ކޮވިޑު ޖެހިގެން އައްޑޫ ސިޓީން އިތުރު މީހަކު މަރުވެ، ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 243 އަށް އަރައިފިއެވެ.
އައްޑޫ އިކުއެޓޮރިއަލް ހޮސްޕިޓަލްގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އައްޑޫ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން އައި އުމުރުން 83 އަހަރުގެ އަންހެނަކު ރޭ ދަންވަރު 2:13ގައި މަރުވެފައިވާ ކަމަށެވެ.
އޮފިޝަލު ވިދާޅުވީ މިހާރު އެ ފެސިލިޓިގައި ހަތަރު މީހަކަށް ފަރުވާ ދެމުން އައި ނަމަވެސް އެއްވެސް މީހެއްގެ ހާލު މިވަގުތު ސީރިއަސް ނޫން ކަމަށެވެ.
މާލެ ފިޔަވައި ދެން އެންމެ ގިނަ މީހުން ކޮވިޑު ބަލީީގައި މަރުވެފައި ވަނީ އައްޑޫ ސިޓީންނެވެ. މިއީ އައްޑޫ ސިޓީން މަރުވި ނުވަ ވަނަ މީހާ އެވެ. އަދި މި މަހުގެ ތެރޭގައި އެ ސިޓީން މަރުވި ފަސް ވަނަ މީހާ އެވެ.
މިދިޔަ އަންގާރަ ދުވަހުވެސް އައްޑު ސިޓީގައި ކޮވިޑަށް ފަރުވާ ދެމުން އަިއ ދެ މީހަކު ވަނީ މަރުވެފަ އެވެ.
މިއަދުގެ މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 243 އަކަށް އަރާފަ އެވެ. މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 226 ދިވެހީންނާއި 17 ބިދޭސީންނެވެ.
މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު