އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަތައް އަވަސް ކުރުމަށް، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް އިތުރުކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިފައިވާ 3.9 މިލިއަން ރުފިޔާ އިތުރުކޮށްދިނަސް އަންނަ 2022 ގެ ނިޔަލަށް އެ ހުރިހާ މައްސަލަތައް ނިންމައިލެވޭނެ ކަމުގެ ޔަގީންކަމެއް ނުދެވޭނެ ކަަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އޭސީސީއަށް ދޭން ހިމަނާފައިވަނީ 41.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އޭސީސީއަށް ދީފައިވާ ބަޖެޓުން އެ ކޮމިޝަންގެ މެންޑޭޓުގައިވާ ކަންތައްތައް ކުރުމަށް ދަތިވާނެ ކަމަށް ކޮމިޝަން މެންބަރުން ވަނީ ވިދާޅުވެފައެވެ.
ހާއްސަކޮށް އެ ކޮމިޝަނުން ކުރިއަށްގެންދާ ބޮޑު ހިޔާނާތުގެ މައްސަލަތައް ނިންމުމަށް ލަސްތަކެއް އުޅެނީ އެކަމަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތް ގާއިމުކުރަން ބޭނުންވާ ބަޖެޓް ނެތުމުން ކަމަށް ކޮމިޓީ ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައެވެ.
ކޮމިޝަނުން އެދިފައިވާ 3.9 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށްދީފިނަމަ، އަންނަ އަހަރުގެ ނިޔަލަށް ބޮޑު ބޮޑު ހިޔާނާތުގެ މައްސަލަތައް ނިންމައިލެވޭނެތޯ، ދާންދޫ ދާއިރާގެ މެންބަރު ޔަގޫބު އަބުދުﷲ ކުރެއްވި ސުވާލާ ގުޅިގެން އޭސީސީގެ މެންބަރު އިބްރާހިމް ޝަކީލް ވިދާޅުވީ އެ ސުވާލަށް ޖަވާބުދޭން ދަތި ކަމަށެވެ. ބޮޑު ހިޔާނާތުގެ މައްސަލަތަކަކީ އޭސީސީން އެކަނި ތަހުގީގު ކުރާ މައްސަލަތަކެއް ނޫން ކަމަށާއި އެ މައްސަލަތައް ތަހުގީގު ކުރަނީ، އެސެޓް ރިކަވަރީ ކޮމިޝަނާއި ދިވެހި ފުލުހުންގެ ހިދުމަތާއި އޭސީސީ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށްވާތީ އެ ސުވާލަށް ޖަވާބު ދެވޭނީ އެ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު އެކަމުގެ ފޯކާސްޓެއް މެންބަރުންނަށް އަރުވާނެ ކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.
ޝަކީލްގެ ވާހަކަތަކާ ގުޅިގެން ޔައުގޫބު ވިދާޅުވީ، ބޮޑޫ ހިޔާނާތުގެ މައްސަލަތަކަކީ ރައްޔިތުން އެންމެ ކަންބޮޑުވާ މައްސަލަތައް ކަމަށާއި، އެ މައްސަލަތައް ނިންމައިލެވޭނެ މުއްދަތެއް ނުދެވެންޏާ އޭސީސީގެ ބަޖެޓަށް އިތުރުކޮށްދިނުމަށް އެދިފައިވާ 3.9 މިލިއަން ރުފިޔާ އެހެން ކަމަކަށް ޔޫޓިލައިޒް ކުރުން މާ ރަނގަޅުވާނެ ކަމަށެވެ.
ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް މިލިއަން ރުފިޔާ އޭސީސީއަށް ދޭއިރު ރައްޔިތުންގެ އެހާ ބޮޑު ކަންބޮޑުވުމެއް ހިމެނޭ ބޮޑު ހިޔާނާތުގެ މައްސަލަތައް ނިންމައިލެވޭނެ މުއްދަތެއް އަދި އެކަމާބެހޭ ތާވަލެއް ކޮމިޝަނަށް ނުދެވޭ މައްސަލައިގައި ކޮމިޓީގެ އެހެން މެންބަރުންވެސް ކޮމިޝަން ބޭފުޅުންނާ ސުވާލުކުރެއްވިއެވެ.
ކޮމިޓީ މެންބަރުން ވިދާޅުވީ އެ މައްސަލަތައް ނިންމުމަކީ ސަރުކާރުގެ މުހިންމު ވައުދުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު