ދިރިއުޅޭ ގެދޮރާއި ކިޔަވަންދާ ސްކޫލާއި މަގުމަތި ސާފުތާހިރުކޮށް ބާއްވަން ދަރީންނަށް ދަސްކޮށްދޭން ވާނެ ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

"މަގުމަތީގެ އަދަބުތައް" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، އަހުލާގީ ރިވެތި ސިފަތަކުގެ ތެރޭގައި މަގުމަތީގެ އަދަބުތައް ހިމެނޭ ކަމަށާއި މަގުމަތީގެ އަދަބުތަކާއި ހައްގުތަކަށް ރައްކާތެރިވުމުގެ ސަބަބުން މީސްތަކުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާވެގެންދާނެ ކަމަށެވެ.

ހުތުބާގައި ބުނީ، މަގުމަތީގެ ހައްގުތަކުގެ ތެރޭގައި މީހަކަށް ގެއްލުމެއް ލިބިދާނެ އެންމެހައި ކަންތައްތަކުން ދުރުހެލިވުން ހިމެނޭ ކަމަށާއި މަގުމަތީގެ ހައްގު އަދާކުރުމުގެ ތެރޭގައި މަގުހިނގާ މީހުންގެ ފަރާތުން، އެހެން މީހުންނަށް ކުރާ އުނދަގުލާއި ގޯނާ ހުއްޓުވުމާއި މާރާމާރީގެ އަމަލުތައް ހުއްޓުވުން ހިމެނޭ ކަމަށެވެ. އަދި މަގުމަތީގެ ހައްގުތަކުގެ ތެރޭގައި މަގުތައް ސާފުތާހިރުކޮށް ބޭއްވުން ހިމެނޭ ކަމަށެވެ. ނަމަވެސް ގޯތިގެދޮރުގައި އުފެދޭ ކުނި، މަގުމައްޗަށް އުކާލާ މީހުން އުޅޭ ކަމަށާއި ބޭނުންކޮށްފައި އޮންނަ ޓިޝޫ އާއި ހުސްވެފައި ހުންނަ ފުޅި އާއި ދަޅު ފަދަ ތަކެތި މަގުމައްޗަށާއި ގޮނޑުދޮށަށް އުކާލުމާއި އެތަންތަން ގޮނޑުވެ ތިމާވެއްޓަށް ގެއްލުން ހުރި އަމަލުތައް ކުރާތަން ފެންނަކަމީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ، މަގުތަކުގެ ހައްގު އަދާކުރުމަށް ޓަކައި މަގުމަތިން ކުނިބުނި ނަގައި ސާފުކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއް ކަމަށެވެ. އަދި މަގުމަތީން ކުނި ބުނި ނަގައި ސާފުކުރުމަކީ އީމާންކަމުގެ އެންމެ ކުޑަމިންވަރު ކަމަށްވެސް ބުންނެވެ.

މަގުމަތީގެ އަދަބުތަކުގެ ތެރޭގައި ހެޔޮ ކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކުރުން ހިމެނޭ ކަން ފާހަގަކޮށް ހުތުބާގައި ބުނީ، މަގުމަތިން ނުރުހެވޭ މަންޒަރުތަކާއި ކަންކަން ފެންނަ ކަމަށެވެ. އެފަދަ އަމަލުތައް ކުރާ މީހުންނަށް ނަސޭހަތްދީ އެކަންތައްތައް ހުއްޓުވުމަށް މަސައްކަތް ނުކުރާ ނަމަ، ތިބާއަކީ މަގުމަތީގެ ހައްގުތައް ފުރިހަމައަށް އަދާކުރާ މީހަކަށް ނުވާނެ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން ދިރިއުޅޭ ގެދޮރާއި ކިޔަވަންދާ ސްކޫލާއި މަގުމަތި ސާފުތާހިރުކޮށް ބާއްވަން ދަރީންނަށް ދަސްކޮށްދޭ ފަދައިން، ކުންފުނިތަކާއި މުއައްސަސާތަކާއި ބޭރު މީހުން ގެންގުޅޭ ފަރާތްތަކުންވެސް އެ މީހުންގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް މަގުމަތީގެ އަދަބުތައް ދަސްކޮށްދޭން ޖެހޭ ކަމަށް މިއަދުގެ ހުތުބާގައި ބުންޏެވެ.