ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލާން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު ޝަރީއަތުގައި އިތުރު އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވަން ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓު ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ގއ. ވޮޑަމުލާގެ އެކުއިޒިޝަން ކޮސްޓަށް ހިޔާނާތްތެރިވި މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ.

އެ ދުވަހުގެ އަޑުއެހުން ނިންމާލާފައިވަނީ އިތުރު ކަމެއް ސާފު ކުރަން ނެތްނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް އިއުލާނުކޮށްފައެވެ.

އެހެން ނަމަވެސް އަންނަ ބުރާސްފަތި ދުވަހު ރައީސް ޔާމީންގެ އަޑުއެހުމެއް ބާއްވަނީ އިތުރު ކަމެއް ސާފު ކުރުމަށެވެ. މި އަޑުއެހުން ބާއްވަނީ ސުޕްރީމް ކޯޓުގެ އިސްނެގުމުގެ މަތީންނެވެ.

ޔާމީންގެ އިސްތިއުނާފީ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. ރައީސް ޔާމީނުގެ ފަރާތުން 22 އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވާ އިރު، ދެ ފަރާތުން ވެސް ވަނީ އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ވާހަކަދައްކައިފައެވެ. އިސްތިއުނާފީ ނުކުތާތަކުގެ އިތުރުން ޔާމީން ވަނީ ތިން ކަމެއް ހުށަހަޅުއްވައިފައެވެ.

އެއީ ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމުގެ އަމުރެއް ނެރެދެއްވުމާއި ކަފާލާތުގެ ދަށުން ދޫކޮށްލެއްވުމުގެ އިތުރުން އާ ހެކިތަކެއް ހުށަހެޅުއްވުމެވެ. މި ކަންކަމަށް ތަފުސީލީ ގޮތެއްގައި ދެ ފަރާތުން ވަނީ ވާހަކަ ދައްކައިފައެވެ. އަދި އެ ތިން ކަމަކަށް ކޯޓުން ގޮތެއް ކަނޑައަޅައިފައެވެ.

އެގޮތުން ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމާއި ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމަވައިފައެވެ. އަދި އާ ހެކިތައް ބަލައިނުގަތުމަށް ވެސް ވަނީ ނިންމަވައިފައެވެ. އެހެންނަމަވެސް ހުކުމުގައި ހިމެނޭ ޖޫރިމަނާ ފައިސާ ހޯދުން ފަސްކޮށްދިނުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރެދެއްވާފައިވެއެވެ.