ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދިއުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގަ އެވެ.

ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން (އެޗްއާރްސީއެމް) އިން ބުނީ އިއްޔެ އެވެ.

ޒެނީޝާގެ އިތުރުން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ)ގެ ކުރީގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރަށް ވެސް ދައުވާކުރަން ވަނީ ފޮނުވައިފައެވެ. އެ ދެބޭފުޅުންގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ކުޑަކުދިންގެ ހިިޔާއާ ބެހޭ މައްސަލަތަކެއްގައެވެ.

އެކަމާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިއްޔެ ބުނީ ކުޑަކުދިންގެ ހިޔާއާ ގުޅުންހުރި މައްސަލަތަކެއް ތަހުގީގުކޮށް އެ މައްސަލައިގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ދައުވާކުރަން ފޮނުވީ ކޮން ބައެއްގެ މައްޗަށް ކަމެއް އެ ކޮމިޝަނުން ބުނެފައެއް ނުވެއެވެ.

ރައީސް ނަޝީދުގެ ޓުވީޓުގައި އިތުރަށް ވިދާޅުވީ ކުރީގެ ޖެންޑާ މިނިސްޓަރު، ޒެނީޝާ އަށް ކުރާ ދައުވާގެ ސަބަބުން ދިވެހި މުޖުތަމައަށް ލިބޭނެ އިތުރު ރަނގަޅެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒެނީޝާ އާއި ބަޝީރަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ބައެއް ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގައި ގާނޫނާ ހިލާފު ކަންތައްތަކެއް ކުރިކަމަށް ތުހުމަތުކޮށެވެ.

މި މައްސަލައިގައި ޕީޖީ އޮފީހުން ބުނީ އެޗްއާރުސީއެމުން ފޮނުވާފައިވާ މައްސަލައެއް އެ އޮފީހުން ދިރާސާކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ދައުވާކުރަން ފޮނުވާފައިވަނީ ކޮން ބައެއްގެ މައްޗަށް ކަމެއް ބުނެފައެއް ނުވެއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު އަދި ޕަބްލިކު ޕްރޮސިކިއުޓަރު އަހުމަދު ޝަފީއު "ވަން" އަށް ވިދާޅުވީ، އެޗްއާރުސީއެމުން ދައުވާކުރަން ފޮނުވި ކުޑަކުދިންނާ ގުޅޭ ޓޯޗާގެ މައްސަލަތަކެއްގައި އެ ކޮމިޝަނާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ.