ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދާ މައްސަލައިގެ އަޑުއެހުމެއް އަންނަ މަހު ބާއްވަން ސުޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލައިގެ އަޑު އެހުން އޮންނަނީ އަންނަ މަހުގެ އަށް ވަނަ ދުވަހުއެވެ. އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
މީގެ ކުރިން މި މައްސަލައިގެ އަޑުއެހުންތަކެއް ބޭއްވުމަށް އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރުވުމަށް ޗިޓުވެސް ފޮނުވިއެވެ. ނަމަވެސް އަލީ ވަހީދު ކޯޓަށް ހާޒިރުނުވުމުން އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބަލައި އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމްކުރިއެވެ.
ސުޕްރީމް ކޯޓުން ވަނީ އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިމިނަލް ކޯޓުގައި ކުރިއަށް ނުގެންދިޔުމަށް ވަގުތީ އަމުރެއްވެސް ނެރެފައެވެ. އެހެންކަމުން އަލީ ވަހީދުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅޭ ޝަރީއަތް އަދި ކުރިއަށް ނުގެންދެއެވެ.
ވަގުތީ އަމުރުގައި ވަނީ އަލީ ވަހީދުގެ ޝަރީއަތުގެ އެއްވެސް އަޑުއެހުމެއް އޭނާ ރާއްޖޭގެ ސަރަހައްދުން ބޭރުގައި ވަނިކޮށް އޯޑިއޯ, ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދަން އަންގައިފައެވެ.
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދާ މައްސަލަ ޕީޖީން ސުޕްރީމް ކޯޓަށް ގެންދިޔައީ ކުރިމިނަލް ކޯޓުންނާއި ހައިކޯޓުން ހައްލެއް ނުލިބުމުންނެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެއީ ހައިކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ނިންމާފައިވެއެވެ.
ހައިކޯޓުން އެގޮތަށް ނިންމި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ގާޒީ ހަސަން ސައީދުގެ ނިންމެވުމަކީ އިޖުރާއީ ނިންމެވުމަކަށްވާއިރު، އެފަދަ މައްސަލަތައް ދަށު ކޯޓުގައި ކުރިއަށް ދަނިކޮށް އިސްތިއުނާފު ނުކުރެވޭނެތީއެވެ.
އަލީ ވަހީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އޭނާ އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ ބޭސްފަރުވާއަށް ކަމަށްބުނެ ކުރިމިނަލް ކޯޓުން އެކަމަށް ހުއްދަ ދިނުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު