ޚަބަރު

އަތޮޅު ތެރޭގެ ހާލަތު ގޯސް، މިއަދު އެކަނިވެސް ހަތް ރަށެއް މޮނިޓަރިން އަށް

ރިފާ ހަލީލު

ކޮވިޑު-19އިގެ ސަބަބުން އަތޮޅުތެރޭގެ ހާލަތު ގޯސްވެ މިއަދު އެކަނިވެސް ހަތް ރަށެއް މޮނިޓަރިން އަށް ލައިފި އެވެ.

މިއަދު މޮނިޓަރިން އަށް ލާފައިވާ ރަށްތަކަކީ، ގދ. ފަރެސްމާތޮޑާ، ދ. މާއެނބޫދޫ، ގއ. މާމެންދޫ، ނ. ކުޑަފަރި، ނ. ވެލިދޫ، ފ. ބިލެތްދޫ، ރ. އަލިފުށި އެވެ. މިއާއެކު މިހާރު މޮނިޓަރިން އަށް ލީ ރަށްތަކުގެ އަދަދު ވަނީ 31 އަށް އަރާފަ އެވެ.

މި ރަށްތަކުގެ ތެރެއިންވެސް މިހާތަނަށް އެންމެ ހާލަތު ގޯހީ ފަރެސް މާތޮޑާގަ އެވެ. އެރަށު މަސްވެރިޔަކު ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން މި މަހުގެ ހަ ވަނަ ދުވަހު އޭނާ ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ފަހުން އެ ދޯނިން 18 މީހަކާއި ރަށުތެރެއިން ދެ މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.

ކުޑަފަރީގައިވެސް އަލާމާތްތައް ހުރުމުގެ ސަބަބުން ޑޮކްޓަރަށް ދެއްކި މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުން އިތުރު ހަތް މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.

ކުޑަފަރީ ކައުންސިލް ރައީސް އަލީ ޝަމީމް މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ އެރަށުން މީގެ ދެ ދުވަސް ކުރިން ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއާ ގުޅިގެން ރެންޑަމްކޮށް 49 ސާމްޕަލެއް ނެގި ކަމަށާއި އެއީ އޭނާއާ ކޮންޓެކްޓް ވެފައިވާ މީހުންނާއި އާންމު މީހުން ކަމަށެވެ. އެގޮތުން ނެގި ސާމްޕަލް ތަކުގެ ތެރެއިން ހަތް ސާމްޕަލެއް މިހާރު ޕޮޒިޓިވް ވެ، ޖުމުލަ އަދަދު އަށަކަށް އަރާފައިވާ ކަމަށް ވިދާޅުވި އެވެ.

"މި ރޯގާ ފެތުރޭތީ ރަށުތެރޭގަ މިހާރު އޮތީ ބިރުވެރިކަން އުފެދިފަ. ދެން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށް. އެކަމަކު ރަށަށް ބަލި ފެތުރުނު ގޮތް ސީދާ ބުނާކަށް އަދި ނޭނގެ." އޭނާ ވިދާޅުވި އެވެ.

ބިލެތްދޫ ކައުންސިލް މެންބަރު އާސިފާ ސުލައިމާން "ވަން" އަށް މިއަދު ވިދާޅުވީ މީގެ ދެތިން ދުވަސް ކުރިން އެރަށު ސްކޫލް ކުއްޖަކު ވަރަށް ބޮޑަށް ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި ކަމަށެވެ. އެކުއްޖާގެ ސާމްޕަލް ޕޮޒިޓިވް ވުމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރި ކަމަށާއި އޭގެ ތެރެއިން ހަ ސާމްޕަލެއް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

"މީގެ ދެތިން ދުވަސް ކުރިން މި ރަށު ސްކޫލުގެ ގްރޭޑް ހައެއްގަ ކިޔަވާ ދަރިވަރަކު މާ ބޮޑަށް ވަލިވެ ރޯގާ ޖެހިގެން ދެއްކީ ފުލޫ ކުލިނިކަށް. ދެއްކި އިރު އެކުއްޖާ ޕޮޒިޓިވް ވީ. ދެން އެ ކްލާސް ހުރިހާ ކުދިންވެސް ޓެސްޓު ކުރި. އެކަމަކު އިތުރު ދަރިވަރަކު ޕޮޒިޓިވެއް ނުވޭ. އެކަމަކު ދެން ޕޮޒިޓިވް ވީ އެ އާއިލާގެ މީހުން. ފުރަތަމަ ޕޮޒިޓިވް ކުއްޖާ އަކީ އެއްވެސް ރަށަކަށް މި ފަހުން ދަތުރު ކުރި ކުއްޖެއްވެސް ނޫން. ދެން ނޭނގެ ކިހިނެއް ކަމެއް ބަލި ޖެހުނީ." އޭނާ ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދ. މާއެނބޫދޫ ވެސް މޮނިޓަރިންއަށް ލާފައި ވަނީ ކޮމިޔުނިޓީ ތެރެއިން ކޮވިޑް ފެނުމާ ގުޅިގެންނެވެ.

ވެލިދޫ ކައުންސިލް ރައީސް އާތިފް ހުސައިން "ވަން" އަށް މިއަދު ވިދާޅުވީ އެރަށް މޮނިޓަރިން އަށް ލާފައިވަނީ ފުލޫ ކުލިނިކަށް ކޮންމެ ދުވަހަކު ދައްކާ ސާމްޕަލްތައް ޕޮޒިޓިވް ވަމުންދިޔުމާ ގުޅިގެން ކަމަށެވެ. އަދި މިހާތަނަށް އެފަދަ ހަތް މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި މި ކޭސްތަކާ ގުޅިގެން 48 ގެއެއް ކަރަންޓީނު ވެސް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މާމެންދޫ އަދި އަލިފުށިންވެސް ބަޔަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. ނަމަވެސް ޕޮޒިޓިވް ވެފައިވަނީ ކިތައް މީހުން ކަމެއް އަދި ވަނީ ސާފުވާ ގޮތެއް ނުވެފަ އެވެ. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން މި ރަށްތައް ވަނީ މޮނިޓަރިން އަށް ލާފަ އެވެ.