އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ތިނެއްގައި މިވަގުތު އޮތް ޓީމުތަކުން މިރޭ ކުޅުނު މެޗުތަކުގައި ސިޓީ ބަލިވެ، ލިވަޕޫލް އެއްވަރުވިއިރު، ފުރިހަމަ މޮޅަކާއެކު ޗެލްސީން އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ކްރިސްޓަލް ޕެލެސް އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލުން އަމިއްލަ ދަނޑުގައި ބްރައިޓަންއާ ދެކޮޅަށް ކުޅެ، 2-2 އިން އެއްވަރުވި އިރު، ޗެލްސީން ރަށުން ބޭރުގައި ނިއުކާސަލް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
މިރޭގެ ނަތީޖާތަކާއެކު ޗެލްސީ ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 10 މެޗުން ހޯދި 25 ޕޮއިންޓާއެކުގައެވެ. ލިވަޕޫލަށް 10 މެޗުން 22 ޕޮއިންޓު ލިބޭއިރު، އެޓީމު އޮތީ ދެވަނައިގައެވެ. ތިންވަނައިގައި ސިޓީ އޮތީ 10 މެޗުން 20 ޕޮއިންޓު ހޯދައިގެންނެވެ. މިވަގުތު ލީގުގެ ގަދަ ހަތަރެއްގައި ދެން އޮތް ޓީމަކީ ވެސްޓް ހަމް ޔުނައިޓެޑެވެ. ވެސްޓް ހަމްއަށް ވަނީ ނުވަ މެޗުން 17 ޕޮއިންޓު ލިބިފައެވެ.
ސިޓީން މިރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޕެލެސްއިން އެޓީމުގެ މައްޗަށް ލީޑު ނެގީ މެޗުގެ ހަވަނަ މިނެޓުގައެވެ. ފަސޭހަ ވަން ޓޫ ޕާހެއް ޖަހައި ސިޓީގެ ޑިފެންސް ފޫއަޅުވާލައިގެން އެ ގޯލު ޖެހީ ވިލްފްރެޑް ޒަހާއެވެ. ސިޓީއަށް އިތުރު މާޔޫސްކަމަކާ ކުރިމަތިވީ ހާފު ނިމެން ދަނިކޮށް ސްޕެއިންގެ ޑިފެންޑަރު އެމްރިކް ލަޕޯޓަށް ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ. ޑޮމިނޭޓުކޮށް ކުޅެ ސިޓީން ހާފު ނިންމާލި ނަމަވެސް އެޓީމަށް ކާމިޔާބު ނުވީ ގޯލެކެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ސިޓީން ނުރައްކާކޮށް، ގެބްރިއަލް ޖީސަސް ޖެހި ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް ވީއޭއާރް ބަލައި، ރެފްރީ ނިންމީ ބޯޅަ ގޯލަށް ޖެހިއިރު ޖީސަސް އޮތީ އޮފްސައިޑު މަގާމެއްގައި ކަމަށެވެ. ސިޓީން ޕޮއިންޓަކަށް ކުރަމުން ދިޔަ އުންމީދު ގެއްލުނީ މެޗު ނިމެން ދަނިކޮށް ޕެލެސްގެ ކޯނޯ ގެލެގާ ޖެހި ގޯލުންނެވެ.
ލިވަޕޫލުން މިރޭ ކުޅުނު މެޗުގައި އެޓީމުން ރަނގަޅަށް ފަށައި، މެޗުގެ ކުރީކޮޅުގައި ދެ ގޯލުވެސް ޖެހިއެވެ. ލިވަޕޫލްގެ ގޯލުތައް ޖޯޑަން ހެންޑަސަން އާއި ސަޑިއޯ މާނޭ ޖަހައިދިންއިރު، އެޓީމު ކޮޅަށް ހާފު ނިމެން ދަނިކޮށް ބްރައިޓަންއިން ފުރަތަމަ ގޯލު ޖެހީ 41 ވަނަ މިނެޓުގައެވެ. އޭރިއާ ބޭރުން އެނޮކް ވެޕޫ ޖެހި ހިތްގައިމު ބޯޅަ ގޯލަށް ވަނީ ލިވަޕޫލް ގޯލްކީޕަރު އެލިސަން ބެކާ ބޯ މަތިންނެވެ.
ލިވަޕޫލުން ދެވަނަ ހާފަށް ނުކުމެ އިތުރު ގޯލަކަށް މަސައްކަތް ކުރި ނަމަވެސް ބްރައިޓަން އިން ވަނީ ހިތްވަރުކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެޓީމުން 65 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކުރީ ލެއޮންޑްރޯ ޓްރޮސާޑު ޖެހި ގޯލުންނެވެ.
ޗެލްސީން ލީގުގެ އެއްވަނައިގައި ހަމަ ޖެހިލީ މިރޭ ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ހާފުގައި ތިން ގޯލުވެސް ޖަހައިގެންނެވެ. ފުރަތަމަ ހާފުގައި ނިއުކާސަލްއިން ރަނގަޅަށް ޑިފެންސްކޮށް ކައުންޓާގެ ފުރުސަތުތަކަށް ވިސްނި ނަމަވެސް ޗެލްސީއަށް ނުރައްކަލެއް ނެތެވެ. ފަހު ހާފުގައި ޗެލްސީން އިތުރަށް ކުރިއަށް ޖެހި ނަތީޖާ ނެރުނީ ރީސް ޖޭމްސްގެ ދެ ގޯލުގެ އިތުރުން ޖޯޖީނިއޯގެ ޕެނަލްޓީންނެވެ.
ޗެލްސީން މިރޭގެ މެޗަށްވެސް ނުކުތީ އެޓީމުގެ އެންމެ މުހިއްމު ދެ ފޯވަޑުން ކަމަށްވާ ރޮމެލޫ ލުކާކޫ އާއި ޓީމޯ ވާނާވެސް ނުލައެވެ. އެ ދެކުޅުންތެރިންވެސް ދަނީ އަނިޔާއަކުން ރިކަވާ ވަމުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު