ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖް (އެންމެ ކުޑަވެގެން ދެވޭނެ މުސާރަ) ތަކެއް ކަނޑައަޅައި، އެކަން ރަސްމީކޮށް މިއަދު އިއުލާނުކޮށްފިއެވެ.
ހޮޓެލް ޖެންގައި މިއަދު ބޭއްވި ޖަލްސާއެއްގައި މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މިނިމަމް ވޭޖް ގަރާރުގައި ސޮއިކުރައްވައިފައެވެ.
މިނިމަމް ވޭޖް ކަނޑައަޅައި އިއުލާންކުރީ، މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ލަފާދިން ގޮތަށް ހަތަރު ކެޓަގަރީއަކަށެވެ. އެއީ ސިވިލް ސާވިސް، ކުދި ވިޔަފާރިތައް، މެދުފަންތީގެ ވިޔަފާރިތައް އަދި ބޮޑެތި ވިޔަފާރިތަކެވެ.
އެގޮތުން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރު ފައްޔާޒަށް ދީފައިވާ ލަފާގައި ވަނީ، ޕްރައިވެޓް ސެކްޓާގެ ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 24.04 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 5,000 ރުފިޔާ ދިނުމަށެވެ. އަދި ޕްރައިވެޓް ސެކްޓާގެ މެދު ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 33.65 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 7,000 ރުފިޔާ ދިނުމަށެވެ.
ޕްރައިވެޓް ސެކްޓާގެ ބޮޑެތި ވިޔަފާރިތަކަށް ދޭން ލަފާ އަރުވާފައިވަނީ، ގަޑިއިރަކަށް 42.79 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 8,900 ރުފިޔާއެވެ.
ޕަބްލިކް ސެކްޓަރަށް ވޭޖް ބޯޑުން ލަފާ އަރުވާފައި ވަނީ ހަ ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް 7،000 ރުފިޔާ ނުވަތަ ހަ ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ ފަރާތްތަކަށް ގަޑިއިރަކަށް 33.65 ރުފިޔާގެ މަގުން ދިނުމަށެވެ.
މިނިސްޓަރު މިއަދު އިއުލާން ކުރެއްވި އަދަދުގައި ބަދަލެއް ގެނެސްފައި ވަނީ ހަމައެކަނި ޕްރައިވެޓް ސެކްޓާގެ ކުދި ފަންތީގެ ވިޔަފާރިތަކުން ދޭންޖެހޭ އެންމެ ކުޑަ މުސާރައަށާއި ޕްރައިވެޓް ސެކްޓާގެ ބޮޑެތި ވިޔަފާރިތަކުން ދޭންޖެހޭ އެންމެ ކުޑަ މުސާރައަށެވެ.
އެގޮތުން ކުދި ފަންތީގެ ވިޔަފާރިތަކަށް ލަފާދިން އަދަދު ދަށްކޮށް، ކަނޑައެޅި އަދަދަކީ ގަޑިއިރަކަށް 21.63 ރުފިޔާގެ މަގުން މަހަކަށް 4،500 ރުފިޔާއެވެ. އަދި ބޮޑެތި ވިޔަފާރިތަކަށް ލަފާދިން އަދަދު ދަށްކޮށް ކަނޑައެޅި އަދަދަކީ 8،000 ރުފިޔާއެވެ.
ޕްރައިވެތް ސެކްޓާގެ މެދު ފަންތީގެ ވިޔަފާރިތަކަށާއި ޕަބްލިކް ސެކްޓާއަށް ވޭޖް ބޯޑުން ދިން ލަފަޔަކަށް މިނިސްޓަރު ބަދަލެއް ގެންނަވާފައެއް ނުވެއެވެ.
މިނިމަމް ވޭޖް ކަމަށް ބަލައިފައި ވަނީ ވަޒީފާގެ އެއްބަސްވުމުގެ ދަށުން ލިބޭ ފިކްސްޑް އެލަވަންސް އަށެވެ. އޭގެ ތެރޭގައި ފުޑް އެލަވަންސް، ރޯދަ މަހުގެ އިނާޔަތް، އިތުރުގަޑީގެ ފައިސާ، ސާވިސް ޗާޖް ކަހަލަ އިންކައިންޑް ބެނެފިޓްސް ނުހިމެނޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު