ޚަބަރު

އިއްސެގެ މަރު: ފުލުހުން ބުނަނީ ސުމޮންއަށް އެއްވެސް އަނިޔާއެއް ކޮށްފައި ނުވާނެ ކަމަށް

މުހައްމަދު އިޝާން

ހއ. އިހަވަންދޫ އައިސް ޕްލާންޓްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު އިސްމާއިލް އުމަރު (އިއްސެ) ގެ މަރުގެ ދައުވާ ލިބޭ ސުމޮން މިއާ ކުށަށް އެއްބަސްވާން ފުލުހުން މަޖުބޫރުކުރުވީ ކަމަށް ބުނާތީ އެ މައްސަލަ ތަހުގީގުކުރި ފުލުހުން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް އެމީހުންގެ ހެކިބަސް ނަގައިފިއެވެ.

އިއްސެ މަރާލާފައި އޮއްވައި ފެނުނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހުއެވެ. އެ މަރުގެ ދައުވާ ލިބޭ ސުމޮން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށީގައި ފިލައިގެން އުޅެނިކޮށެވެ. އޭރު ސުމޮން ވަނީ ކުޅުދުއްފުށިން މާލެ އައިސް އޭނާގެ ގައުމު، ބަންގަލްދޭޝްއަށް ދިއުމަށް މަސައްކަތްކޮށްފައެވެ.

ކުޅުދުއްފުށިން ސުމޮން ހައްޔަރުކުރުމުން އޭނާ ވަނީ އިއްސެ މަރާލި ވަޅި އާއި އިއްސެގެ ހެދުމާއި އޭނާ އެ ވަގުތު ލައިގެން ހުރި ހެދުންތައް ފޮރުވާފައިވާ ތަން ފުލުހުންނަށް ކިޔައިދީ، ކުށަށް އިއުތިރާފުވެފައެވެ.

އެ މައްސަލައިގެ ޝަރީއަތް ފަށައި އިބްތިދާއީ އަޑުއެހުމުގައި ސުމޮން ވަނީ އޭނާ ތަހުގީގަށް އިއުތިރާފުވީ ފުލުހުން އަނިޔާކުރުމުން ކަމަށް ކޯޓުގައި ބުނެފައެވެ. އެގޮތުން, ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި ރޭގަނޑުގެ ވަގުތެއްގައި އޭނާގެ މޫނަށް ޕެޕޭސްޕްރޭ ޖަހައި މޫނުގަ ތަޅައި, ހެދި ކަމަށް ސުމޮން ވަނީ ބުނެފައެވެ.

ސުމޮންގެ ވާހަކަތަކާ ގުޅިގެން ޝަރީއަތުން ނިންމީ އެކަން ސާބިތުކުރުމަށް ހެކި ހުށަހަޅަން ފުރުސަތު ދިނުމަށެވެ. ސުމޮން ވަނީ އޭނާއަށް އަނިޔާކުރި ކަމަށް ބުނާ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އޮފިސަރެއްގެ ނަން ހުށަހަޅައިފައެވެ. އެއީ އިއްސެގެ މަރުގެ މައްސަލަ ތަހުގީގުކުރި ފުލުހުންގެ ޓީމުގައި ހިމެނޭ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މޫސާ އަބޫބަކުރެވެ.

މޫސާ އަބޫބަކުރުގެ ހެކިބަސް ނެގުމުގެ ކުރިން ދައުލަތުގެ ފަރާތުން ހުށަހެޅި ދެ ހެއްކެއްގެ ހެކިބަސް ވަނީ ޝަރީއަތަށް ނަގައިފައެވެ. ދައުލަތުން އިބްތިދާއީ މަރުހަލާގައި ހެކި ހުށަހެޅީ ސުމޮންއަށް އަނިޔާ ނުކުރާކަން ސާބިތުކޮށްދިނުމަށެވެ.

