އދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް، "ކޮޕް26" ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިނގިރޭސިވިލާތަށް ވަޑައިގެންފި އެވެ.
އިނގިރޭސި ވިލާތުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އިނގިރޭސި ސަރުކާރުގެ އިސް ބޭފުޅުންނާއި، ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ފަރަހަނާޒް ފައިސަލްއެވެ.
ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. އޭގެ އިތުރުންވެސް އެންވަޔަރަންމަންޓު މިނިސްޓަރު، އާމިނަތު ޝައުނާ އާއި ސްޕެޝަލް އެންވޯއީ ފޯ ކުލައިމެޓް ޗޭންޖް، ސަބްރާ އިބްރާހީމް ނޫރައްދީނާއި ސަރުކާރުގެ މަތީފަންތީގެ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
ކޮޕް26ގެ ސަމިޓުގައި ރައީސް ސޯލިހު ތަގުރީރު ކުރައްވާނެއެވެ. އަދި ސަމިޓުގެ ތެރެއިން ރައީސް ސޯލިހާއި ވަފުދުގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން މަތީ ފަންތީގެ ބައްދަލުވުންތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އެކި ގައުމުތަކުގެ ލީޑަރުންނާއެކު ބައްދަލުކުރެއްވުންތައްވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކޮޕް26ގެ ސަމިޓް އިންތިޒާމު ކުރަނީ އިޓަލީ ވިލާތާއި ގުޅިގެން އިނގިރޭސި ވިލާތުންނެވެ. މި ސަމިޓަކީ ޕެރިސް އެގްރީމެންޓާއި މޫސުމަށް އަންނަ ބަދަލުތަކާބެހޭ އދ.ގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ޓަކައި ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތައް އެއްތަންކުރުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ.
އެގޮތުން މި ސަމިޓްގައި ދުނިޔޭގެ 190 އަށްވުރެ ގިނަ ގައުމުތަކުން ލީޑަރުން ބައިވެރިވާނެއެވެ. އަދި އެތައް ހާސް ނެގޯޝިއޭޓަރުންނާއި ސަރުކާރުތަކުގެ މަންދޫބުންނާއި ވިޔަފާރިވެރިންނާއި އާންމުފަރާތްތަކުން ބައިވެރިވާނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު