ޚަބަރު

މިނިމަމް ވޭޖާއެކު ރިސޯޓު މުވައްޒަފުންނަށް މަދުވެގެން 12،000 ރުފިޔާ ލިބޭނެ: މިނިސްޓަރު ފައްޔާޒު

ރިފާ ހަލީލު

ބޮޑެތި ވިޔަފާރިތަކަށް މިނިމަމް ވޭޖުގެ ގޮތުގައި މަހަކު 8000 ރުފިޔާ ހަމަޖެއްސުމާއެކު ރިސޯޓު މުވައްޒަފުންނަށް ސާވިސް ޗާޖާއެކު އެންމެ ދަށް މުސާރައަކަށްވެސް 12000 ރުފިޔާ ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިމަމް ވޭޖް ކަނޑައަޅައި، އިއުލާން ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖު ކަނޑައެޅުމުން ގާތްގަނޑަކަށް 54،000 މުވައްޒަފުންނަށް ފައިދާ ކުރާނެ ކަމަށާއި އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ 13،000 މުވައްޒަފުން ހިމެނޭ ކަމަށެވެ.

ރިސޯޓު މުވައްޒަފުންނަށް ލިބޭ އެވްރެޖް މުސާރައަށް އިޝާރާތް ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މުވައްޒަފެއްގެ އެވްރެޖް މުސާރައަކީ 4000 އާއި 5000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށެވެ. އަދި ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ ރިސޯޓަކަށް ލިބޭ އާމްދަނީގެ 10 ޕަސެންޓް ލިބޭ އިރު، އެއީ 5000އާއި 10000 ދެމެދުގެ އަދަދެއް ކަމަށެވެ. ނަމަވެސް މިނިމަމް ވޭޖު ކަނޑައެޅިގެން ދިއުމުން ސާވިސްޗާޖާއެކު އެންމެ ކުޑަ އުޖޫރައަކަށްވެސް މަހެއްގެ މައްޗަށް 12000 ރުފިޔާ ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އާންމު ގޮތެއްގައި ރިސޯޓުތަކުގެ މުސާރައިގައި ވަރަށް ބޮޑެތި ތަފާތުތަކެއް އެބަހުރި. އެކި ހިސާބުގައި އެކި ރިސޯޓުތަކުގައި ރިސޯޓުގެ އެކި ވަޒީފާތަކުގައިވެސް އަޅުގަނޑުމެން ބެލި އިރު، އެންމެ ބޮޑުކޮށް ލިބޭ ދިވެހި މުވައްޒަފަކަށް މަހެއްގެ މައްޗަށް ދެ ލައްކަވެސް އެބަހުރި ލިބިފަ. އަނެއް ބަޔަކަށް އެބަހުރި 1000 ރުފިޔާ އަދި 2000 ރުފިޔާވެސް ލިބިފަ. އެކަމަކު މިނިމަމް ވޭޖް ކަނޑައެޅުމާއެކު ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ 60 ޕަސެންޓަށްވުރެ ގިނަ މީހުންގެ މުސާރަ ގާތްގަނޑަކަށް ދެ ގުނަވާނެ،" އޭނާ ވިދާޅުވިއެވެ.

މިނިމަމް ވޭޖް ކަނޑައަޅައި އިއުލާންކުރީ، މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ލަފާދިން ގޮތަށް ހަތަރު ކެޓަގަރީއަކަށެވެ. އެއީ ސިވިލް ސާވިސް، ކުދި ވިޔަފާރިތައް، މެދުފަންތީގެ ވިޔަފާރިތައް އަދި ބޮޑެތި ވިޔަފާރިތަކެވެ.

އެގޮތުން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރު ފައްޔާޒަށް ދީފައިވާ ލަފާގައި ވަނީ، ޕްރައިވެޓް ސެކްޓާގެ ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 24.04 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 5,000 ރުފިޔާ ދިނުމަށެވެ. އަދި ޕްރައިވެޓް ސެކްޓާގެ މެދު ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 33.65 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 7,000 ރުފިޔާ ދިނުމަށެވެ.

ޕްރައިވެޓް ސެކްޓާގެ ބޮޑެތި ވިޔަފާރިތަކަށް ދޭން ލަފާ އަރުވާފައިވަނީ، ގަޑިއިރަކަށް 42.79 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 8,900 ރުފިޔާއެވެ. ޕަބްލިކް ސެކްޓަރަށް ވޭޖް ބޯޑުން ލަފާ އަރުވާފައި ވަނީ ހަ ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް 7،000 ރުފިޔާ ނުވަތަ ހަ ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ ފަރާތްތަކަށް ގަޑިއިރަކަށް 33.65 ރުފިޔާގެ މަގުން ދިނުމަށެވެ.