ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްޖީން ލެއިޕްޒިގާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެގެން ނިމުނު އިރު، އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ލިވަޕޫލުން ގަދަ 16 އަށް ދަތުރު ކޮށްފިއެވެ.
މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ޕީއެސްޖީން ރޭ ލެއިޕްޒިގާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.
ރޭގެ މެޗަށް ޕީއެސްޖީން ނުކުތީ އަނިޔާގައި ހުރި ލިއޮނެލް މެސީ ނުލައެވެ. މެސީއަށް އަނިޔާވީ ހުކުރު ދުވަހު ލީގުގައި ކުޅުނު މެޗުގައެވެ. މި ސީޒަނަށް ޕީއެސްޖީއަށް ބަދަލުވި މެސީގެ ފަރާތުން ޑޮމެސްޓިކް މުބާރާތްތަކުގައި އަދި އެންމެ ރަނގަޅު ފޯމެއް ފެނިގެން ނުދާ ނަމަވެސް، ޗެމްޕިއަންސް ލީގުގައި އޭނާ އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އަމިއްލަ ދަނޑުގައި ލެއިޕްޒިގާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ވަނީ ދެ ގޯލު ޖަހައިފައެވެ.
ޖަރުމަނުގެ ލެއިޕްޒިގުގެ ހޯމްގައި ރޭ ކުޅުނު މެޗުގެ އަށްވަނަ މިނެޓުގައި ކްރިސްޓޮފާ ކުންކޫ ޖެހި ގޯލާއެކު އެޓީމުން ލީޑު ނެގިއެވެ. އެ ލީޑު ފުޅާކުރަން ޕެނަލްޓީއެއް ލިބުނު ނަމަވެސް، އަންދްރޭ ސިލްވާ ޖެހި ޕެނަލްޓީ މަތަކޮށް ޕީއެސްޖީގެ ގޯލްކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ ވަނީ އެޓީމަށް ހިތްވަރު ހޯދައި ދީފައެވެ.
ޕީއެސްޖީން ހާފު ނިންމާލީ ނަތީޖާ އަނބުރާލައިގެންނެވެ. ހާފު ނިމެން ދަނިކޮށް ޕީއެސްޖީގެ ދެ ގޯލުވެސް ކާމިޔާބު ކޮށްދިނީ ޖީނީ ވައިނާލްޑަމްއެވެ. އެ ދެ ގޯލާއެކު ތިން ޕޮއިންޓަށް ޕީއެސްޖީން ވަރަށް ބޮޑަށް ޔަގީން ކުރި ނަމަވެސް މެޗުގެ ފަހު މިނެޓުގައި ޑޮމިނިކް ޒޮބޮސްލާއީ ވަނީ ލެއިޕްޒިގަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ޕީއެސްޖީ ހިމެނޭ ގްރޫޕް އޭގައި ރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ކްލަބު ބްރޫޖު ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ސިޓީން އެއްވަނައިގައި އޮތްއިރު، ޕީއެސްޖީ އޮތީ ދެވަނައިގައެވެ. ހަތަރު މެޗުން ނުވަ ޕޮއިންޓާއެކު ސިޓީ އޮތްއިރު، ޕީއެސްޖީއަށް ހަތަރު މެޗުން ލިބެނީ އަށް ޕޮއިންޓެވެ. ބްރޫޖު ތިންވަނައިގައި އޮތްއިރު، މޮޅެއް ނުލިބި ލެއިޕްޒިގް އޮތީ ގްރޫޕް ފުލުގައެވެ.
ލިވަޕޫލުން ރޭ އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ގްރޫޕް ސްޓޭޖުގައި ލިވަޕޫލުން ކުޅުނު ހަތަރު މެޗުވެސް އެޓީމުން ކާމިޔާބު ކޮށްފައިވާއިރު، ލިވަޕޫލަށް ވަނީ 12 ޕޮއިންޓް ލިބިފައެވެ. އެޓީމަށްގަދަ 16 ޔަގީންވެފައިވާއިރު، އެ ގްރޫޕްގެ ދެވަނައިގައި ހަތަރު މެޗުން ފަސް ޕޮއިންޓާއެކު އޮތީ ޕޯޓޯއެވެ. ތިންވަނައިގައި އެތުލެޓިކޯ އޮތީ ހަތަރު މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. މޮޅެއް ނުހޯދި އޮތް އޭސީ މިލާން އޮތީ ޕޮއިންޓަކާއެކު ފުލުގައެވެ.
ރޭގެ މެޗު ފެށިގެން 13 ވަނަ މިނެޓުގައި ޑިއޭގޯ ޖޮޓާ ޖެހި ގޯލުން ލިވަޕޫލް ލީޑު ނެގިއެވެ. އަދި އޭގެ އިރުކޮޅެއް ފަހުން މެޗުގެ 21 ވަނަ މިނެޓުގައި ސަޑިއޯ މާނޭ ޖެހި ގޯލާއެކު ލިވަޕޫލުން ލީޑު ފުޅާވެސް ކުރިއެވެ. އެ ދެ ގޯލަށްވެސް ފުރުސަތު ފަހިކޮށްދިނީ އެލެކްސެންޑްރާ އާނޯލްޑުގެ ހިތްގައިމު ދެ ޕާހުންނެވެ.
ލީޑު ދަމަހައްޓަން ލިވަޕޫލަށް ފަސޭހަ ވެގެން ދިޔައީ މެޗުގެ 36 ވަނަ މިނެޓުގައި އެތުލެޓިކޯގެ ފިލީޕޭއަށް ދެއްކި ރަތް ކާޑުގެ ސަބަބުން އެތުލެޓީކޯގެ ކުޅުންތެރިޔަކު މަދުވުމުންނެވެ.
ރޭ ކުޅުނު ގްރޫޕް ސީގެ މެޗުގައި އަޔެކްސް އިން ވަނީ 3-1 އިން ޑޯޓުމަންޑު ބަލިކޮށްފައެވެ. އެ މޮޅާއެކު އަޔެކްސް އަށް ވަނީ ގަދަ 16 ޔަގީންވެފައެވެ. ގްރޫޕް ޑީގައި ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ޝަކްތާ ޑޮނެސްކް 2-1 އިން ބަލިކުރިއިރު، އިންޓަ މިލާނުން ވަނީ 3-1 އިން ޝެރިފް ބަލިކޮށްފައެވެ. އެ ގްރޫޕްގެ އެއްވަނައިގައި ރެއާލް އޮތްއިރު، ދެވަނައިގައި އޮތީ އިންޓަ މިލާނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު