މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާއިން ފަހު މިނެޓުގައި ޖެހި ގޯލާއެކު ރާއްޖެއާ އެއްވަރުކޮށްފިއެވެ.

ސްރީ ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ 4-4 ގެ ނަތީޖާއަކުންނެވެ. މެޗުގައި ރާއްޖެއިން ފުރަތަމަ ހަތަރު ގޯލުގެ ލީޑެއް ނެގި ނަމަވެސް ރާއްޖެއިން ވަނީ އެ ލީޑު ގެއްލުވާލައިފައެވެ. ލަންކާގެ ހަތަރު ގޯލުވެސް ޖެހީ ވަސީމް ރަޒީކެވެ.

ފޯ ނޭޝަންސް ކަޕު އިއްޔެ ފަށަން އޮތް ނަމަވެސް، އިއްޔެ ކުޅެން އޮތް ދެ މެޗު، ލައްކާއަށް މޫސުން ގޯސްވުމުގެ ސަބަބުން މިއަދަށް ފަސްކުރިއެވެ. ކުރިން އޮތް ގޮތުން ރާއްޖެ މެޗު އޮތީ މިރޭ ކުޅޭ ގޮތަށް ނަމަވެސް، އެ މެޗު ހަވީރަށް ބަދަލުކޮށް، ފެށުމުގެ ރަސްމިއްޔާތުވެސް މިއަދު ހަވީރަށް ބަދަލުކޮށްފައިވެއެވެ. ފޯ ނޭޝަންސް ކަޕް ހުޅުވުމުގެ ރަސްމިއްޔާތު ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޝަރަފުވެރި ކޮށްދެއްވާފައިވާ އިރު، މިއަދު ބޭއްވި ރައްމިއްޔާތުތަކުގައި ލަންކާ ފަންނާނުންގެ ހުށަހެޅުންތަކެއް ފެނިގެން ގޮސްފައިވެއެވެ.

ފޯ ނޭޝަންސް ކަޕުގައި ރާއްޖެއާއި ސްރީ ލަންކާގެ އިތުރުން ދެން ވާދަކުރާނީ ބަންގުލަދޭޝްއާއި ސީޝެލްސްއެވެ. މެޗަށް ނުކުތް އިރު އެންމެފަހުން ލަންކާއަށް ރާއްޖެ ބަލިކުރެވުނީ 2002 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. އޭގެ ފަހުން ލަންކާއާ ދެކޮޅަށް ރާއްޖެއިން ކުޅުނު ދިހަ ފަހަރުވެސް، ލަންކާއަށް މޮޅުވެވިފައެއް ނުވެއެވެ. ރާއްޖެއިން އެންމެފަހުން ލަންކާއާ ދެކޮޅަށް ކުޅުނީ ރާއްޖޭގައި މިއަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައެވެ. އެ މެޗު 1-0 އިން ކާމިޔާބު ކުރީ ރާއްޖެއެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

މިއަދުގެ މެޗަށް ރާއްޖެ ނުކުތީ އެންމެފަހުން ސާފް ޗެމްޕިއަންޝިޕްގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި ނެރުނު ފުރަތަމަ 11 އަށް ބަދަލުތަކަކާ އެކުގައެވެ. ރާއްޖޭގެ އެއް ނަންބަރު ގޯލްކީޕަރު މުހައްމަދު ފައިސަލް އަނިޔާގެ ސަބަބުން މުބާރާތަށް ގޮސްފައި ނުވާއިރު، މެޗުގައި ރާއްޖޭގެ ގޯލު ބަލެހެއްޓީ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ އުންމީދީ ގޯލްކީޕަރު އަލީ ނާޖިހުއެވެ. މިއަދުގެ މެޗަކީ ނާޖިހު ސީނިއާ ޓީމުގެ ފުރަތަމަ 11 އަށް ނުކުތް ފުރަތަމަ މެޗެވެ. އޭގެ އިތުރުން ހަމްޒާ މުހައްމަދު (ހަމްޕު)ގެ ބަދަލުގައި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމައިރަށް ފުރަތަމަ 11 އިން ވަނީ ފުރުސަތު ދީފައެވެ. ހަމްޕު ސާފަށް ފަހު ހުރީ ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައެވެ. ބެލެވޭ ގޮތުގައި އޭނާ އަދި ފުލްކޮށް ފިޓު ނުވެއެވެ.

ރާއްޖޭގެ އާ ކޯޗު އިޓަލީގެ ފްރެޗެސްކޯ މޮރިއޭރޯއާއެކު ރާއްޖެއިން މުބާރާތަށް ނުކުމެ މިއަދު ކުޅުނު ފުރަތަމަ މެޗުގައިވެސް ފެނުނީ އެޓޭކިން ވިސްނުމެއްގައި ޓީމު ކުޅުނުތަނެވެ. ފުރަތަމަ ހާފުގައި ރާއްޖޭގެ ޓީމުން ތިން ގޯލު ފެނިގެން ގޮސްފައިވާ އިރު، މެޗުގެ ކުރީކޮޅުގައި ރާއްޖެއިން ފުލުފުލުގައި ދެ ގޯލުވެސް ޖަހާފައިވެއެވެ. މެޗުގެ އަށްވަނަ މިނެޓުގައި ރާއްޖެއިން ލީޑު ނެގީ އަލީ އަޝްފާގު (ދަގަނޑޭ) ނަގައިދިން ހިތްގައިމު ހުރަހަކުން ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) އެވެ.

އެ ގޯލަށް މިނެޓެއްވެސް ނުވަނީސް ރާއްޖެއިން ލީޑު ފުޅާވެސް ކުރިއެވެ. ލަންކާއިން ކުރިއަށް ޖެހި ޑިފެންސް ކުރަމުން ދިއުމުގެ ފައިދާ ނަގައި، ރާއްޖޭގެ ހާފް ތެރެއިން ހުސައިން ޝިފާއު (ކްރޯ) ދިން ބޯޅަ ހިފައިގެން ވަރަށް ހުސްކޮށް އޭރިއާ ތެރެއަށް ވަދެ، ރާއްޖޭގެ ދެވަނަ ގޯލު ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ދެ ގޯލުގެ ލީޑަކާއެކު ރާއްޖެއިން ހަމަޖެހިލައިގެން ކުޅުނު އިރު، ލަންކާއިން ކޮންމެވެސް ވަރަކަށް މެޗަށް ވަންނަން މަސައްކަތް ކުރިއެވެ.

ލަންކާއިން ހަމަލާއަކަށް މަސައްކަތް ކުރި ނަމަވެސް އެޓީމަށް ރާއްޖޭގެ ގޯލަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ. ދުރުން ފޮނުވާލި ހަމަލާއެއް ގޯލާ އަމާޒުނުވެ ދިޔަ އިރު، ރާއްޖެއިން ތިންވަނަ ގޯލެއް ޖަހައި އަނެއްކާވެސް ހިތްވަރު އާކުރިއެވެ. ރާއްޖޭގެ ތިންވަނަ ގޯލަކީ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)ގެ ހިތްގައިމު ހުނަރަކާއެކު ކާމިޔާބު ކުރި ގޯލެކެވެ. ދަގަނޑޭ އަރިމައްޗަށް ދިން ބޯޅަ ހިފައިގެން ލަންކާ އޭރިއާ ތެރެއިން ވަދެ، ދެ ޑިފެންޑަރުން ނައްޓާލުމަށްފަހު ފޭދޫ އިއްބެ ގޯލަށް ބޯޅަ ވައްދާލީ ގޯލުގެ ކުޑަ ކަނުންނެވެ.

ދެވަނަ ހާފަށް ނުކުމެވެސް ނުރައްކާކޮށް ފެނުނީ ރާއްޖޭގެ ޓީމުންނެވެ. ހާއްސަކޮށް ދަގަނޑޭގެ ނުރައްކާ ހާފުގެ ކުރީކޮޅުގައި ފާހަގަކޮށްލެވުނެވެ. އޭނާގެ ބާރު ހަމަލާއެއް ދުރުން ފޮނުވާލި ނަމަވެސް ލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ އެ ހަމަލާ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އޭގެ އިރުކޮޅެއްފަހުން ދަގަނޑޭގެ ގޯލު ފެނިގެން ދިޔައެވެ. ރާއްޖޭގެ ހަތަރުވަނަ ގޯލު ދަގަނޑޭ ޖަހައިދިނީ ލަންކާ ޑިފެންޑަރު ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ، ފަސޭހަކަމާއެކު ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

ހަތަރު ގޯލުގެ ލީޑެއް ލިބުމާއެކު ރާއްޖެ ފެނުނީ ވަރަށް ބޮޑަށް ހަމަޖެހިލިތަނެވެ. މެޗުގެ ފޯކަސްވެސް ރާއްޖޭގެ ކުޅުންތެރިން ފަރާތުން ކޮންމެވެސް ވަރަކަށް ގެއްލިގެން ދިޔަތަން ފެނިގެން ގޮސްފައިވާ އިރު، ލަންކާއިން ވަނީ ފުލުފުލުގައި ތިން ގޯލުވެސް ޖަހައިފައެވެ. ގާތް ގަނޑަކަށް ދިހަ ވަރަކަށް މިނެޓު ތެރޭގައި ލަންކާއިން ތިން ގޯލު ޖެހި އިރު، އެ ތިން ގޯލުވެސް ޖެހީ ވަސީމް ރަޒީކެވެ. ތިން ގޯލުގައިވެސް ރާއްޖޭގެ މެދު ތެރެއިން މައްސަލަތަކެއް ފެނިގެން ގޮސްފައިވާ އިރު، އެ ގޯލުތަކުގައި ފެނުނީ ލަންކާގެ ހިތްވަރެވެ. ސާފް ޗެމްޕިއަންޝިޕްގައިވެސް ލަންކާ ފެނުނީ އެފަދަ ހިތްވަރަކާ އެކުގައެވެ.

ލަންކާއިން ފަހަތުން އެރުމަށް ފުރުސަތު ފަހިކޮށް ކުޅެމުން ދިޔަ އިރު، ރާއްޖެއިން ވަނީ ބަދަލުތަކެއްވެސް ގެނެސްފައެވެ. ރާއްޖެއިން މެދުތެރެއަށް ކުޅެމުން ދިޔަ ހުސައިން ނިހާން (ނިހާޓު)ގެ ބަދަލުގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި ސެންޓޭގެ ބަދަލުގައި ނާއިޒް ހަސަން (ދާދު) ވަނީ ކުޅެން އަރުވައިފައެވެ. އޭގެ އިތުރުން ފޭދޫ އިއްބެގެ ބަދަލުގައި ހަމްޕުވެސް މެޗަށް ނުކުމެފައިވެއެވެ.

އެ ބަދަލުތަކާއެކު ނަތީޖާ ހިފެހެއްޓުމަށް ރާއްޖެއަށް ހަމަޖެހިލަން ފުރުސަތު ލިބިގެން ދިޔައެވެ. އެހެން ނަމަވެސް ފަހު މިނެޓުގައި ލިބުނު ކޯނަރެއްގައި ރަޒީކް އޭނާގެ ހަތަރުވަނަ ގޯލު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށް، ރާއްޖެ މާޔޫސް ކޮށްލިއެވެ.