އަށާރަ އަހަރަށްފަހު ރާއްޖެ ފުރަތަމަ ފަހަރަށް ބަންގުލަދޭޝް އަތުން ބަލިވުމަކީ ހިތާމެރި ކަމެއް ނަމަވެސް، ޓީމަށް ވަގުތު ދޭން ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.
މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގައި ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ބަންގުލަދޭޝްއިން ރާއްޖެ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗަށް ބަންގުލަދޭޝް ނުކުތީ ތާރީހީ މޮޅެއް ހޯދުމަށެވެ. 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ބަންގުލަދޭޝްއިން ރާއްޖެ ބަލިކުރި ފަހުން އެގައުމަށް މިހާތަނަށް ރާއްޖެ ބަލިކުރެވިފައެއް ނުވެއެވެ. އެންމެފަހުން ރާއްޖެއާއި ބަންގުލަދޭޝް ވާދަކުރީ މިއަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައެވެ. އެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
އެ ރެކޯޑަށް ބަންގުލަދޭޝްއިން މިއަދު ނިމުން ގެނުވާފައިވާ އިރު، ކޯޗު މޮރިއޭރޯ ބުނީ ނަތީޖާ ނުކުތީ އުންމީދު ކުރި ގޮތަށް ނޫން ކަމަށާއި، ބައްޔަކީ ހިތާމަވެރި ބައްޔެއް ކަމަށެވެ.
"މިއީ ހިތާމަވެރި ބައްޔެއް. މިއީ އުންމީދު ކުރި ނަތީޖާއެއްވެސް ނޫން. އެކަމަކު އަބަދުވެސް ކުޅެނީ ރަނގަޅުކުރަން. މެޗު ފެށިގެން އުނދަގޫތައް ދިމާވި، އޭގެ ތެރެއިން ބަންގުލަދޭޝް ގޯލު ޖަހައި، އަހަރެމެންނަށް އެއްވަރު ކުރެވުނު ހިސާބުން އަނެއްކާވެސް ކޮންމެވެސް ވަރަކަށް ކުޅެން ފެށުނު. މިއީ މެޗެއްގައި ކަން ހިނގާނެ ގޮތް. ދެ މެޗުން އެއް ޕޮއިންޓު ލިބުމަކީ ޓީމުގެ ކުޅުމަށް ބަލައި އެންމެ ހައްގު ނަތީޖާ ކަމަކަށްވެސް ނުދެކެން،" މޮރިއޭރޯ ބުންޏެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ބަންގުލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން އެޓީމަށް ލީޑު ނަގައިދީފައި ވަނިކޮށް ރާއްޖެއަށް ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު އުމައިރުގެ ގޯލުންނެވެ. މެޗު އެއްވަރުވާން ދަނިކޮށް ބަންގުލަދޭޝްއިން ފަހުވަގުތު ގޯލު ޖެހީ ޕެނަލްޓީއެއްގައެވެ. މެޗުގެ 86 ވަނަ މިނެޓުގައި ބަންގުލަދޭޝަށް ޕެނަލްޓީ ލިބުނީ އޭރިއާ ތެރެއިން ޖުވެލް ރަނާއަށް ރާއްޖޭގެ ކީޕަރު މުހައްމަދު ނާޖިހު ކުރި ފައުލަކާ ގުޅިގެންނެވެ. ބަންގުލަދޭޝަށް އެ ކައުންޓާ އެޓޭކަށް ފުރުސަތު ލިބުނީ ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ) އަތުން ބޯޅަ ގެއްލުމާއެކުގައެވެ. އެ ގޯލުގައި ގޯލްކީޕަރުގެ ކޮންމެވެސް ވަރެއްގެ ގޯސްތަކެއް ހުރިކަން ފާހަގަވިއެވެ.
