މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގައި ރާއްޖެއިން ކުޅޭ ހުރިހާ މެޗެއް މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ މާ ޓީވީގައި އަޅުވަން އެ ކުންފުނިން ނިންމައިފިއެވެ.

އާންމުކޮށް ބޮޑެތި މުބާރާތްތަކުގެ މެޗުތަކުގެ އިތުރުން ގައުމީ ޓީމުގެ މެޗުތައްވެސް ސްޓެލްކޯ މާ ޓީވީގައި އަޅުވާ އިރު، ސްޓެލްކޯއިން މިއަދު ބުނީ މިފަހަރުގެ މުބާރާތްވެސް މާ ޓީވީން ބެލޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އޭގެ އިތުރުން މުބާރާތުގެ ފޯރި އިތުރަށް ގަދަކުރުމަށްޓަކައި ސްޓެލްކޯގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް ކުރިއަށްގެންދާ ޕްރޮމޯޝަނެއްގައި ރާއްޖެ ކުޅޭ މެޗުތަކުގެ ސްކޯ ދިމާކޮށްގެން ފަސް ފަރާތަކަށް އެ ކުންފުނީގެ ގްރީންލައިފް ޕްރޮޑަކްޓްސްތަކުގެ ތެރޭގައި ހިމެނޭ ރީޔޫސަބަލް ފުޅިއާއި، ޓޯޓް ބޭގުގެ އިތުރުން ކަރުދާސް ކޮތަޅު ހިމެނޭ ގިފްޓް ޕެކެއް ލިބިގެންދާނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯ މާ ޓީވީން މެޗު ބެލުމަށް އަބަދުވެސް ގިނަ ބަޔަކު އެއްވާކަން ފާހަގަކޮށްލެވެއެވެ. ހާއްސަކޮށް އެ ސަރަހައްދަކީ ހިތް ފަސޭހަ ސަރަހައްދަކަށް ވުމުން ގިނަ ބަޔަކު މެޗުތައް ބެލުމަށް މީގެ ކުރިންވެސް އެ ސަރަހައްދަށް ދާކަން ފާހަގަކޮށްލެވެއެވެ.

މަހިންދަ ރާޖަޕަކްސާ ކަޕް މިއަދު ފަށާ ގޮތަށް ކުރިން އޮތް ނަމަވެސް މިއަދު ހަވީރަށް ތާވަލުކޮށްފައިވާ މެޗުގެ އިތުރުން މިރޭ ރާއްޖެއާއި ލަންކާ ކުޅެން އޮތް މެޗުވެސް މިހާރު ވަނީ މާދަމާ ހަވީރާއި ރޭގަނޑަށް ބަދަލުކޮށްފައެވެ. އެ ދެމެޗުވެސް ފަސްކުރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުންނެވެ. މިރޭގެ މެޗުގެ ކުރިން ބާއްވަން އޮތް ހުޅުވުމުގެ ރަސްމިއްޔާތުވެސް މިހާރު ވަނީ ފަސްކޮށްފައެވެ.

މިރޭ ބާއްވަން ކުރިން ރާވާފައި އޮތް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ހަމަޖެހިފައި އޮތީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތަށް ރައީސް ވަނީ މިއަދު ލަންކާއަށް ވަޑައިގެންފައެވެ. ލަންކާއަށް ރައީސް ވަޑައިގަތުން އެގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު ނަމާލް ރާޖަޕަކްސާގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ވެސް ވަނީ ރައީސަށް މަރުހަބާ ދަންނަވައިފައެވެ.

ލަންކާގެ ރޭސް ކޯސް ސްޓޭޑިއަމްގައި ކުޅެން ރާވާފައިވާ ފޯ ނޭޝަންސް ކަޕަކީ ފީފާ ކަލަންޑަރުގެ ތެރެއިން އެގައުމުގައި ބާއްވާ ފުރަތަމަ މުބާރާތެވެ. މިފަހަރުގެ މުބާރާތުގެ ފައިނަލް މެޗު މިމަހުގެ 19 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ އިރު، ފައިނަލް މެޗުގެ ހާއްސަ މެހެމާނަކަށް ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ ލަންކާއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއާއި ލަންކާ ވާދަކުރާ މެޗު މިހާރު ޝެޑިއުލް ކޮށްފައި ވަނީ ލަންކާ ގަޑިން މާދަމާ ރޭ 9:00 އަށެވެ. އެއީ ރާއްޖެ ގަޑިން މާދަމާ ރޭ 8:30 އެވެ.