އެގޮތުން މިއަދުގެ ޝަރީއަތުގައި ފުރަތަމަ ހެކިބަސް ނަގާފައިވަނީ އިއްސެގެ މަރުގެ މައްސަލަ ތަހުގީގުކުރި ޓީމުގައި އިސްކޮށް އުޅުނު ސަބް އިންސްޕެކްޓާ މޫސާ ސައީދުގެ ހެކިބަހެވެ. ހެކިބަސް ދެމުން އޭނާ ވިދާޅުވީ، އިއްސެގެ މަރުގެ މައްސަލައިގެ ތުހުމަތުވާ ސުމޮން ކުޅުދުއްފުއްޓަށް ދިއުމުން ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ދިން ކަމަށެވެ. އަދި އޭނާ ކުށަށް އިއުތިރާފުވެފައިވާތީ މައްސަލައިގެ ހެކިތައް ހުރި ތަން ދެއްކުމަށް އިހަވަންދޫ ގެންދަން އުޅޭ ކަމަށް ވެސް ކުޅުދުއްފުށީ ފުލުހުން ބުނި ކަމަށެވެ.

ސުމޮން އިހަވަންދުއަށް ގެންގޮސް އިއްސެ މަރާލި ވަޅި އާއި އަންނައުނު ހުރި ތަން ދެއްކުމުން އެތަކެތި އޭނާގެ ހާޒިރުގައި ނެގުމަށްފަހު ދެން ދިޔައީ އިހަވަންދޫ ޕޮލިސް ސްޓޭޝަނަށް ކަމަށެވެ. އިހަވަންދޫ ޕޮލިސް ސްޓޭޝަންގައި މީހުން ބަންދުކުރަން ގޮޅިއެއް ނުހުންނާތީ ސުމޮން ހުރީ ޖޯލީގައި ބަހައްޓާފައި ކަމަށް މޫސާ ސައީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ސުމޮން އެއްވެސް އިރަކު ފުލުހަކު އޭނާއަށް އަނިޔާކުރިކަން ނުވަތަ ބިރުދެއްކި ކަމަށް ބުނެފައިނުވާ ކަމަށާއި އޭނާގެ ހަށިގަނޑުން އެކަހަލަ ނިޝާނެއް ވެސް ނުފެންނަ ކަމަށެވެ. އިހަވަންދޫ ޕޮލިސް ސްޓޭޝަންގައި ކެމެރާ ނުހުންނަ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެއަށްފަހު ދެން ނެގީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަލީ މުހައްމަދުގެ ހެކި ބަހެވެ. އޭނާއަކީ ވެސް އެ މައްސަލަ ތަހުގީގު ކުރި ފުލުހުންގެ ޓީމުގައި ހިމެނޭ އޮފިސަރެކެވެ. ހެކިބަސް ދެމުން އޭނާ ވިދާޅުވީ، ސޮމޮންއަށް އަނިޔާ ނުކުރާ ކަމަށާއި ސުމޮންއާ ދިމާވީ ޕޮލިސް ސްޓޭޝަނުން ކަމަށެވެ. މައްސަލައިގެ ހެކި ހޯދުމަށްފަހު ސުމޮން ބަހައްޓާފައިވަނީ އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ކައުންޓަރު ކައިރީގައި ކަން ޔަގީންކަމާއެކު އޭނާ ވިދާޅުވިއެވެ. އެއަށްފަހު އޭނާ އަނބުރާ ކުޅުދުއްފުއްޓަށް ފުރުވާލި ކަމަށާއި އެއީ އޭނާ ހައްޔަރުކުރިތާ 24 ގަޑިއިރު ހަމަވާތީ ބަންދުގެ މުއްދަތު ޖަހަން ކަމަށް ވެސް ވިދާޅުވިއެވެ.

އެއަށްފަހު ހެކިބަސް ނެގީ މައްސަލައިގެ ތަހުގީގު ޓީމުގައި ހިމެނޭ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މޫސާ އަބޫބަކުގެއެވެ. އަބޫބަކުރު ފެނުމުން ސުމޮން ބުނީ، ބިރު ދައްކައި އަނިޔާކުރި ފުލުހަކީ މޫސާ އަބޫބަކުރު ކަމަށާއި އަނިޔާކުރީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި ކަމަށެވެ.

ނަމަވެސް އެ ވާހަކަތައް ދޮގުކޮށް މޫސާ އަބޫބަކުރު ވިދާޅުވީ، ސުމޮންއާ އެންމެ ފުރަތަމަ ދިމާވީ މައްސަލައިގެ ތަހުގީގު ތެރެއިން ކަމަށާއި އިހަވަންދޫ ޕޮލިސް ސްޓޭޝަނަށް ގެނެސް އޭނާ ބަހައްޓާފައި ހުރީ އޮފީސް ބޭނުމަށް ބޭނުންކުރާ ކޮޓަރީގައި ކަމަށެވެ. އޭރު އެ ކޮޓަރީގައި ކެމެރާ ނުހުންނާނެ ކަމަށާއި ނަމަވެސް މިހާރު ކެމެރާ ހަރުކޮށްފައިވާ ކަމަށެވެ. ކެމެރާ ހުއްޓަސް އެއީ 24 ގަޑިއިރު ބޭނުންކުރާ ކެމެރާއެއް ނޫން ކަމަށާއި އެއީ ހަމައެކަނި ތުހުމަތުވާ ފަރާތާ ސުވާލުކުރާއިރު ބޭނުންކުރާ ކެމެރާއެއް ކަމަށް ވެސް ވިދާޅުވިއެވެ.

މޫސާ އަބޫބަކުރު ވިދާޅުވީ، ސުމޮން އިހަވަންދުއަށް ގެނައި ދުވަހު ފުރުވާލި ކަމަށާއި ސުމޮންއާ ދެވަނަ ފަހަރަށް ބައްދަލުވީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ކަމަށެވެ. ސުމޮންއާ ސުވާލުކުރި ޓީމުގައި ތިބީ ކުރިން ހެކިބަސް ދިން ދެ ފުލުހުން ކަމަށެވެ. އަދި ސުމޮން އެ ބުނާ ގޮތަށް ރޭގަނޑު ގޮޅިން ނެރެ ކޮޓަރިއަކަށް ވައްދައި ޕެޕާ ސްޕޭރޭ ޖެހުމަކީ އެންމެ ފުލުހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

އެއަށް ރައްދުދެއްވައި ސުމޮންގެ ވަކީލު އާމިނަތު ރުކްސާނާ އިބްރާހީމު ވިދާޅުވީ، އަނިޔާކުރީ އެންމެ ފުލުހެއް ނޫން ކަމަށާއި އޭނާއަށް އަނިޔާކުރި ފުލުހުންގެ ތެރެއިން ނަމާއި މޫނު ވަކިކުރަން އެނގުނީ ހަމައެކަނި މޫސާ އަބޫބަކުރުގެ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރިތަނާހެން އަނިޔާކުރަން ފެށި ކަމަށެވެ.

ވަކީލުގެ ވާހަކަތައް ދޮގުކޮށް މޫސާ އަބޫބަކުރު ވިދާޅުވީ، ސުމޮން ހައްޔަރުކުރީ ކުޅުދުއްފުށިން ކަމަށާއި އެވަގުތު އޭނާ ހުންނެވީ އިހަވަންދޫގައި ކަމަށްވުމުން ސުމޮން ހަދަނީ ދޮގު ކަމަށެވެ.

މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމެވެ. މައްސަލައިގެ ދެން އަޑުއެހުމެއް އޮންނާނީ 15 ދުވަސް ފަހުންނެވެ. އެއީ ހުލާސާ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުމެވެ.

އިއްސެގެ މަރާ ގުޅިގެން ސުމޮންގެ އިތުރުން އިހަވަންދޫގައި އުޅުނު އިތުރު ބިދޭސީންތަކަކަށް ވެސް ދައުލަތުން ދައުވާ ކުރެއެވެ. އެ މީހުންނަށް ދައުވާ ކުރަނީ އިއްސެ މަރާލިކަން އެނގިހުރެ އެކަން ސިއްރު ކުރުމާއި ސުމޮން ފިލައިގެން ދިއުމަށްޓަކައި އެހީތެރިވި ކަމަށް ތުހުމަތުކޮށެވެ. އެމީހުންގެ ބައި ކުރިއަށްގެންދަނީ ވަކިންނެވެ.