"ޕެނަލްޓީގައި ޒުވާން ގޯލްކީޕަރަށް ބްލޭމް ނުކުރެވޭނެ. އެއީ 23 އަހަރުން ދަށުގެ ޓީމުން އައިސް ގައުމީ ޓީމަށް (ނާޖިހު) ކުޅުނު ދެވަނަ މެޗު. އެއީ ތަޖުރިބާ ހޯދުން. ތަޖުރިބާ ހޯދުމުގެ ދަތުރުގައި އެކަހަލަ ކަންކަން ދިމާވާނެ،" ނާޖިހުގެ ދިފާއުގައި ވާހަކަދައްކަމުން ކޯޗު މޮރިއޭރޯ ބުންޏެވެ.
މޮރިއޭރޯ ބުނީ މުބާރާތުގެ ގިނަ ވަގުތުތަކެއްގައި ރާއްޖޭގެ ޓީމުން ރަނގަޅު ފުޓުބޯޅައެއް ކުޅުނު ކަމަށާއި ކުޅުންތެރިންގެ 100 ޕަސެންޓް ދެމުންދިޔަ ކަމަށެވެ. އެހެން ނަމަވެސް ފުޓުބޯޅައަކީ ބައެއް ފަހަރު ކުޅުންތެރިން އަތުން ހެދޭ އެންމެ ގޯހަކުންވެސް މެޗުގެ ނަތީޖާ ބަދަލުވެދާނެ ކުޅިވަރެއް ކަމަށާއި، އެކަހަލަ ވަގުތުތަކެއް މުބާރާތުގައި ފެނުނު ކަމަށްވެސް މޮރިއޭރޯ ބުންޏެވެ. އެ ވާހަކަތަކާއެކު މޮރިއޭރޯ އެދުނީ ވަގުތު ދިނުމަށެވެ.
"ސަޕޯޓަރުންނަށް ބުނަން ބޭނުންވަނީ ވަގުތު ދޭށޭ. އަހަރެންނަށް އަދި ޓީމާއެކު މާ ގިނަ ވަގުތެއް ހޭދައެއް ނުކުރެވޭ. އެހެންވެ މި ބުނަނީ ވަގުތު ދީފިނަމަ ތަފާތު ދެއްކޭނެއޭ. އަހަރެން ގަބޫލުކުރަން މި ކުޅުންތެރިންގެ ފެންވަރު. އަހަންނަށް ވަގުތު ދޭންވީ. އަހަރެން ގަބޫލުކުރާ އެންމެ ބަހެއް ކޯޗިންގައި އޮންނާނީ، އެއީ ބުރަ މަސައްކަތް. ބުރަ މަސައްކަތް އެއީ އެއްޗަކީ. ނަތީޖާއަށް ބަލާނަމަ އަހަރެން ކުށްވެރިވޭ، އެކަން ގަބޫލުކުރަން. އެކަމަކު ބުރަކޮށް މަސައްކަތް ކުރަން،" ކުރިން އިޓަލީގެ ޓީމުތަކަށް ކުޅުނު މޮރިއޭރޯ ބުންޏެވެ.
ރާއްޖެއިން ލީގު ބުރުގެ ފަހު މެޗުގައި ސީޝެލްސްއާ ދެކޮޅަށް ނުކުންނާނީ އަންނަ އަންގާރު ދުވަހުގެ ހަވީރު 3:30 ގައެވެ. ރާއްޖެއަށް ފައިނަލަށް އޮތް ފުރުސަތު އެނގޭނީ މިރޭ ސީޝެލްސްއާއި ލަންކާ ކުޅޭ މެޗަށްފަހުއެވެ. މިއަދުގެ ނަތީޖާއާއެކު ރާއްޖެއަށް ވަނީ އަމިއްލަ ބާރު ހަނިވެފައެވެ.
މަހިންދާ ރާޖަޕަކްސަ ކަޕް
މަހިންދާ ރާޖަޕަކްސަ ކަޕް
މަހިންދާ ރާޖަޕަކްސަ ކަޕް