މިދިޔަ އޮގަސްޓް މަހު ދައުރުވި ފަނޑިޔާރުންގެ އޯޑިއޯތަކުގައިވާ އަޑާއި ކުރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އަޑު ދިމާވާ ކަމަށް ފުލުހުން އަންގާފައިވާތީ އެ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލައިގައި އެ އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސް ހެދުމަށް ފުލުހުންނަށް ހުށަހެޅުމުން، އެ އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްގެ ނަތީޖާ މިއަދުގެ ވަގުތެއްގައި ކޮމިޝަނަށް ފޮނުއްވާފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނީ އެ އޯޑިއޯ އެނާލިސިސްގެ ނަތީޖާއިން ބައެއް މީޑިއާތަކުން ތުހުމަތު ރައްދުކުރި ތިން ފަނޑިޔާރުންގެ ތެރެއިން، ކުރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އަޑާއި އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހުންގެ އަޑު ދިމާނުވާކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި ގާޒީ އަލީ އާދަމާއި ގާޒީ މުހައްމަދު ސަމީރުގެ މައްޗަށް އުފައްދާފައިވަނީ ދޮގު ތުހުމަތުތަކަކަށް ވާތީ އެ މައްސަލަ ނުބަލަން ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

ފޮރެންސިކް ތަހުލީލަށް ފޮނުވި ތިން އޯޑިއޯއަކީވެސް ޓެމްޕާކޮށް، ރެކޯޑިންގައިވާ ވަކި ބައެއް ޑިލީޓްކޮށް ނުވަތަ ވަކި ވަކި ކުލިޕްތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ފޮރެންސިކް އެނާލިސިސްއިން އެނގިފައިވާ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

"ކުރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯއަކީ ވެސް ޓެމްޕާ ކޮށްފައިވާ އޯޑިއޯއެއްކަމުގައިވިޔަސް، އެ އޯޑިއޯގައިވާ އަޑާއި އެ ބޭފުޅާގެ އަޑާ ދިމާވާކަމަށް އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައި ވާތީ، ގާޒީ ފާއިޒު އެ ބޭފުޅާގެ އަޑުކަމާމެދު އިންކާރުކުރިކަމުގައިވިޔަސް، މި މައްސަލަ ކޮމިޝަންގެ އިސްނެގުމަށް ތަހުގީގުކުރުމަށް ނިންމައި ތަހުގީގު ކޮމިޓީއެއް މިހާރުވަނީ އެކުލަވާލެވިފައި،" ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

އެ އޯޑިއޯގައި ގާޒީ ފާއިޒު ދައްކާފައިހުރި ވާހަކަތަކަށް ބާލައިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުގައި ހިންގި ޝަރީއަތާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ފަނޑިޔާރަކާ ބައްދަލުކޮށްފައިވާ ކަމަށް ނުވަތަ ބައްދަލުކުރަން އެދިފައިވާ ކަމަށް ނުވަތަ އެ ޝަރީއަތަށް ނުފޫޒުފޯރުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަމަށް ބުނެފައި ނުވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ނަމަވެސް އެ އޯޑިއޯގައި ކޯޓުގެ ޝަރީއަތަކާ ގުޅޭގޮތުން ކޯޓުން ބޭރުގައި ގިނަ ވާހަކަތަކެއް ދައްކާފައިވާ ކަމަށާއި އެގޮތަށް ފަނޑިޔާރުގެ އަމަލު ބެހެއްޓެވުމުގެ ސަބަބުން ބަޔަކަށް އޭގެ ނާޖާއީޒު ފައިދާނެގުމުގެ ފުރުސަތު ފަހިވި ކަމަށެވެ. އަދި އެހެން ފަނޑިޔާރުންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭގޮތަށް، އޯޑިއޯތަކެއް ހަދައިގެން ދައުރުކުރުމުގެ އަމަލު ހިންގުމަށް މަގުފަހިވެގެން ދިޔަ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

ގާޒީ ފާއިޒުގެ އޯޑިއޯ ލީކް ކޮށްލާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ. އެ އޯޑިއޯގައި ގާޒީ ފާއިޒު ދައްކަވާފައިވަނީ ވޮޑުމުލާ ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވި މައްސަލައިގައިގެ ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅޭ ގޮތުންނެވެ.

އެ އޯޑިއޯގައި ގާޒީ ފާއިޒު ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ހުކުމް ކުރީ ކޮންމެވެސް ވަރެއްގެ ނުފޫޒުތަކެއް އޮވެގެން ކަމަށާއި ހުކުމުގައި ސޮއިކުރީ "ސަވައިވް" ވާން ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީނަށް ހުކުމް ކުރީ، އެމަނިކުފާނުގެ މަސްލަހަތަށްޓަކައި ކަމަށާއި އެއީ ހުކުމް ނުކޮށްފި ނަމަ އެހެން ގޮތެއް ވެދާނެ ކަމަށްޓަކައި ކަމަށެވެ.

އެގޮތުން ރައީސް ޔާމީނަށް "އޭނާ ދެރައެއް ނުދޭނެ" ކަމަށާއި އޭނާ މައްސަލަ ނިންމީ ރައީސް ޔާމީނާ އެއްކޮޅަށް ކަމަށެވެ. އަދި އެވާހަކަ އިތުރަށް ދައްކަން ބޭނުންނުވާ ކަމަށާއި 2023ގައި އެ ވާހަކަތަކުގެ ތަފުސީލު ހާމަކުރާނެ ކަމަށްވެސް ފާއިޒު ވިދާޅުވެފައިވެއެވެ.