްމުލަކުގެ ތާރީޚު ދިރާސާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް ކަމުގައިވާ ސިޓީ ކައުންސިލްގެ އެސިސްޓެންޓު ޑިރެކްޓަރު، މުހަންމަދު އަލީ ވަނީ އަޅުގަނޑަށް މައުލޫމާތު ދެއްވާފައެވެ. އަދި އެފޮށްޓާއި ފޮށިން ނެގުނު ބައެއް ތަކެތީގެ ފޮޓޯ ވެސް ވަނީ ހިއްސާ ކުރައްވާފައެވެ. ކުރިން ދެންނެވި ތާރީޚުގައި ކުޑަ ހަވިއްތަ ކައިރީގައި ގަހެއް އިންދަން ކޮންނަނިކޮށް ވެސް ވަނީ އެތެރޭގައި ބޮލި ކޮއްޓޭ ބޮލި ހުރި ފޮއްޓަކާއެކު ބޮޑެތި ބޮއްޔާއި ބުދު ފާޑުގެ އެއްޗެއް ފެނިފައެވެ. މި ތަކެތި ފެނުނުއިރު ފުވައްމުލަކު ސިޓީ ކައުންސިލްގެ ކައުންސެލެރަކަށް ހުންނެވި ފުވައްމުލަކު އެއްގަމިގޭ ހަސަން ސައީދުގެ ފަރާތުން އެ ތަކެތީގެ ފޮޓޯތައް ވެސް ލިބުނެވެ. ފޮޓޯ ފެނުނު ކަމުގައިވިއަސް އަސްލު ތަކެތި މިހާރު ކޮބައިކަމެއް އެނގޭ ގޮތެއް ނުވިއެވެ. އެހެން ނަމަވެސް، މި ތާރީޚުގައި ފެނުނު ދެ ފޮށި ވެސް ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ގެންދެވުނުކަން އޭރުގެ ކައުންސެލަރު ހަސަން ސައީދުގެ ފަރާތުން ވަނީ އެނގިފައެވެ.

މިހާރު ވީރާނާވަމުންދާ ހަވިއްތަ ވީރާނާވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ސަރުކާރުން ވަފުދެއް ފޮނުވައިގެން އެތަން ކޮނުނު ކޮނުންކަން ގަބޫލު ކުރަން ޖެހެއެވެ. ވަފުދުގެ އިސް ބޭފުޅަކީ އަލްމަރުޙޫމް އާދަމް ނަސީރު މަނިކު އެވެ. މިކަންތައް ހިނގައިދިޔަ ގޮތް ހަވިއްތަ ކޮނެ ނިންމުމަށްފަހު ވަފުދުގެ ފަރާތުން ފުވައްމުލަކު ރައްޔިތުންނަށް ކިޔައިދިން ލިޔުމުން އެނގެއެވެ. ތިރީގައި އެ ވަނީ މި ދެންނެވި ލިޔުމެވެ. ބިސްމިއާއި ހަމްދު ސަލަވާތަށްފަހު ލިޔުން ފަށާފައި ވަނީ އަންނަވި އިބާރާތުންނެވެ.

"އަސްތާ ޝުކުރު ހުރީ މާތް ﷲ އަށެވެ. ފެންނަ ކޮންމެ މަންޒަރަކުން އިބުރަތެއް ހާސިލުކޮށްގަންނާށެވެ. އުޅުމަށް އިސްލާހު ގެނައުމާއެކު ދުލުން ކުރާ ދުޢާ ތަކާއި އަމަލުތައް އެއްގޮތް ކުރާށެވެ. ކީރިތި ﷲ އަކީ ހެޔޮގޮތުގައި ކުރާ ދުޢާ އިޖާބަ ކުރެއްވުމުގައި ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ފަތިހުގެ ފިނި ވައިރޯޅި އެ އަންނަނީ ވަރަށް ވެސް ހިތް ފަސޭހަ ގޮތަކަށެވެ. މާތައް ފަރިވެ ފޮޅެނީއެވެ. ބަގީޗާގައި ދޫނިތައް އުފަލުން އުދުހިއުދުހިފައި ލަވަ ކިޔަނީއެވެ. މިފަދަ އުފާވެރި މަންޒަރެއް ފެނުމުން ރޫހީ އުފަލެއް ނުލިބޭނީ ކޮން ހިތަކަށްތޯއެވެ. ކޮން ހަށިގަނޑަކަށްތޯއެވެ. ޝައްކެއް ނެތޭ އެފަދަ ފުރިހަމަ މަންޒަރެއް ފެނިފައި އުފާވެރިކަން ނުލިބޭ ހިތަކީ ހިއްސުތައް ސަލާމަތުން ނެތް ހިތެކެވެ. އާދޭހެވެ. މިފަދަ ވަގުތެއްގައި އަޅުގަނޑުގެ ލޮލުގެ ބެލުން ގޮސް ހުއްޓުނީ މުލަކު ހަވިއްތާގެ ގާގަނޑުގެ މައްޗަށެވެ. އެ ތަނަކީ އެތައް ސަތޭކަ އަހަރެއް ކުރިން ހެދިފައި ހުރި ބޮޑެތި އިމާރާތްތަކުގެ ތެރެއިންވާ ތަނެކެވެ. މިހާރު އެތަން ހުރީ ވަރަށް ބޮޑަށް ހަލާކުވެ މަތިން ލައްކަ ތަން ތިރިވެފައެވެ. އެއް ފަރާތުން ތަންތަންކޮޅު މުޅިން ނުރޫޅި ހުއްޓެވެ. އެ ތަން ހުރީ ވަރަށް ރީއްޗަށް އޮމާންކޮށް އުވަ ޖަހާ ބަރަފޯސް ނަގާފައެވެ. ނަމަވެސް ބޮޑު ތަން ހުރީ ވީރާނާ ވެފައެވެ. ހަދާފައި ހުރީ މުންނާރުގެ ތިރީ ގާގަނޑުހެން ތިރީގައި ބަރަފޯސް ނަގާފައި ބުރިބުރިއަށް އެއް ބުރި އަނެއްބުރިއަށްވުރެ ކުޑަކޮށް ވެލި ގަލުންނެވެ. އެތެރެއަށް ވެއްޔާއި އަކިރި އަޅާފައެވެ. މިހާރު އުސްމިނު ހުރީ 24.8 ފޫޓް އަށް އިންޗް އެވެ. ތިރީ ބުރީގެ ޑައިމީޓަރު 69 ފޫޓް 8 އިންޗިއެވެ. މެދު ބުރީގެ ޑައިމީޓަރު 54 ފޫޓް 6 އިންޗިއެވެ، މަތީ ބުރީގެ ޑައިމީޓަރު 31 ފޫޓެވެ. އަސްތާ، މުލަކުގެ އެތަންމިތަނުން އުފާވެރިކަމާއެކު ހިނިތުންވެފައި އެވާ ވަސްމީރު ބަލާލުމަށް ރީތި ކުލަކުލައިގެ މާމެލާމެލީގެ ވަސް ވަޔާ އެކުވުމުން އެ ދުވަނީ ހާދަހާވާ ފުރިހަމަ ހާދަހާވާ މީރު ވަހެކެވެ. އުހައުވެރިކަމާއި ހިތްހަމަ ޖެހުމުގެ ވަހެވެ. ފެންނަ ކޮންމެ މަންޒަރެއް ގޮސް ހުއްޓެނީ އުހައުވެރިކަން ފައުޅު ކުޅައުމުގެ ނިޝާނެއްގެ މައްޗަށެވެ. ހިތަށް ލިބެނީ ތަނަވަސްކަމެވެ. ރޫޙަށް ލިބެނީ ތާޒާކަމެވެ. ދުވަހަކީ 1365 ވަނަ އަހަރު ރަބީއުލް އާޚިރު މަހުގެ 14 ވަނަ ދުވަހެވެ. ވަގުތަކީ އިރު އަރާ 7 ޖެހި ވަގުތެވެ. ކުއްލިއަކަށް އިވޭން އެ ފެށީ ހަވިއްތާގައި ވާ އާސާރެއް ހޯދައިފާނޭ ފަދަ ހިއްވަރާއި ފެންވަރު ހުރި ބައެއްގެ އުފާވެރި ލަވަ ތަކެއްގެ އަޑެވެ. މިހާރު އެ ފެންނަނީ މުލަކު އަސްރުމާގޭ ގޮއިވެރި ހަސަންދީދީއެވެ. ވިދާޅުވާ އަޑު އެ އިވެނީ އުފަލާއި ހިތްވަރުގައި ހަވިއްތާގެ އެތެރެ ހޯދާށެވެ. ދައުލަތަށް ކިޔަމަންތެރިކަމާއި ނިއަނެތިކަން އަދާކުރާށެވެ. ހަވިއްތައިން އިހު ޒަމާނުގެ އާސާރެއް ހޯދުމުގެ ފަޚުރު އަތުލާށެވެ. މި ބަސްފުޅުތައް ނިމުމާއެކު އުފައުވެރިކަމުގެ ޖަވާބު އެ ލިބުނީ ރައްޔިތުންގެ ހިތްތަކުގައި ހަސަންދީދީގެ މައްޗަށް އެއްގޮތުގެ މަތީން ތައުރީފު ހިނގާފައިވާ ކަމުގެ ގަދަ ހެއްކެކެވެ. މުޅި މުލައް އަދާކުރަން އެދޭ ޝުކުރުގެ އުޖާލާ ދަލީލެކެވެ. އެއަށްފަހު ފެންނާން ފެށީ ހިތަދޫ ދޮންރަހާގޭ އަބުދުﷲ ދީދީ ހަވިއްތާގެ އެތެރެ ހޯދޭނެ ގޮތަކާއި އާސާރެއް ހުރިނަމަ ހުންނާނެ ތަނަކަށް ވިސްނާން ހަވިއްތާގެ ކައިރީ ހިނގަހިނގާ ހުރި ފުރިހަމަ މަންޒަރެވެ. އަބުދުﷲ ދީދީ އަކީ އެކަހަލަ ކަންތައް ވިސްނޭ މީހަކު ކަން 5 ވަނަ ދުވަހު ކޮނުނުއިރު ރަނގަޅަށް ބަޔާންވެ އެންމެންގެ ދޫތަކުން އެ ވިސްނުމުގެ މައްޗަށް ސާބަސްދޭ އަޑު އިވެން ފަށައިފިއެވެ. މިހާރު ދޫޑިގަމު ޚަތީބު މުހަންމަދުދީ އަވަށު މީހުން ތަރުތީބު ކުރައްވައިގެން އެ ހުންނެވީ ގަޑީގެ އިންތިޒާރުގައިކަމަށް ފެނެއެވެ. ދަޑިމަގު ޚަތީބު ކަޅުތުއްތުދީދީ ހަވިއްތައިގެ މަތީގައި ސަރުކާރުގެ އަމާނާތްތެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފިސާރި ކެރިގެން ފިރިހެނެއްގެ ގޮތުގައި ހުސިޔާރުކަމާއެކު އެ ހުންނެވި ބަލާލި ކޮންމެ މީހަކަށް ވަންހަނާވެގެންނަކުން ނުވާނެއެވެ. ގަޑިން 7 ޖެހުމާއެކު ކޮންނަން އެ ފެށީ ދޮންރަހާގޭ އަބުދުﷲ ދިދީ ކޮންނާން އެންގެވި ގޮތަށެވެ. އެދުވަހު އެ ތަނުން ފެނުނީ މަރުވެފައިވާ މީހެއްގެ ކަށިތަކެކެވެ. އެ ކަށިތައް ހުރީ ތިރީ ބަރުފޯހުގެ ތަންކޮޅެއް އެތެރެއިން ބިމާ ހަމައިގައިވާ ގާ ބަރިއެއްގެ މަތީގައެވެ. އެމީހުން މަސައްކަތް ކުރީ ނުލާހިކު އުފަލުގައި ފިރިހެނުންގެ ގޮތުގައެވެ. 1 ޖެހުމާއެކު މަސައްކަތް ނިންމާފައި ލަވަ ކިޔަމުން އަވަށަށް ހިނގައްޖެއެވެ. 15 ވަނަ ދުވަހު ފުނާޑު މީހުންނެވެ. އެމިހުންނަކީ މަސައްކަތުގައި ފޯރިއާއި ހުސިޔާރުކަން ހުރި ބައެކެވެ. 16 ވަނަ ދުވަހު މިސްކިތްމަގު މީހުންނެވެ. އެމީހުން ވެސް މަސައްކަތް ކުރީ އަނެއް ބަޔަކަށް ދޫކުރާކަށް ނޫނެވެ. 19 ވަނަ ދުވަހު މާދަޑު މީހުންނެވެ. އެމީހުން ކޮނެކޮނެ ތިއްބައި ގަލުން ހަދާފައި ހުރި ހަތެއް ކަހަލަ އެއްޗެއް ފެނިގެން އެއިގެ އަޑި ބަލާލަން ކޮނެކޮނެ ތިއްބައި މަތިން ގޮންޑޮޅި ބިދެން ފެށީމާ މަތި ބޮޑުކޮށްލާން ފެށިތަނާ ފެނުނީ ގަލުންހުރި ފޮށްޓެކެވެ. އެ ފޮށި ހުރީ މަތީ ބުރީގެ އެތެރޭގައެވެ. މިހާރު ހަވިއްތައިގެ މަތިން ފެށިގެން ހަތަރު ފޫޓު ތިރީގައެވެ. އޭގެ މަތި ނައްޓާލުމާއެކު އޭގެ ތެރެއިން ކުރަނޑިއެއް ވެއްޓި މަތި ނެގި އެތެރޭގައި ހުރި އެއްޗެއް ގާތަކުގެ ތެރެއަށް ގެއްލިއްޖެއެވެ. އަދި އަނެއްކާ ވެސް އަނެއް ދެ ފަރާތުން ހަމަ އެ ޒާތުގެ ދެ ފޮށި ފެނިއްޖެއެވެ. އެއިން ކޮންމެ ފޮއްޓެއްގައި ހުރީ އެއް ވަތްގަނޑުގައި ލޯދުންކިބަލެކެވެ. އަނެއް ވަތްގަނޑުގައި ގަލުން ހަދާފައި ހުރި ކުރަނޑިއެކެވެ. ކުރަނޑީގައި ހުރީ ރަނުން ހަދާފައި ހުރި ދަޅެކެވެ. އޭގައި ހުރީ މާވަހަރެވެ. އަދި އެއް ކުރަނޑީގައި ތަވީދުބަޑިއެއް ކަހަލަ އައްކަން އަޅާފައި ރަނުން ހަދާފައި އޮތް ދޭތިކޮޅު އޮތެވެ. ފުރަތަމަ ހޯދުމުގެ ފަޚުރު ލިބިފައެވެ. 20 ވަނަ ދުވަހު ހޯދަޑު މީހުންނެވެ. އެ ދުވަހު ވެސް ކުރީ ދުވަހު ފެނުނު ކަހަލަ ފޮށްޓެއް ފެނިއްޖެއެވެ. އޭގައި ވެސް ހުރީ ކުރީ ދުވަހު ހުރި ފަދަ ކުރަނޑިއަކާއި ދުންކިބަލެކެވެ. އެދުވަހު ވެސް އެކެއް ޖެހުމާއެކު ހޯދަޑު މީހުން އުހައުވެރިކަމުގެ ލަވަ ކިޔާފައި ހިތްހަމަޖެހުމާއެކު އަވަށަށް ހިނގައްޖެއެވެ. 21 ވަނަ ދުވަހު ދިގުވާޑު މީހުންނެވެ. މި ދުވަހު ކޮނުނީ އޮނަވިހި ވަނަ ދުވަހު އެ ފެނުނު ގާ ހޯދުމަށް އަޑިއަށެވެ. މިހެން ކޮނެކޮނެ ތިއްބާ ކުއްލިއަކަށް ވިދައިގަތީމާ ބަލާލިއިރު މިއޮތީ ކުރީ ދުވަހު މަތިން ނެގުނު ކުރަނޑީގައި ރަން ދަޅެވެ. ޝުކުރު ހުއްޓެވެ. 1 ޖެހުމާއެކު ދިގުވާޑު މީހުން އަވަށަށް އުފައުވެރިކަމުގެ ލަވަ ކިޔަމުން ދިޔައިރު ތިބީ ވަރަށް ވެސް ހިތް ހަމަޖެހިފައެވެ. 22 ވަނަ ދުވަހު ދަޑިމަގު މީހުންނެވެ. އެމީހުން ކޮންނަމުން ގޮސް ބިމުގެ އަޑިއަށް މުށެއް ފުން ކުރިއިރު ވެސް ވެއްޔާއި އަކިރި ނޫން އެއްޗެއް ނުފެނުނެވެ. މި މަސައްކަތުގައި އެއް އަވަށަކަށް ދޫކުރާނެ އަނެއް އަވަށެއް ނެތެވެ. އެއް އަވަށެއްގައި ނެތް އެތައް ފުރިހަމަކަމަކާއި ހިތްވަރެއް އަނެއް އަވަށަކުން ފެނެއެވެ. ކިޔަމަންތެރި ރައްޔިތަކު ވެރިންގެ ހަނދާނުގައި އަދާކުޅަ ޚިދުމަތުގެ ޖިޒީއެކެވެ. މުލަކު ވެރިންނާއި ރައްޔިތުންނަށް އަޅުގަނޑުމެންގެ ހިތުގެ އަޑީން ޝުކުރުގެ މުބާރަކުބާދީއެއް އަދާކުރާނެ އިބާރާތެއް ނުވެސް ވިސްނެއެވެ. ދައުލަތަށް ކިޔަމަންތެރި ހުޝިޔާރު މުލަކުގެ ވެރިންނާއި ރައްޔިތުންނަށް ތައުރީފާއި ސަނާއެވެ. ޝުކުރާއި މުބާރަކުބާދީއެވެ. އާދޭހެވެ.

ކުރަމޭ އަހުލުން ހެޔޮ ޝުކުރު އަދާ

ބުރަ ހިތް ނެތިވުންތެރިވާ ކިއަމަން ތުރަށައި މުލަކުގެ އަހުލުންފަދަރަން

ހިނދުގައި ބުނެވުނު އެދި ލަސްވެނުލާ ޚިދުމަތް އެތަކަށް ކޮށްދެއްވެވިހާ

މި ދުވަހު މި މަގާމުން ގޮސް ފެށިގެން

އުސް އެ ހަވިއްތާއިން އަރިވަރަކުން ހުސްކޮށްގެން ކޮނެ ގައުތައް ނަގަމުން

މުސްކުޅި އެތަކެތި ނެރެ ދެއްކެވުމުން

ހުސިޔާރު ވެރީންނާއި ރައްޔިތަކަށް ހީވާގިވި ހިތްވަރުގަދަ ބަޔަކަށް

ފެނި ތިއްބެވި ހެއު ތިޔަ ބޭކަލުނަށް

އުހަލުގެ މޫސުމެކޭ ފާޅު މި ވީ ވަޒަނެކެ ހުރި ލޯބި ފުވައްމުލަކީ

ގައުމެކެ ހެއު އެ ރަށުގެ އަހުލުނަކީ"

މިހިސާބަށް އެ ލިޔުން ނިމިފައިވާއިރު އެ ބެއިފުޅުންނަށް ހަވިއްތަ ފެނުނުއިރު ހުރި ގޮތުގެ ކުރެހުމެއް ހިމަނާފައިވެއެވެ. އެހެންކަމުން އެދުވަސްވަރު ފޮޓޯ ނެގޭނެ ވަސީލަތް ތަނަވެސްވެފައި ނުވަނީ ކަމަށް ފެނެއެވެ. ލިޔުމުގައި ހިމަނާފައި އެ ވާ ޅެމަކީ އަލްމަރުޙޫމް ކަރިއްޔާގޭ ކަޅުތުއްތުދީދީ (އިބުރާހީމް ފިކުރީ) ގެ ޅެމެކެވެ.
ކޮންމެއަކަސް ހަވިއްތަ މެދުން ކޮނެ ފަޅައިލުމުގައި ދޮންރަހާގެ އަބްދުﷲ ދީދީ އާއި އާދަމް ނަސީރު މަނިކަށް މިފަދަ ތަނެއް ކޮންނެވުމާ ބެހޭގޮތުން ލިބިވަޑައިގެންފައިވާ އިލްމާއި ތަޖުރިބާއާމެދު ވާހަކަ ދައްކާކަށެއް އަޅުގަނޑު ނެތީމެވެ.

ކުރިޔަށް އޮތީ މުސްތަޤުބަލެވެ. ދެން ކުރެވެން ހުރި ކަމެއް ކުރުމެވެ.

އިސްވެ ނަކަލުކުރެވިފައިވާ ލިޔުމަށް ބަލައިލުމުން ޒަމާނުއްސުރެ ހަވިއްތައިން ނެގުނީ ހަތަރު ވަތްގަނޑުގެ ގަލުގެ ފޮއްޓެއް އެކަނިކަމަށް ކިޔަމުން އަންނަ ވާހަކަ ރަނގަޅު ނޫންކަން އެނގެއެވެ. އެ ލިޔުމުން ސާފުކޮށް އެނގެން އޮތްގޮތުން ހަވިއްތައިގެ ކޮނުނު ސަރަހައްދުގެ ހަތަރު ތަނަކުން ހަތަރު ފޮށި ފެނުނުކަން އެނގެއެވެ. އެއިން ކޮންމެ ފޮށްޓެއްގައި ހުރީ ދެ ވަތްގަނޑުކަމާއި ކޮންމެ ފޮއްޓެއްގައި ވެސް އެއް ވަތްގަނޑުގައި ލޮއިން ހަދާފައިވާ ދުންކިބަލެއް އަނެއް ވަތްގަނޑުގައި ގަލުގެ ކުރަނޑިއެއް ހުރިކަމާއި އެއިން ކޮންމެ ކުރަނޑިއެއްގައި ރަނުގެ ދަޅެއް ހުރިކަން އެނގެއެވެ. މި ދަޅުތަކުގައި މާވަހަރާއި ރަނުގެ އެތިކޮޅުތައް ހުރިއިރު މީގެތެރޭގައި ރަނުން ހަދައި އައްކަން އަޅާފައިވާ އުނަގަނޑުގައި އަޅާ ބަޑި ހުރިކަން ވެސް އެނގެއެވެ.

ދިވެހިރާއްޖޭގެ އާސާރީ ތަރިކައިގެ ވަގުތީ ދަފުތަރު ހެރިޓޭޖް މިނިސްޓްރީން 27 މާރޗް 2019 ވަނަ އަހަރު ވަނީ ގެޒެޓްކޮށްފައެވެ. އެ ލިސްޓުގައި ހަވިއްތައިން ނެގުނު ގަލުގެ ފޮށީގެ ވާހަކަ ހިމަނާފައި އޮތް އިރު އެ ފޮށިތަކުގައި ހުރި ރަނުގެ ދަޅުތަކުގެ ވާހަކަ ހިމަނާފައި ނެތުމަކީ ދެރަ ކަމެކެވެ. ހަވިއްތަތަކުން ކޮނެގެން ނެގުނު ތަކެތި އެ ދުވަސްވަރު މަދަރުސާއަށް ދިޔަ ކުދީންނަށް ވަނީ ދައްކާފައެެވެ. އެހެންކަމުން އެތަކެތި ދުށް މީހުން އަދި ދުނިޔޭގައި އެބަ ތިއްބެވެ.

ހަވިއްތަ ހުންނަ ސަރަހައްދަކީ ކުރީ ޒަމާނުގައި ރަށުގައި ވަޒަންވެރިވެ އުޅުނު މީހުން އެ މީހުންގެ ބައެއް ތަކެތި ވަޅުލާފައި ހުރި ސަރަހައްދެއްކަން މަތީގައި ބަޔާންކުރި ހާދިސާތަކުން ރަނގަޅަށް އެނގެއެވެ. އެހެން ކަމުން މި ސަރަހައްދު ރަނގަޅަށް ދިރާސާކޮށް މި ސަހައްދުގައި އުޅުނު ބަޔަކު އުޅެފައިވަނީ މީގެ ކިތައް އަހަރު ކުރިންތޯ ތާރީޚު ހިމާޔަތް ކުރުމަށް ޓަކައި ބަލަން ޖެހެއެވެ. އަދި އެއީ ކޮން މަޒުހަބެއްގެ ބައެއްތޯ ވެސް ދެނެގަނެވޭނެ ދިރާސާއެއް ކުރުމީ މުހިންމު ކަމެކެވެ. މި ސަރަހައްދު ހިމާޔަތް ކުރުމަށް މިހާރަށްވުރެ ފުޅާކޮށް ވިސްނަން ޖެހެއެވެ. ސަރުކާރުން ރަނގަޅު ފެންވަރަކަށް ހައްދަވަން ފަށްޓަވާފައިވާ ހަވިއްތަ މަގުގެ ޑިޒައިނަށް ބަދަލު ގެނައުމީ ވެސް އަދި ކުރެވިދާނެ ކަމެކެވެ. ހަވިއްތަތައް މަތީގައި ހެދި ބޮޑުވަމުންދާ ފުނަ އާއި ކާނިފަދަ ގަސްތަކުގެ އިތުރަށް ބައެއް ދަނޑުވެރިންގެ ފަރާތުން ލިބޭ ގެއްލުމުން އެ ތަންތަން ސަލާމަތް ކުރުމަށް އެ ސަރަހައްދުގެ އިން ވަކިވާން ވެސް ޖެހެއެވެ.

ރަށުގެ ތާރީޚާއި ސަގާފަތާމެދު ޒުވާނުން ފުޅާ ދާއިރާއެއްގައި ވިސްނާން ޖެހެއެވެ. ދުނިޔޭގެ ތަންތަނުގައި މިފަދަ ތަންތަން ހިމާޔަތް ކުރާ ގޮތަށް މި ތަންތަން ކަވަރުވާ ގޮތަށް އިމާރާތްކޮށް ފުވައްމުލަކު ރައްޔިތުންނަށް އާމްދަނީ ލިބޭފަދަ ތަނަކަށް މި ތަން ވާނެކަމުގައި އުއްމީދު ކުރަމެވެ. މިނިސްޓްރީ އޮފް ހެރިޓޭޖް އާރޓްސް އެންޑް ކަލްޗަރ އިން ފުވައްމުލަކު ހަވިއްތަ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެކޭ އެންގެވުމަކުން ނުފުދެއެވެ. ހިތަށް އެރުމުން ކޮނެ ހިތަށް އެރި ގަލެއް ނެގި ހިތަށް އެރި ހިސާބެއްގެ ފަސްގަނޑު ޖެހޭ ގޮތަށް އޮތުމަކީ ހިމާޔަތް ކުރެވުމެއް ނޫނެވެ. ގާނޫނަކުން ލިބިދޭ ބާރަކުން ފުވައްމުލަކު ހަވިއްތަ ކޮނެގެން ނެގުނު ތަކެތި ބެލެހެއްޓުމަށް ދާރުލް އާސާރުގައި ބެހެއްޓުމުގެ ބަދަލުގައި ކައުންސިލާއެކު ހެދޭ އެއްބަސްވުމެއްގެދަށުން އެ ތަކެތީގެ ފައިދާ ފުވައްމުލަކު ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަކީ މިހާރު އަމަލުކުރާ ގާނޫނު ނަންބަރު:2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން ކުރުން ލާޒިމު ކަމެއް ކަމުގައި ދެކެމެވެ.

އުއްމީދަކީ ފުވައްމުލަކުން އެކި ދުވަސްވަރު މާލެ ގެންދެވުނު މިފަދަ ހުރިހާ އާސާރެއް މި ސަރުކާރުން ފުވައްމުލަކު ރައްޔިތުންނަށް އަނބުރައި ދެއްވުމާއެކު ހަވިއްތަ ތަކާއި އެތަންތަނާ ގުޅުން ހުރި ތަންތަން ރައްކާތެރިކަމާއެކު ހިމާޔަތްކޮށްދެއްވާނެ ކަމުގައެވެ. އެ ތަންތަނުން ވެސް ރަށުގެ ރައްޔިތުންނަށް މަންފާ ލިބޭނެ ގޮތް ތަނަވަސްވުމެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި ހުންނަ މިފަދަ ތަންތަނުން އެ ތަންތަނުގެ ރައްޔިތުންނަށް އާމްދަނީ ލިބޭ ފަދައިންނެވެ.

********

އެޑިޓަރުގެ ނޯޓު: މުނީރު ހަސަން އަކީ ފުވައްމުލަކު ކަތީބު ކަމާއި ބޮޑުކަތީބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ފުވައްމުލަކު ދަޑިމަގު އަވަށު ކައުންސިލުގެ ޒިންމާދާރުވެރިޔާކަމުގެ މަގާމުވެސް ފުރުއްވި އެވެ. އޭގެ ކުރީން ރަށުކައުންސިލްތަކުގެ ޒިންމާދާރުވެރިޔާގެ މަގާމުވެސް އަދާކުރެއްވި އެވެ. އޭނާއަކީ ފުވައްމުލަކުގެ ތާރީހު ދިރާސާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މި ވަގުތު ފުވައްމުލަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރަށުގެ ތާރީހީ މައުލޫމާތު އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ މަދު ބޭފުޅުންގެ ތެރޭގައި މުނީރު ހިމެނިވަޑައިގަންނަވައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